21 ސެޕްޓެންބަރު 2023 - 12:23 0
ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ގޯލްކީޕަރު ފައިސަލް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
21 ސެޕްޓެންބަރު 2023 - 12:23 0
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
އިންޑިއާގެ ކޮއިމްބަތޫރުގައި މިއަދު ހެނދުނު ފައިސަލް، އޮޕަރޭޝަން ކޮށްފައިވަނީ އޭނާގެ ކަނާތު ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެ.
ފައިސަލް ކަކުލަށް އަނިޔާވީ މިދިޔަ ޖުލައި މަހު ފަހުކޮޅު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ވޯމްއަޕް ތެރޭގަ އެވެ.
މީގެ ކުރިން ވެސް ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަން އޮޕަރޭޝަނެއް ކުރުމަށް ފަހު ފައިސަލް ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސް ތަފާތު ދައްކައިފަ އެވެ. އެ ގޮތުން، 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ފައިސަލް އެވެ.
ފައިސަލް އަށް އަނިޔާވުމުން ދެން މި ސީޒަނުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ނުބެލެވޭތީ މާޒިޔާ އިން ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އައި ނާޖިހު އަލީ (ނާޖީ)ގެ ސޮއި ހޯދައިފަ އެވެ.
ކުރިން އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި ކުޅެދީފައިވާ ފައިސަލް އަލުން ކުޅުމަށް އެނބުރި އަންނަން ނުވަ މަހެއްހާ ދުވަސް ނަގާނެ އެވެ.
މިދިޔަ ޖޫން/ޖުލައި މަހު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޕްރެކްޓިހުގެ ތެރެއިން ފައިސަލް ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް އެ މުބާރާތުގައި ވެސް ނުކުޅެވުނެވެ
Comment