Advertisement

ނަތީޖާގެ ފަރަގު ކުޑަވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން: ފުއާދު

25 އޭޕްރީލް 2024 - 16:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: ފަރަގު ކުޑަވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަތީޖާގެ ފަރަގު ކުޑަވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން: ފުއާދު

25 އޭޕްރީލް 2024 - 16:23 0

ނަތީޖާގެ ފަރަގު ކުޑަވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

އީސީއިން ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ އިންތިހާބުގައި ވޯޓުލީ ފޮށްޓެއް އަލުން ގުނަން ޖެހެނީ އެ ފޮށްޓެއްގައި ގާނޫނާ ހިލާފު އަމަލެއް ހިނގައިގެން ނުވަތަ ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގުމުން ކަމަށެވެ.

ވޯޓުލާ ވަގުތު އަދި ގުނުމުގެ ވަގުތު އެއްވެސް ޝަކުވާއަށް ހުށަނާޅައި، ވޯޓުގެ ނަތީޖާ އިއުލާން ކުރުމުން އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުން އެ ޝަކުވާއެއް ބަލަން އުނދަގޫވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އެކި ސަބަބުތަކަށްޓަކައި ވޯޓުލީ ވަގުތު ނުވަތަ ވޯޓު ގުނި ވަގުތު މަންދޫބުން ނެތުމަކީ ގަބޫލު ކުރެވޭ ސަބަބެއް ނޫން. އެއްވެސް ޝަކުވާއެއް އޮތްނަމަ އަބަދުވެސް އެދެމުންދަނީ ވޯޓުލާ ވަގުތު ނުވަތަ ގުނާއިރު އެ ޝަކުވާއެއް ހުށަހަޅަން،" ފުއާދު ވިދާޅުވި އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބަކީ މިހާތަނަށް ތާރީހުގައި ވެސް ބޭއްވުނު އެންމެ ކާމިޔާބު މަޖިލިސް އިންތިހާބު ކަމަށާއި އަމާންކޮށް އިންތިހާބު ގެންދިޔުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ވޯޓުގެ ނަތީޖާ އެންމެ ފަރަގު ކުޑަކޮށް މުޅި އިންތިހާބުން ވެސް ފެނިގެންދިޔައީ ހަތަރު ވޯޓާއެކު ދުވާފަރު ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާއަށް ބާތިލް 41 ވޯޓު ވެސް ލައިފައި ވެ އެވެ.

ދުވާފަރު ދާއިރާގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ 1،074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ އެވެ. އަދި އޭނާގެ ފަހަތުން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯއްދެވި މިނިވަން ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1،070 ވޯޓެވެ.

މިގޮތުން އިބްރާހިމް އަބްދުއްރަހްމާންގެ މަންދޫބުން ވަނީ ބާތިލް ވޯޓުތައް ގިނަވުމުން، ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނައިދޭން އެދި ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް އީސީއިން ނިންމީ އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.