Advertisement

ނިޒާމީ ވޯޓަށް ގޮވައިލާ ގަރާރު މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

20 ސެޕްޓެންބަރު 2023 - 14:44 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ނިޒާމީ ވޯޓަށް ގޮވައިލާ ގަރާރު މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

20 ސެޕްޓެންބަރު 2023 - 14:44 0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްހަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިލްޔާސް މިއަދު ހުށަހެޅުއްވި ގަރާރުގައި ގޮވައިލެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބަލަން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެެހެން ނަމަވެސް އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރީ އެތާރީހު އަވަސްކޮށް، އޮކްޓޯބަރު 30، ގެ ކުރިން ވޯޓު ނަގަން ގޮވައިލާ އިސްލާހަކާ އެކުގަ އެވެ.

މުޅި މަޖިލީހުން އެ ގަރާރު ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މުޅި މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެމްބަރުންގެ އިއްތިފާގުންނެވެ.

ގަރާރު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެފަދަ ވޯޓެއް ނެގުމުގެ ކުރިން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ވެސް ފެންނަ ނުފެންނަ ވޯޓަކަށް އަހަން ޖެހޭނެ ކަމަށެވެ. މަޖިލީހުން ފާސްކުރާ ގަރާރަކުން އެފަދަ ވޯޓެއް ނެގިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ގަރާރު ހުށަހެޅުއްވި މެމްބަރު އިލްުޔާސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ވަކާލާތުކުރަމުން އަންނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އެޕާޓީން ބުނަނީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ޕާޓީތަކުން ކޯލިޝަން ހަދަން ޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފަޔަކަށް ވުމެވެ.

ގަރާރުގައި ވެސް އެވާހަކަތައް އެގޮތަށް ހިމަނާފައި ވެ އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަންނަން އިއްޔެގެ ޖަލްސާއިން ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި މައިނޯރިޓީ ޕާޓީތައް ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ވެސް ރުހުމާ އެކުގަ އެވެ.

ގަރާރު މުޅި މަޖިލީހުން ފާސްކުރުމުން ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ތަޅުމުން ފާސްކުރުމެވެ.