Advertisement

މަޖިލީހުން ފާސްކުރާ ގަރާރަކުން ފެންނަ ނުފެންނަ ވޯޓަކަށް ނުދެވޭނެ: އުޝާމް

20 ސެޕްޓެންބަރު 2023 - 13:03 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލިސް


މަޖިލީހުން ފާސްކުރާ ގަރާރަކުން ފެންނަ ނުފެންނަ ވޯޓަކަށް ނުދެވޭނެ: އުޝާމް

20 ސެޕްޓެންބަރު 2023 - 13:03 1

ރާއްޖޭގައި ވެރިކަންކުރާނެ ނިޒާމެއް އަލުން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ދަ ޑިމޮކްރެޓްސް އިން ކުރާ މަސައްކަތުގައި، ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މަޖިލީހުން ފާސްކުރާ ގަރާރުތަކާ ގުޅިގެން އެެއްވެސް ކަމެއް ކުރަން ލާޒިމު ނުވާ ކަމަށެވެ. މަޖިލީހުގެ ގަވައިދާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ މަޖިލީހުން ގަރާރުތައް ފާސްކުރަނީ ކަންކަމުގައި މަޖިލީހުން ދެކޭ ގޮތް ހާމަ ކުރަން އެކަނި ކަމަށެވެ.

"ގަރާރަކީ އެ ފާސްކުރުމުން އޭގެ ބޭރުން ދެން އިތުރު އެއްވެސް ކަމެއް ކުރަން ޖެހޭ އެއްޗެއް ނޫން. އެހެންވީމާ އަޅުގަނޑަށް އެބަ ސުވާލު އުފެދޭ ގަރާރެއް ފާސްކޮށްގެން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކަމެއް ލާޒިމުކުރެވިދާނެތޯ،" އެމްއެންޕީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު މަޖިލީހުން ކުރިއަށް ގެންދަން އުޅޭ ޕްރޮސެސްއާ މެދު އުފެދޭ ސުވާލުތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަަށް ޓަކައި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް އޮތަސް، އެ ކަން ކުރިއަށް ގެންދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އުޝާމް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި އޭގެ އުސޫލުތައް ހިމެނުމަށް ފަހު މި މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. އުޝާމްގެ ވާހަކަ ނިންމާލައްވަމުން ނިޒާމު ކަނޑައެޅުމާ ބެހޭ ވޯޓަކަށް ދާން އޭނާ ވެސް ތާއީދު ކުރައްވާ ކަން ހާމަ ކުރެއްވި އެވެ.

އިލްުޔާސް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް މަޖިލީހުން މިހާރު ކުރިއަށް ގެންދަނީ މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެސް ރުހުމާ އެކުގަ އެވެ.