Advertisement

ގެންނަންވީ އިސްލާހީ އެޖެންޑާއެއް، ކުއްލި ވޯޓެއް ނޫން!

24 ސެޕްޓެންބަރު 2023 - 07:43 9

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހޭލުންތެރިކުރުމާއި އިންތިގާލީ މަރުހަލާތައް ސާފުނުކޮށް ރެފަރަންޑަމްއަކަށް ދިޔުން ރަމްޒުކޮށްދޭ އާޓްވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ގެންނަންވީ އިސްލާހީ އެޖެންޑާއެއް، ކުއްލި ވޯޓެއް ނޫން!

24 ސެޕްޓެންބަރު 2023 - 07:43 9

ދެ އަހަރުން އެއް އަހަރު ކޮންމެވެސް އިންތިހާބެއް އޮވެ އެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެވެ. އެއްވެސް ޕާޓީއަކަށް ފުރިހަމަ މެޖޯރިޓީ ނުލިބޭތީ، އެ އިންތިހާބުގެ ދެވަނަ ބުރެއް ވެސް ބާއްވަ އެވެ. އޭގެ ހަތަރު މަހެއްހާ ދުވަސް ފަހުން މަޖިލީހުގެ އިންތިހާބެެވެ. އޭގެ ދޮޅު އަހަރެއް ފަހުން ކައުންސިލް އިންތިހާބެވެ.

އިންތިހާބީ މޫސުމުން ފުރި، ވޯޓު ވިއްކުމުގެ ހަރަކާތް ވެސް ބޮޑެވެ. ނާޖާއިޒު ފައިދާ ނަގަނީ ވޯޓު ލުމުގެ އޮނިގަނޑުންނެވެ. އޮނިގަނޑަކީ، އިންތިހާބު ކުރަން ބޭނުންވާ ކެންޑިޑޭޓު ކައިރީ ރަނގަޅު ފާހަގައެއް ލައިގެން، ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު އިންތިހާބު ކުރުމެވެ. ވޯޓު ކަރުދާހުގައި ކުރަހާ ފާހަގަ އެނގޭނެ ގޮތްތަކެއް ހުރެ އެވެ. ވިއްކި ވޯޓު ހޯދަނީ އޭގެ އުކުޅުތަކަކުންނެވެ. ވޯޓުގެ ސިއްރުވެރިކަން ނުހިފެހެއްޓެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ވަނީ ގިނަ ސިޔާސީ ޕާޓީ ބައިވެރިވާ ކޯލިޝަނަކުންނެވެ. ތަފާތު ފިކުރުތަކުގެ ވަޒީރުން ހިމެނޭ ކެބިނެޓެއް އައްޔަންކޮށް، ދެން ފެންނަނީ ސަރުކާރު ހިންގުމުގައި އެތައް ގޮންޖެހުމެއްގެ ތަޖުރިބާ އެވެ. ސަރުކާރުތަކުގެ ދުވެއްޔާ މެދު ރައްޔިތުން ހިތްހަމަނުޖެހި، ކޮންމެ ފަހަރަކު ވޯޓު ދެނީ ބަދަލަކަށެވެ.

މަޖިލިސް އިންތިހާބުން ގެންނަނީ، ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ ބަޔެކެވެ. ވިސްނުމަކީ ސަރުކާރުން ގޯހެއް ހަދާތޯ ފާރަވެރިވުމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ ވަރު ބެލުމެވެ. ގިނަ ރައްޔިތުންގެ ހިޔާލު ހިމެނިގެން ގާނޫނުތައް ހެދުމެވެ. އެކަމަކު މެންބަރުން ބޮޑަށް އުޅެނީ ދާއިރާގައި ހިނގާ މަޝްރޫއުތަކުގެ މައުލޫމާތު އެއްކުރުމުގަ އެވެ. "ޕްރޮޖެކްޓް އޮފިސަރެއް" ފަދަ އެވެ.

