Advertisement

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ފާރިސް ނިންމަވައިފި

20 ސެޕްޓެންބަރު 2023 - 12:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްއާރުއެމްގެ އިސް ހަރަކާތްތެރިންނާއެކު ފާރިސް މައުމޫން ބޭއްވި ޕްރެސް ކޮންފެރެންސްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ފާރިސް ނިންމަވައިފި

20 ސެޕްޓެންބަރު 2023 - 12:05 0

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް، ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫން ލީޑުކުރައްވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ހަރަކާތުގައި ތާއީދުކުރާ ޒުވާނުންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެއްވުމަށް ހަރަކާތުގެ އިސް ސަފުގައި އުޅޭ ހަރަކާތްތެރިންނާއި ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"ޕާޓީތައް ހިނގަމުން އަންނަ ގޮތް، ޕާޓީތަކަށް ފަންޑު ކުރާ ގޮތުން، އަޅުގަނޑުމެން މި އެދޭ ކަންކަން، އެއިން ޕާޓީއަކުން އަންނާނެ ކަމަށް ނުފެނޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ބައިވެރިވެ ކުރެވުނު ތަޖުރިބާތަކަށް ވެސް އިޝާރާތް ކުރައްވައި ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވި ގޮތުގައި އެމްއާރުއެމްގެ އަމާޒަކަށް ދެން އޮތީ 2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކޮށް ވީހާވެސް ގިނަ ގޮނޑިއެއް ހޯދުމަށެވެ.

ފާރިސްގެ ފަރާތުން، ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކަށް ހަތް ޝަރުތެއް ހިމެނޭ ކަރުދާހެއް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމާއި، އިންޑިއާއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އެ އޮންނަ އުސޫލުތަކުގެ ތެރެއިން ހާމަކުރުން ހިމެނެ އެވެ.

ފާރިސްއަކީ، 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަލުންނެވެ. މައުމޫންގެ ކޮއްކޮ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު، މައުމޫންގެ ދެބަފައިން ޕީޕީއެމުން ވަކިކުރި އެވެ.

ޕީޕީއެމްގެ މައްސަލަ ކޯޓުން ނާކާމިޔާބުވި ފަހުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން މިދިޔަ ފަސް އަހަރު އެ ޕާޓީ ހިންގެވި އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ސަރުކާރުގައި ބައިވެރިވެފައިވެ އެވެ.

ނަމަވެސް މިދިޔަ ފަސް އަހަރު އެއްވެސް ހަރަކާތެއް ނެތި އޮއްވައި، ޕާޓީ އުވާލުމަށް އީސީން މި އަހަރު ނިންމި އެވެ. އެއީ ޕާޓީއެއްގައި ތިބުމަށް ގާނޫނުން ލާޒިމުކުރާ އެންމެ ދަށް އަދަދު، 3،000 މެންބަރުން އެ ޕާޓީގައި ހަމަނުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގަ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ވެސް ފާރިސް ނިންމެވީ ޕާޓީގެ މައްސަލަ ޝަރީއަތުގައި އޮތުމުންނެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް 2،600 އެއްހާ މީހުންގެ ތާއީދު ސޮއި އިލެކްޝަންސް ކޮމިޝަނަށް ފާރިސް ހުށަހެޅުއްވިއިރު، އިންތިހާބުގައި އޭނާއަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.35 ޕަސެންޓެވެ.

ފާރިސް ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާފަ އެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އެ އިންތިހާބު ފާރިސްއަށް ކާމިޔާބެއް ނުކުރެވުނެވެ.