19 ސެޕްޓެންބަރު 2023 - 14:32 0
މުހައްމަދު ޝަހްޒާން
ރިޔާސީ ބަޔާން އިއްވުމުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
19 ސެޕްޓެންބަރު 2023 - 14:32 0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްކޮށް މަސައްކަތް ކުރުމަށް އެމްޑީޕީއާއި އެ ޕާޓީން ވެކިވެގެން ގޮސް އުފައްދާފައިވާ ޑިމޮކުރެޓްސްއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން އަންނަ އޮކްޓޫބަރު 30 ގައި ނިޒާމީ ވޯޓަށް ދިއުމަށް އެމްޑީޕީން ހުށަހަޅައިފި އެވެ.
"އަދަދު" އަށް އެގިފައިވާ ގޮތުގައި އެމްޑީޕީން އެ ހުށަހެޅުން ޑިމޮކުރެޓްސްއަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެ ވޯޓު ނެގުމަށް އެމްޑީޕީން ހުށަހެޅީ ނިޒާމާމެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ކެމްޕޭނުތަކެއް ހިންގުމަށް މަގުފަހި ކުރުމަށެވެ. އެ ހުށަހެޅުމާ މެދު ޑިމޮކުރެޓްސްގެ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމްޑީޕީން އެފަދަ ހުށަހެޅުމެއް ޑިމޮކުރެޓްސްއަށް ހުށަހަޅާފައިވާއިރު، ރޭ ބޭއްވި ޑިމޮކުރެޓްސްގެ އިންޓެރިމް ކައުންސިލް ޖަލްސާގައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ، މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ހާއްސަ ގަރާރެއް ހުށަހަޅައިފަ އެވެ.
އެ ގަރާރުގައި އޭނާ ވަނީ އިދިކޮޅު، ޕީއެންސީއަށާއި އެމްޑީޕީއަށް ވެސް ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެމްޑީޕީއަށް ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްވުމަށެވެ. ރޭގެ ޖަލްސާގައި ޑިމޮކުރެޓްސް އިން ވަނީ އެ ގަރާތު ފާސްކޮށްފަ އެވެ. އެހެންކަމުން މާދަމާގެ ކުރިން އެމްޑީޕީގެ ހުށަހެޅުމާ މެދު ޑިމޮކުރެޓުން ގޮތެއް ނިންމަންޖެހޭނެ އެވެ.
ރޭ ފާސްކުރި ގަރާރުގައި މިމަހު 28 ގައި ނިޒާމީ ވޯޓަކަށް ދާން ހިމަނާފައި ވީނަމަވެސް އަންނަ މަހުގެ 30 ގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގޮވާލައި ޑިމޮކުރެޓުން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އަދި އެ ގަރާރާ މެދު ގޮތެއް ނިންމައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ވެސް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީއާއި ޑިމޮކުރެޓުންގެ މެދުގައި މިވަގުތު ވެސް މަޝްވަރާތައް ކުރިއަށް ދާއިރު، ކުރިއަށް އޮތް 48 ގަޑިއެއް ހާއިރުގެ ތެރޭގައި ޑިމޮކުރެޓުން ނިންމާ ނިންމުމެއް ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.
Comment