ސަރުކާރާއި މަޖިލިސް، ގާނޫނުތަކާ ހިލާފުވާނަމަ އިންސާފު ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ ޖުޑިޝަރީއަށެވެ. އެ ތަންތަނުގެ ވަސީލަތުގެ ފެންވަރު ދަށެވެ. ބަރޯސާ ވާން ޖެހެނީ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ. ބަޖެޓު ހުށަހަޅަނީ ސަރުކާރުންނެވެ. އެ ބާރުގެ ބެލެނިވެރިޔާ، ޖޭއެސްސީއަކީ ވެސް އަނެއް ދެ ބާރުގެ ނުފޫޒު އޮންނަ ތަނެކެވެ. ވެރިކަންކުރާ ޕާޓީގެ ވަކީލުންނާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ވަކީލުން ތިބެ އެވެ.

ފެހި ގާނޫނު އަސާސީގެ 15 އަހަރު ކުރި ތަޖުރިބާއަކީ އެއީ އެވެ.

ގާނޫނު އަސާސީ އެކުލަވާލިއިރު ބަންޑާރަ ނައިބަކަށް ހުންނެވި ޑރ. ހަސަން ސައީދުގެ ނަޒަރުގައި މައްސަލަތައް ގުޅެނީ ވެސް ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށިގެން ނިންމި ގޮތަށެވެ. ދުރު ރާސްތާއަކަށް ޕްލޭންކޮށް، ދިރާސާތަކުގެ މަތިން އެ ކަން ކޮށްފައެއް ނުވެ އެވެ. ސަރުކާރުގެ އެ ނިޔަތެއް ނެތެވެ. މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުންގެ ވެސް ނެތެވެ.

"ރައީސް މައުމޫނުގެ އިންތިހާބީ އެޖެންޑާގައި ވެސް އޮތް ކަމެއް ނޫން، ބޭރު ގައުމުތަކާއި އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރުން ފެށުނީ، ދެން އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަކަށް ވެސް ނާދޭ ރައީސް މައުމޫން ނޫން ބޭފުޅަކު ވެރިކަމަށް އަތުވެދާނެ ކަމަކަށް، އެހެންވެ ރައީސްގެ ބާރު މާ ބޮޑަށް ހަނީ، ރިޔާސީ ނިޒާމަކަށް ވުރެ،" އޭރުގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު އެޑިޓާސް ގިލްޑަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

އެންމެ ފަހުން އަނެއްކާ ވެސް ސިޔާސީ މަސައްކަތުގެ މިސްރާބު އޮތީ އެ ދިމާއަށެވެ. ފެހި ގާނޫނު އަސާސީން ވެރިކަންކުރައްވަން ފުރަތަމަ ލިބިވަޑައިގަތް ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ބަރުލަމާނީ ނިޒާމުގެ ސަޕޯޓަރެކެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ފެންނަން ހުރި ނިޒާމީ މައްސަލަތަކުގެ ހައްލު އޮތީ މުޅި ނިޒާމު އަނެއްކާ ވެސް އިންގިލާބުކޮށްގެނެވެ.

ހައްލެއްގެ ގޮތުގައި، އެމަނިކުފާނު ލީޑުކުރައްވާ ޑިމޮކްރެޓްސް ޕާޓީން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮކްޓޯބަރު މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އަނެއްކާ ވެސް މި ދެވެނީ ކުރިން ވެސް ހެދި ގޯހާ ދިމާއަށް ނޫން ހެއްޔެވެ؟ ރިޔާސީ އިންތިހާބު ނިމިގެން، އާ ރިޔާސީ ދައުރުގެ ކުރިއަށް މި ނަގާން އުޅޭ ވޯޓުން އުފެދޭ ސުވާލުތައް ގިނަ އެވެ. މީގެ ބަދަލުގައި ރަނގަޅަށް ތަރުތީބު ވެފައިވާ އިސްލާހީ އެޖެންޑާއެއް ބޭނުންވެ އެވެ. އެ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ؛ އިންތިގާލީ މަރުހަލާއެއް އޮތުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30، ގަ އެވެ. މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް އޭގެ ފަހަށް އަންނާނެ ކަމަށް ވަކި ދެކިގެން ކުރިމަތިލި ކެންޑިޑޭޓުންނެއް ނޫނެވެ. ވެރިކަމުގެ ނިޒާމުގެ ބަހުސް އަބަދުވެސް އޮތް ނަމަވެސް ރިޔާސީ އިންތިހާބު ނިމިގެން މަހެއްގެ ތެރޭގައި އަންނާނެ ކަމަށް ބެލެވިފައެއް ނުވެ އެވެ.

