24 ސެޕްޓެންބަރު 2023 - 11:00 0
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖޭ: އޮފީސް މުބާރާތުން ހުނަރުވެރި ކުޅުންތެރިން ފެންނަ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
24 ސެޕްޓެންބަރު 2023 - 11:00 0
މިހާރު ކުރިއަށްދާ ހަ ވަނަ އިންޓަ އޮފީސް/ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުން ހުނަރުވެރި އާ ގިނަ ކުޅުންތެރިންތަކެއް ފެންނަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.
މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތަކީ ހޭންޑްބޯލް މޯލްޑިވްސް އިން ހިންގާ މުބާރާތްތަކުގެ ތެރެއިން ސްކޫލް މުބާރާތަށް ފަހު އެންމެ ގިނަ ޓީމުތައް ވާދަކުރާ އެއް މުބާރާތެވެ.
މި މުބާރާތާ ގުޅޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ ވިދާޅުވީ ސީނިއާ ލެވެލްގެ އާ ކުޅުންތެރިން އެންމެ ގިނައިން ފެންނަ މުބާރާތަކީ މި މުބާރާތް ކަމަށެވެ. އެހެން އަހަރުތަކުގައި ވެސް ހުނަރުވެރި ކުޅުންތެރިން ފެންނަ ކަމަށާއި, ނަމަވެސް މި އަހަރު ކުޅުންތެރިންގެ ފަރާތުން ބޮޑު ތަފާތެއް ފެންނަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ބޮޑު ކުރިއެރުމެއް ފެންނަމުން އަންނަ ކަމަށާއި, ފެންވަރުގެ ގޮތުން ބަލާއިރު މިއީ މިހާތަނަށް ބޭއްވޭ އެންމެ ރަނގަޅު ފެންވަރުގެ މުބާރާތް ކަމަށެވެ.
"އެބައުޅޭ ހަމަ ވަރަށް ވަރަށް މޮޅެތި ކުޅުންތެރިން, އާ ޓީމްތަކުންވެސް ވަރަށް މޮޅު ކުޅުންތެރިން އެބަފެނޭ. މީގަ އެބައުޅޭ ހަމަ ރަނގަޅަށް ތަމްރީން ދެވިއްޖެއްޔާ ގައުމީ ޓީމާ ހަމައަށްވެސް ދެވޭނެ ކުދިން. މުބާރާތުގެ ފެންވަރު ވަރަށް ރަނގަޅުކޮށް ފެންނަނީ" މުޖޭ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި އަހަރުގެ ކުރީކޮޅު ބާއްވަމުން އަންނަ އޮފީސް މުބާރާތް މި އަހަރު ބާއްވަން އެސޯސިއޭޝަނަށް ގިނަ ގޮންޖެހުންތަކެއް ދިމާވި އެވެ. އެ ގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ގައުމީ ޓީމްތައް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން މި މުބާރާތް ފަސްކުރަން ޖެހުމާއި, ގިނަ އޮފީސްތަކަކުން ވާދަކުރާ ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕްގެ ސަބަބުން ވެސް މުބާރާތުގެ ތާރީހަށް ބަދަލު ގެންނަން ޖެހުނެވެ.
މި ވަގުތަކީވެސް މުބާރާތް ބާއްވަން އެންމެ އެކަށީގެންވާ ދުވަސްވަރު ނޫންކަން ފާހަގަކުރަމުން މުޖޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ މުބާރާތުގެ ދުވަސްވަރާ ދިމާވުމުގެ ސަބަބުން އާންމު ގޮތެއްގައި ހޭންޑްބޯޅަ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ސިފައިންނާއި ޕޮލިސް މި ފަހަރު ބައިވެރިނުވާ ކަމަށެވެ.
އަނެއްކޮޅުން އެސޯސިއޭޝަންގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ގައުމީ މުބާރާތް ވެސް ޑިސެމްބަރު މަހުގެ ކުރިން ބާއްވަން ޖެހޭތީ, އޮފީސް މުބާރާތް ލަސްކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިން އެއް ޑިވިޝަނަށް ބާއްވަމުން އައި އޮފީސް މުބާރާތުގައި ދެ ވަނަ ޑިވިޝަން ހިމެނީ މީގެ ދެ އަހަރު ކުރިންނެވެ. މި ފަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި މައިގަނޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ދެ ވަނަ ޑިވިޝަންގެ ކޮންމެ ޓީމެއްގައި ވެސް ގައުމީ ޓީމްގެ އެއް ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ދިނުމެވެ.
މުޖޭ ވިދާޅުވީ މި ބަދަލާ އެކު ޓީމްތަކުގެ ކުޅުންތެރިންނަށް ވެސް އިތުރު ހިތްވަރެއް ލިބެމުން އަންނަ ކަމަށާއި, ފޯރިވެސް ގަދަވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލް އެވެ.
Comment