Advertisement

މާލޭގައި 20 އަހަރުވީ މީހުންނާއި ދަފުތަރު މީހުންނަށް ގޯތިދޭނީ އުތުރުތިލަފަޅުން: ރައީސް

23 ސެޕްޓެންބަރު 2023 - 22:36 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


މާލޭގައި 20 އަހަރުވީ މީހުންނާއި ދަފުތަރު މީހުންނަށް ގޯތިދޭނީ އުތުރުތިލަފަޅުން: ރައީސް

23 ސެޕްޓެންބަރު 2023 - 22:36 2

މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭ ސްކީމް މިރޭ އިއުލާނުކުރާނެ ކަމަށާއި އެ މީހުންނަށް ގޯތިދޭނީ ކ. އަތޮޅު އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރަން އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރަށްވެހިން ފިޔަވައި، މާލޭގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންގެ ތެރެއިން މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނާއި ދަފުތަރުގައި ޖެހިގެން އުޅޭތާ 20 އަހަރުވީ އެންމެނަށް ވެސް އެ ސްކީމުން ގޯތި ދޭނެ ކަމަށެވެ.

މާލެ އަތޮޅު އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާ ބެހޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަ ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ގޯތިދޭނެ އެއް ތަނަކީ އެ ފަޅު ކަމަށެވެ.

"އެތަނުގައި ދިވެހިން ދިރިއުޅޭނީ، ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން ކުރާ މަސައްކަތުގެ ބައެެކެވެ. ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަަކަށް ލިބެން ޖެހޭ ފުރުސަތު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެ ގޯތި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ހާމަކުރި އެވެ.

ސިފައިންގެ ބޭނުމަށް އުތުރުތިލަފަޅުގައި ތަރައްގީކުރާ ބަނދަރާ ގުޅުވައި އިދިކޮޅުން ސަރުކާރަށް ކުރާ ތުހުމަތުތަކަށް ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިރޭ ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސާސިއަށް ބަދަލުގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރި އެއްކަމަކީ އެ ގާނޫނުއަސާސީއަށް އޭރު ގެނެސްފައި އޮތް ބަދަލު އަނބުރާ އިއާދަކުރުން. ހަމަ ގައިމުވެސް މިއަދަކު ރާއްޖޭގެ އެންމެ ފަސްކޮޅެއް ވެސް އެންމެ އިއްޗިއެއް ވެސް ބޭރުގެ ގައުމަކަށް މީހަކަށް މިލްކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭ ވާހައަކީ ވެސް އިދިކޮޅުން ދައްކާ ވާހަކައެއްކަން ފާހަގަކުރައްވައި އެވާހަކައަށް ވެސް އެމަނިކުފާނު ރައްދުދެއްވި އެވެ. ވިދާޅުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގައި ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.