ހާއްސަ މަޖިލީހުގައި ފެންނަ ނުފެންނަ ވޯޓުގެ ކޮމިޓީގެ މުގައްރިރު މޫސާ ނިޒާރުގެ ހިޔާލަކީ މީގެ ދެމެދަށް އިންތިގާލީ މަރުހަލާއެއް އޮންނަން ޖެހެ އެވެ. އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ރައީސަށް ރިޔާސީ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމެވެ.

"ރަނގަޅު ގޮތަކީ މި ކަމަށް ފުޅާ ގޮތެއްގައި ބަހުސްކޮށް އަންނަ ދައުރަކަށް ހެދުން، ރައްޔިތުން އިންތިހާބުކުރާ ރައީސަށް މަސައްކަތް ކުރުމަށް ފުރުސަތު ނުދީ، ގާނޫނުއަސާސީ ބަދަލުކޮށްގެން، އޭގެ ފަހަތުން އިންތިހާބީ ރައީސް ދާން ޖެހުމަކީ ދައުލަތަށް އެންމެ ރަނގަޅު ގޮތެއް ނޫން،" މޫސާ ނިޒާރު ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވެސް ވިދާޅުވި ގޮތުގައި މަދަނީ އާ ރިޔާސީ ދައުރެއް ފެށުމުގެ ކުރިއަށް އަލުން ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި މިހާރު ކުރަން އުޅޭ މަސައްކަތް ވެސް އޭނައަށް ފެންނަނީ ސިޔާސީ އުކުޅެއްގެ ގޮތުގަ އެވެ.

"މި އުޅެނީކީ ނިޒާމު ބޭނުވެނެއް ނޫން، ކުރިން އެމްޑީޕީއަކަށް މުހިންމެއް ނުވި މި ކަމެއް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަކުން ވެސް ނޫޅޭ، ކުއްލިއަކަށް ގޮސް ފާސްކުރަން ވޯޓު ދިނީ، މި އުޅެނީ އަސްލު [ޑިމޮކްރެޓްސްއަށް ލިބުނު] 7 ޕަސެންޓް ވޯޓު ބޭނުން ވެގެން،" އޭނާ ވިދާޅުވި އެވެ.

މޫސާ ނިޒާރާއި ޑރ. ޝަހީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުން ހޭލުންތެރިކުރުމާއި ނިޒާމުގެ ބަހުސާއި ރިފަރަންޑަމްގެ އުސޫލުތައް ކަނޑައެޅުމާއި، ކެމްޕެއިން ކުރުމަށް ވެސް ވަގުތު ބޭނުންވާނެ އެވެ. ދެ ނިޒާމުގެ އޮނިގަނޑު ފާސްކުރުމާއި އެ އޮނިގަނޑުތަކަށް ކެމްޕެއިން ކުރާނެ ޓީމުތަކެއް އެކުލަވާލާއި އެ މަސައްކަތް ބަހާނެ ވަކި ގޮތެއް ވެސް ހޯދަން ޖެހެ އވެ.

