Advertisement

ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅުގައި މެރީނާ އަކާއި ތިން ޕިކްނިކް އައިލެންޑް ތަރައްގީ ކުރަނީ

20 ސެޕްޓެންބަރު 2023 - 11:57 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ދިޔަނެރު ފަޅުގެ ކޮންސެޕްޓް ކުރެހުމެއް----


ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅުގައި މެރީނާ އަކާއި ތިން ޕިކްނިކް އައިލެންޑް ތަރައްގީ ކުރަނީ

20 ސެޕްޓެންބަރު 2023 - 11:57 1

ރާއްޖޭގައި ދުއްވާ ސަފާރީތަކާއި ޔޮޓްތައް އިތުރުވެ، މި ވިޔަފާރިން އާމްދަނީ ހޯދާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް މި ދާއިރާގައި ހަރާކާތްތެރިވާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އަބަދުވެސް އޮތީ، އެ އުޅަނދުތަކަށް ހާއްސަ ބަނދަރެއް ނެތުމާއި އެ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ގާއިމުވެފައި ނެތުމެވެ.

ސަފާރީ ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ކ. ދިޔަނެރު ފަޅުގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއެއް ފައްޓާފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށެވެ.

އާބަންކޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެ ފަޅުން 24.6 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.

މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި އެ ފަޅު ހިއްކައިގެން ހަތަރު ރަށެއް ހަދާނެ އެވެ. އެއީ މެރީނާ އައިލެންޑަކާއި 3 ޕިކްނިކް އައިލެންޑެވެ.

މެރީނާ އައިލެންޑް

ބިމުގެ ބޮޑުމިން، 5.02 ހެކްޓަރު

ހިއްކާ ސަރަހައްދުގެ ފުންމިނަމީ 1-2 މީޓަރު

ބިން ހިއްކުމަށް 200،000 ކިއުބިކް މީޓަރުގެ ވެލި އަޅާނެ

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާނީ މެރީނާ އައިލެންޑެވެ. އެ ރަށުގައި މެރީނާ އަކާއެކު ސާވިސް ސެންޓަރެއްވެސް ގާއިމުކުރާނެ އެވެ. އަދި ފިއުލިން ހިދުމަތާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތާއި އުޅަނދުފަހަރަށް ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ގާއިމުކުރާނެކަމަށާއި މި މެރީނާގައި އެއް ފަހަރާ 500 އުޅަނދަށް ބަނދަރު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއީ މިގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ބަނދަރަށް ވާނެއެވެ.

ދިނަޔެރު ފަޅު މެރީނާގެ ކޮންސެޕްޓް---


ޕިކްނިކް އައިލެންޑް A

ބިމުގެ ބޮޑުމިން, 1.46 ހެކްޓަރު

ހިއްކާ ސަރަހައްދުގެ ފުންމިނަކީ 2-1- މީޓަރު

ބިން ހިއްކުމަށް 60,000 ކިއުބިކް މީޓަރުގެ ވެލި އަޅާނެ

ޕިކްނިކް އައިލެންޑް B

ބިމުގެ ބޮޑުމިން, 3.83 ހެކްޓަރު

ހިއްކާ ސަރަހައްދުގެ ފުންމިނަކީ 2-1- މީޓަރު

ބިން ހިއްކުމަށް 153،000 ކިއުބިކް މީޓަރުގެ ވެލި އަޅާނެ

ޕިކްނިކް އައިލެންޑް C

ބިމުގެ ބޮޑުމިން, 2.78 ހެކްޓަރު

ހިއްކާ ސަރަހައްދުގެ ފުންމިނަކީ 2.5-1- މީޓަރު

ބިން ހިއްކުމަށް 110،000 ކިއުބިކް މީޓަރުގެ ވެލި އަޅާނެ

މި ހަތަރު ރަށްވެސް ހިއްކާނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 1.6 މީޓަރު އުހަށެވެ. މި ރަށްތައް ހިއްކުމަށް ބޭނުންވާ ވެލި ނަގާނީ ކޮށްދިއްޕަރު ފިނޮޅު ކައިރިންނާއި ނަކައްޗާ ހުރާ ކައިރިންނެވެ.

މި މަޝްރޫއު ކުރިއަށްގެންދާ ސީއެމްސީ އަކީ މިހާރުވެސް ރާއްޖޭގެ އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. ދިޔަނެރު މަޝްރޫއާއެކު ހުޅުމާލެ ފޭސް 3 އަދި ތިލަފުށި ހިއްކުންވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. މި ތިން މަޝްރޫއު އެކުންފުންޏަށް ދިނީ 3.9 ބިލިއަން ރުފިޔާ އަށެވެ.