Advertisement

އުތުރު ތިލަފަޅަށް ބަޔަކު އަރަން އުޅުނީ ދިވެހި ސިފައިންގެ ހުއްދަ ނުނަގައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

24 ސެޕްޓެންބަރު 2023 - 23:04 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އުތުރު ތިލަފަޅަށް ބަޔަކު އަރަން އުޅުނީ ދިވެހި ސިފައިންގެ ހުއްދަ ނުނަގައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

24 ސެޕްޓެންބަރު 2023 - 23:04 0

އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ގާއިމުކުރާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބަނދަރަށް ހުއްދަ ހޯދުމެއް ނެތި ވަދެ އެ ރަށަށް އަރަން ބަޔަކު އުޅެފައި ވަނީ ހުއްދަ ހޯދުމަކާ ނުލައި ކަމަށާއި އެ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދޭން އެދިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

މިއަދުގެ ވަގުތެއްގައި އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ ސިފައިންގެ ރަށް ކަމަށްވާ ސިފަވަރުގެ ބަނދަރަށް ލޯންޗެއްގައި ވަދެ އެ ރަށަށް އެރުމަށް މަަސައްކަތް ކޮށްފައިވަނީ "ދިޔަރެސް” ނޫހުގެ ނޫސްވެރިންކަމަށް އެމްއެންޑީއެފް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.

ގާތްގަނޑަކަށް ހަތަރު މީހުން ލޯންޗެއްގައި ގޮސް އެ ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވާފައި ވަނީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެކެވެ.

ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ އުތުރު ތިލަފަޅަކީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެ ތަނުން ގޯތި ދިނުމަށް ހުޅުވާލާފަ އެވެ. އެ ތަނުން 215 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ނިންމާފައިވާއިރު އެތަނާ އިންވެގެން އޮންނަނީ އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީ ކުރަމުންދާ ސިފަވަރެވެ.

ދުނިޔޭގެ ގައުމުތަކުގައި މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރެ އެވެ. އެގޮތުން, މި މައްސަލަ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި އުޅުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެގޮތުން, އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދައާ ނުލައި ވަނުން މަނާ ސަރަހައްދުތަކެވެ. މާލޭގައި ހުންނަ އެއްވެސް އެމްއެންޑީއެފްގެ ތަނަކަށް ނުވަތަ އަތޮޅު ތެރޭގައި ހުންނަ ކޮމާންޑް ސެންޓަރަކަށް ވެސް ވަދެވޭނީ ސިފައިންގެ ހުއްދައާ އެކު އެވެ. އާންމު ރައްޔިތުންނަަށް އެއީ ވަނުމުގެ ހުއްދަ އޮންނަ ތަންތަނެއް ނޫނެވެ.

އުތުރުތިލަފަޅުގައި ބަނދަރާއި ޑޮކްޔާޑު ހެދުމުގެ މަޝްރޫއު ފެށީ މި ހިނގާ މެއި 3، އެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާޓު ސިންގް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެ މަޝްރޫއު 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެއިލްވޭ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގާމްއާ އެވެ.

އިންޑިއާގެ އެހީގައި އުތުރުތިލަފަޅު ތަރައްގީ ކުރުމާ ދެކޮޅު ހަދައި އިދިކޮޅުން ތުހުމަތު ކުރަނީ އެ މަޝްރޫއަކީ އެތަނުގައި އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

މިއަދު އެ ތަނަށް ދިޔަ މީހުން ހާމަކުރި ވީޑިއޯއިން ވެސް އެ ތަނުގައި އަސްކަރީ ސިފައިން ހަރަކާތްތެރިވާ މަންޒަރު އެއްވެސް ވަރަކަށް ފެނިފައި ނުވެ އެވެ. އޭގެ ބަދަލުގައި ފެނުނީ އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާ މަންޒަރެވެ.