މިއީ މަދުވެގެން އެއް އަހަރާއި ދެ އަހަރު ދުވަހުގެ ދެމެދުގެ މުއްދަތެއް ނަގައިގެން، މި ފެށޭ ރިޔާސީ ދައުރަށް ފަހު ކުރާ ނަމަ ކުރަންވީ ކަމެކެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވެސް ވިދާޅުވެފައިވަނީ، ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަކީ މުޖުތަމައުގެ އަސާސަކަށް ގެންނަ ބަދަލެކެވެ. އެ ވަރުގެ ބަދަލެއް ގެންނަ އިރު ރައްޔިތުންނަށް އެ ކަން ސާފުކޮށް އަންގާފައި އޮންނަން ޖެހެ އެވެ. ކޮންމެ ރައްޔިތަކަށް ވެސް އެ ކަން އެނގިފައި އޮތް ކަން ޔަގީންކުރަން ޖެހެ އެވެ.

ގާނޫނު އަސާސީގެ ވަކިވަކި މާއްދާތަކަށް ބަދަލު ގެނެސްގެން ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ވެރިކަމުގެ ނިޒާމު ހިމެނޭހެން ގާނޫނު އަސާސީގައި ބަދަލުކުރަން ޖެހޭ ވަރަށް ގިނަ މާއްދާވާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. 2018 ގެ ފަހުން އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދެވީ ވެސް އެ މަސައްކަތް އެއީ އެއް މަސައްކަތެއްގެ ގޮތުގައި، ވަގުތުދީގެން، ކުރިއަށް ގެންދިޔުމެވެ.

"ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ފަސޭހައިން އެއްވެސް މުޖުތަމައެއްގައި ކޮށްގެން ވާނެ ކަމެއް ނޫން، ވަކިވަކި މާއްދާއަށް އަވަސްއަވަހަށް ބަދަލު ގެނެވިގެން ވެސް ނުވާނެ، ލާމަރުކަޒީ ބާބާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާބާއި، ވެރިކަމުގެ ނިޒާމާއި، މި ހުރިހާ އިސްލާހެއް އެކުގައި ހިންގާން ޖެހޭ،" ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހެއް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ދެން؛ ފެންނަ ނުފެންނަ ވޯޓުތަކުގެ ޕެކޭޖެއް ދިނުން

މީގެ ކުރިން 2007 ގައި ފެންނަ ނުފެންނަ ވޯޓު ނެގިއިރު ރައްޔިތުންގެ ކުރިމަތީގައި އޮތް ހަމައެކަނި ސުވާލަކީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ އެވެ.

އެއިން ކޮންމެ ނިޒާމެއްގައި ދައުލަތުގެ އޮނިގަނޑު އޮންނާނެ ގޮތް އެކުލަވާލާފައި ނެތެވެ. ރިޔާސީ ނިޒާމެއް ގެންނަ ނަމަ، ބާރުތައް ވަކިކުރެވިގެން ދާނެ ގޮތުގެ ސީދާ ގޮތެއް ތަސައްވުރު ކޮށްދީފައެއް ނުވެ އެވެ. ބަރުލަމާނީ ނިޒާމު ނަމަ، މަޖިލީހުގައި ސަރުކާރު ހިނގާނެ ގޮތާއި ރައީސަކީ މަޖިލިހުން އިންތިހާބު ކުރާނެ މަގާމެއްތޯ ނުވަތަ ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބު ކުރާނެ މަގާމެއްތޯ ވެސް ސާފެއް ނޫނެވެ.

ހާއްސަ މަޖިލީހުން ފާސްކުރީ ފުރިހަމަ ރިޔާސީ ނިޒާމެއްގެ އޮނިގަނޑަކަށް ނުވާއިރު ދެވަނަ ފަހަރު މި ގޯސް ތަކުރާރު ކުރުން ގޯހެވެ. ވީހިނދު ރައްޔިތުންގެ މަޖިލީހުން ބަރުލަމާނީ ނިޒާމުގެ އޮނިގަނޑު ފާސްކުރުން މުހިންމެވެ. އޮނިގަނޑުގެ ކޮންމެ ސިފައަކަށް ވަކިވަކިން ވޯޓު ދެވޭނެ ގޮތް ވުން މުހިންމެވެ.

