25 ސެޕްޓެންބަރު 2023 - 11:04 0
މަރިޔަމް އަފާ ނިޒާމް
އޭޑީކޭ ހޮސްޕިޓަލުގެ ނަރުހުން -- ފޮޓޯ: އަދަދު
25 ސެޕްޓެންބަރު 2023 - 11:04 0
މި އަހަރުގެ ބައިނަލްއަގުވާމީ "ޕޭޝަންޓް ސޭފްޓީ ޑޭ" ނުވަތަ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަލިމީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އޭޑީކޭއިން ހިންގައިފި އެވެ.
މިއަހަރުގެ ޕޭޝަންޓް ސޭފްޓީ ޑޭ ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "އެންގޭޖިން ޕޭޝަންޓްސް ފޯ ޕޭޝަންޓް ސޭފްޓީ" އެެވެ.
އެ ހޮސްޕިޓަލުން ބުނީ މި ޝިއާރުގެ ދަށުން އޭޑީކޭގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށް، އެ މީހުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންތައްތައް ކިޔައިދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފައިވާ ކަމަށެވެ. އަދި ބަލިމީހުންނަށް ލިބިފައިވާ ގާނޫނީ ހައްގުތަކާއި ބެހޭގޮތުން ވެސް އެ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އޭޑީކޭއިން މަައުލޫމާތުދެ އެވެ.
އޭގެ އިތުރުން އޭޑީކޭއިން ބުނީ ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭއާ ގުޅިގެން އެ ހޮސްޕިޓަލުން އޮޑިޓެއް ތައްޔާރުކޮށް އާންމުކުރާނެ ކަމަށެވެ.
ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17، އެވެ.
ވަކި ހާއްސަ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަކުރުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނިންމީ 2019 ވަނަ އަހަރު އެވެ. މިފަދަ ދުވަހެއް ރަސްމީކޮށް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯއިން ނިންމީ ބަލިމީހާ ފަރުވާ ހޯދާ މާހައުލަކީ ދުޅަހެޔޮ މާހައުލަކަށް ހެދުމާއި، ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމުގެ ގޮތުންނެވެ.
Comment