20 ސެޕްޓެންބަރު 2023 - 09:53 0
މުހައްމަދު ޖަމްޝަތު ވަހީދު
މީގެ ދުވަސްކޮޅެއްކުރިން ރ. ހުޅުދުއްފާރަށް ލަށްގާފައި ހުރި މަސްތަކެއް----
20 ސެޕްޓެންބަރު 2023 - 09:53 0
މިދުވަސްވަރު ރާއްޖޭގެ އުތުރުގެ ބައެއް ހިސާބުތަކުގައި ގިނަ އަަދަދެއްގެ މަސް މަރުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ރިޕޯޓުކުުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓް (އެމްއެމްއާރްއައި) އިން ބުނެފި އެވެ.
މިދުވަސްވަރު ރާއްޖޭގެ އުތުރުން ށ، ނ އަދި ރ އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ ފަރުމަސް މަރުވެގެން ލައްގާކަމުގެ ކަންބޮޑުުވުން އާންމުންގެ ގިނަބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
މެރިން ރިސާޗު އިންސްޓިއުޓުން މިއަދު ނެރުނު ބަޔާނެއްގައި އެކަމާ ގުޅޭ މައުލޫމާތު އެ އިންސްޓްޓިއުޓްއަށް ލިބެމުންދާ ކަމަށާއި މަސްތައް މަރުވާން ދިމާވާ ސަބަބު ދެނަގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން 2007، 2008 އަދި 2012 ވަނަ އަހަރުވެސް މިގޮތަށް މަސް މަރުވުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް އެމްއެމްއާރްއައި އިން ބުނީ މިފަދަ ހާދިސާތައް ކުރިމަތިވާ ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަަވެސް ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މިފަދަ ހާދިސާތައް ކުރިމަތިވާ މައިގަނޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި އޮއިވަރު މަޑުވުމުގެ ސަބަބުން ލޮނުގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު އާދަޔާ ހިލާފަށް ދަށްވުން ކަމަށާއި މިދުވަސްވަރަކީ އޮއި މަޑު ދުވަސްވަރެއް ކަމަށްވުމުން ދިޔަވަރު ހިކި ވަގުތުތަކުގައި ބެދިފައިވާ ފަރުތަކުގައި އުޅޭ ދިރޭތަކެއްޗަށް އޮކްސިޖަން ނުލިބި މަސް މަރުވުމަށް މެދުވެރިވާ ކަމަށް މެރިން ރިސާޗު އިންސްޓިއުޓުން ބުންޏެވެ.
މިގޮތަށް އެންމެ ގިނައިން މަރުވެފައި ހުންނަނީ ވާލަން ރޮނޑެވެ. މި ބާވަތުގެ މަހަކީ އެން ނުވަތަ ޕްލެންކްޓަން ކެއުމަށް ފަރުތަކުގެ ބޭރަށްވާގޮތަށް އޮންނަ ގުންޑޮޅިގަނޑުގައި އޮއިވަރު ބާރު ހިސާބުގައި ގިނަ އަދަދަކަށް އުޅޭ އެއްޗެކެވެ.
މެރިން ރިސާޗު އިންސްޓިއުޓުންް ވަނީ މިގޮތަށް މަރުވެގެން ލައްގާ މަހާއި ކައިރި ނުވުމަށާއި އެފަދަ މަސް ކެއުމަށް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އަދި އިންސިނިރޭޓަރު ބޭނުންކޮށްގެން ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެފަދަ މަސްތައް ވަޅުލައި ނައްތާލުމަށާއި އެކަން ކުރާއިރު އަންގި އާއި މާސްކު ބޭނުންކުރުމުގެ އިތުރުން އެ މަސައްކަތް ނިމުމުން ރަނގަޅަށް އަތް ދޮވުމަށް ހާއްސަ ސަމާލުކަންދިނުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެެވެ.
މެރިން ރިސާޗު އިންސްޓިއުޓުން މައުލޫމާތުދޭގޮތުގައި މިފަދަ ހާދިސާތައް މޮނިޓާކުރުމަށާއި މެދުވެރިވާން ދިމާވާ ސަބަބު ބެލުމަށް އެކަމާ ގުޅޭ މައުލޫމާތު އެ އިންސްޓިޓިއުޓް އިން ދަނީ އެއްކުރަމުންނެވެ. އަދި މިގޮތަށް ގިނަ އަދަދެއްގެ މަސް މަރުވެފައި ހުއްޓާ ފެނިއްޖެ ނަމަ، އެކަން އެ އިދާރާ އަށް އަންގަމުން ދިއުމަށްވެސް ވަނީ އެދިފަ އެވެ.
Comment