ޕެކޭޖުގެ މިސާލެއް؛

  • ވެރިކަމުގެ ނިޒާމު: ރިޔާސީ ނުވަތަ ބަރުލަމާނީ (ބާރުތައް ބެހޭނެ ގޮތުގެ އޮނިގަނޑުގެ ސުވާލު)
  • ރައީސަށް މަޖިލީސް އުވާލުމުގެ ބާރު ދޭނެތޯ؟ ނުވަތަ ނުދޭނެތޯ؟
  • ވޯޓިން ސިސްޓަމް؛ އެންމެ ގަޔާވާ ކެންޑިޑޭޓަކަށް ދެވޭ ވޯޓެއްތޯ؟ ނޫނީ ކޮންމެ ކެންޑިޑޭޓެއް ވަޒަން ކުރާ ގޮތަށް އޮންނަ ޕްރެފެންޝަލް ސިސްޓަމްގެ ވޯޓެއްތޯ؟
  • މަޖިލީހުގެ އޮނިގަނޑު؛ ތިރިގެއާއި މަތިގެ ބަހައްޓާނެތޯ ނުވަތަ މިހާރުގެ އުސޫލުން އެއް ގޭގެ މަޖިލީހެއްތޯ؟
  • މަޖިލީހުގެ އޮނިގަނޑު: ނޭޝަނަލިސްޓް ލިސްޓެއްގެ މެންބަރުން މަޖިލީހުގައި ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ؟
  • މަޖިލީހުގެ އޮނިގަނޑު: ވަކިވަކި އަތޮޅު ތަމްސީލުކުރާ ގޮތަށްތޯ، ނޫނީ މިހާރުގެ އުސޫލުން ވަކި ނިސްބަތެއްގެ އާބާދީއެއް ހިމެނޭ ދާއިރާއެއް ތަމްސީލުކުރާ ގޮތަށްތޯ؟
  • މަޖިލީހުގެ އޮނިގަނޑު؛ ކަނޑައެޅޭ ހާއްސަ ބައެއް ކޮމެޓީތަކުގެ މުގައްރިރުކަމާއި މެޖޯރިޓީ ސަރުކާރާ އިދިކޮޅު ޕާޓީތަކަށް ދޭން ފެނޭތޯ، ނުވަތަ ނުފެނޭތޯ؟
  • ޖޭއެސްސީގެ އޮނިގަނޑު އޮންނަންވީ ގޮތަށް ވަކި ވޯޓެއް

ޑރ. ޝަހީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، ފެންނަ ނުފެންނަ ވޯޓަކަށް ދާނަމަ ވެރިކަމުގެ ނިޒާމުގެ ސުވާލު އެކަނި ހިމެނުމުގެ ބަދަލުގައި ނިޒާމުގައި ހިމެނޭ ބައެއް އެހެން ސިފަތަކުގެ ސުވާލު ވެސް ވަކިވަކިން ރައްޔިތުން ކައިރީ އެހުން ވަރަށް މުހިންމެވެ.

އޭނާ ތާއީދުކުރައްވަނީ ވެސް ކޮންމެ ސިފައެއްގެ ބަހުސްކޮށް، ދެން ހަމައެކަނި އެ ސިފައެއްގެ ވޯޓު ލުމެވެ. ދެން އަނެއްކާ ވެސް އެ ތަރުތީބުން އަނެއް ސިފައަށް ބަހުސް ކުރުމާއި ވޯޓުގެ މަސައްކަތް ގެންދިޔުމެވެ.

