Advertisement

އަށް މިނެޓުގެ ތެރޭ ތިން ގޯލު ޖަހައި ބާސެލޯނާ މޮޅުވެއްޖެ

24 ސެޕްޓެންބަރު 2023 - 10:46 0


އަށް މިނެޓުގެ ތެރޭ ތިން ގޯލު ޖަހައި ބާސެލޯނާ މޮޅުވެއްޖެ

24 ސެޕްޓެންބަރު 2023 - 10:46 0

ބާސެލޯނާ (ސެޕްޓެމްބަރު 24) - ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ އިން ދެ ގޯލު ޖަހައި ލީޑު ނަގާފައިވަނިކޮށް، މެޗުގެ ފަހުކޮޅުގެ އަށް މިނެޓުގައި ތިން ގޯލު ޖަހައި 3-2 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ސެލްޓަވީގޯ އަތުން ފަހަތުން އަރައި މޮޅުވެ ބާސެލޯނާ ވަނީ ލަލީގާގެ އެއް ވަނަ އަށް ޖެހިލާފަ އެވެ. ހަ މެޗުން އެ ޓީމަށް 16 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.

މިރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ވާދަކުރާ "މެޑްރިޑް ޑާބީ" އިން ރެއާލް މޮޅުވެއްޖެ ނަމަ އެޓީމަށް އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

ލަލީގާގައި ރޭ ބާސެލޯނާ މޮޅުވި މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ސެލްޓަވީގޯ އިންނެވެ. މި ދެ ގޯލު ޖަހައިދިނީ ޖޯގެން ސްޓްރާންޑް ލާސަން އާއި ޓަސޯސް ޑޫވިކާސް އެވެ. ހަމަހަމަ ކުޅުމެއް މި މެޗުގައި ދެ ޓީމުން ވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ދެ ޓީމްގެ ކީޕަރުން ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށްލެވެ އެވެ.

ބާސެލޯނާއިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު އަށް މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން 81 ވަނަ މިނެޓާއި 85 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ދެ ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރިއިރު، 89 ވަނަ މިނެޓުގައި ޖޮއާއޯ ކާންސެލޯ ޖެހި ގޯލުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.

ސެލްޓަ ވީގޯ އަތުން ހޯދި މޮޅު ހުރިހާ ކުޅުންތެރިން ހަދިޔާކުރީ ދާދިފަހުން ބާސެލޯނާގެ ކޮންޓްރެކްޓް އާކުރި އެޓީމްގެ ކޯޗު ޒަވީ އަށެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދެ ވަނައިގައި އޮތް ޖިރޯނާ އިން ވަނީ 5-3 އިން މަޔޯކާ ބަލިކޮށް މި ސީޒަންގައި އެ ޓީމް ދައްކަމުން އަންނަ ރަނގަޅު ކުޅުން ތަކުރާރުކޮށްފަ އެވެ. މި ސީޒަންގައި ލަލީގާގައި އަދި މެޗަކުން ބަލިނުވެ އޮތް ތިން ޓީމްގެ ތެރޭގައި ޖިރޯނާ ހިމެނެ އެވެ. އަނެއް ދެ ޓީމަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ.

އެތުލެޓިކް ބިލްބާއޯ އާއި އަލަވޭސް ރޭ ވާދަކުރި މެޗު 2-0 އިން ބިލްބާއޯ ކާމިޔާބުކުރިއިރު، ސެވިއްޔާ އާއި އޮސަސޫނާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.