"ވަކިވަކި ކޮށްލުމުން ހަރަދު ވެސް ބޮޑުވެދާނެ، ބައިވެރިވުން ވެސް ކުޑަވެދާނެ، އެހެންވިޔަކަސް އަޅުގަނޑަށް ފެންނަނީ އަސްލު މައްސަލައެއްގައި ރައްޔިތުންގެ ސާފު ބުނުމެއް ހޯދޭނީ، ކޮންމެ އެއްޗެއް ވަކިވަކިން، އަދި ވީހާވެސް މަދުން ސުވާލުކޮށްގެން،" ޝަހީދު ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވެސް ގަބޫލުކުރައްވަނީ ފެންނަ ނުފެންނަ ވޯޓުތަކުގެ ޕެކޭޖެއް ގެނައުމެވެ. އެކަމަކު، އެ ޕެކޭޖު އެއް ފަހަރާ ކުރިއަށް ގެންދިޔުމަށެވެ. އެއީ ޝަހީދު ވެސް ފާހަގަ ކުރެއްވި ގޮތަށް، ރައްޔިތުންގެ ބައިވެރިވުން މަދުވުމުގެ ފުރުސަތު އޮންނާތީ އެވެ.

"އެކި ރައްޔިތުންގެ އިންޓްރެސްޓް ހުންނާނީ އެކި ކަންކަމަށް، ބައެއް މީހުނަށް ބަރުލަމާނީ ނިޒާމަށް ނުގޮސް، ޕްރެފެންޝަލް ވޯޓިންއެއް އެކަނި ގެންނަން ވިސްނިދާނެ، އެ މީހަކު ބަރުލަމާނީ ވޯޓުގައި އޭނާ ބައިވެރިނުވިއްޔާ އެ ގެއްލެނީ މުޅި ރައްޔިތުންގެ ހިޔާލު އެއަށް ވެސް،" ފޯމީގެ ހިޔާލު އޭނާ ހިއްސާ ކުރި އެވެ.

ފޯމީ އާއި ޝަހީދު ވެސް ފާހަގަ ކުރެއްވި ކަމަކީ ނިޒާމަށް ގެންނަން އުޅޭ ބަދަލުގެ ފޯކަސް އޮންނަން ވާނީ ކޮރަޕްޝަން މަދު ކުރުމާއި ސިޔާސީ ފައިސާގެ ހާމަކަން ބޮޑު ކުރުމަށެވެ. މި ނިޒާމުގައި ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ބައްޓަން ނުވާ ސަބަބަކީ އެއީ އެވެ.

ރިޕޯޓަށް ވާހަކަ ދެއްކެވި ކޮންމެ ބޭފުޅެއްގެ ކަންބޮޑުވުމަކީ އެއް މަސް ދުވަހުގެ މުއްދަތަކުން މި ކަން ކުރަން އުޅުމެވެ. އަދި އާ ރިޔާސީ ދައުރަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރާތާ އެއް މަސް ފަހުން މި ކަން ކުރުމެވެ. ކުރިން ވެސް ފެންނަ ނުފެންނަ ވޯޓު ނެގިއިރު ގެންނަން އުޅޭ ދެ ނިޒާމު ފަރަގުކޮށްދީ ބުނެދެވިފައި ނުވާއިރު، ދެން ވެސް ގެންނަން ބުނާ ބަރުލަމާނީ ނިޒާމުގެ އޮނިގަނޑު ކުޑަމިނުން ފެންނަން އަދި ނެތުމެވެ.

މުޅި ސިޔާސީ ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތަކަށް އެނބުރިދާނަމަ، ތަރުތީބުވެގެން އިންތިޒާމީ އޮނިގަނޑެއްގެ ތެރެއިން ކުރަން ޖެހެ އެވެ. ހޭލުންތެރިކުރުމުގެ ކެމްޕެއިނުތައް އޮންނަން ވާނެ އެވެ. ނިޒާމަށް ގެނެވޭނެ ކޮންމެ ބަދަލަކަށް ބަހުސްކޮށް، އެ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ފެންނަ ނުފެންނަ ގޮތް ބަލަން ވާނެ އެވެ. މި ހުރިހާ ކަމެއް ކުރަން އިންތިގާލީ މަރުހަލާގެ މުއްދަތެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ.

ގެންނަންވީ އެފަދަ އިސްލާހީ އެޖެންޑާއެކެވެ. ވާންވީ ގޮތެއް ސާފުނުވެ އޮތް ކުއްލި ވޯޓެއް ނޫނެވެ!