Advertisement

ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި ރަށުގައި ދެބައިކުޅަ އެއްބައި ގެތައް ފެނު އަޑީގައި

19 ސެޕްޓެންބަރު 2023 - 08:50 2

އަމަން ހަލީމް

އަމަން ހަލީމް

ކުރެންދޫގައި ފެން ބޮޑުވެފައި: ރަށުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގައި --- ފޮޓޯ/އަދަދު


ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި ރަށުގައި ދެބައިކުޅަ އެއްބައި ގެތައް ފެނު އަޑީގައި

19 ސެޕްޓެންބަރު 2023 - 08:50 2

މެދު ރާއްޖެތެރެއަށް ރެއިން ފެށިގެން ކުރަމުންދާ ބޯ ވިއްސާރައިގައި ޅ. ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގަ އެވެ. ފެންނަ ފެނުމަށް ބައެއް މަގުތަކުގައި ތަނބިކައްޓާ ހަމައަށް ފެންގަނޑު އުފުލިފައި ހުއްޓެވެ.

ރަށަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން "އަދަދު"އަށް މައުލޫމާތު ދެމުން ކުރެންދޫ ކައުންސިލުގެ މެމްބަރު ވަފިއްޔާ މުހައްމަދު ވިދާޅުވީ ރޭ 8:45 ހާއިރު ވާރޭ ވެހެން ފެށި ގޮތަށް އަދިވެސް އެއްކޮށް ހުއްޓާ ނުލާ ކަމަށެވެ.

"މިހާރު ތުނިކޮށް ވެހެނީ. އަދިވެސް އެއްކޮށް ހުއްޓާ ނުލާ،" އޭނާ ވިދާޅުވި އެވެ.

ވަފިއްޔާ ވިދާޅުވި ގޮތުގައި މި ރަށަކީ ގާ މަތީ ރަށެއް ކަމުން މެދަށް އަޑިކޮށް އޮންނާތީ އެންމެ ބޮޑަށް ފެންގަނޑު އޮތީ އެ ސަރަހައްދުގަ އެވެ. މި ގޭގޭގައި ހުރި އަގު ބޮޑެތި އިލެކްޓްރޯނިކްސް ތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ގެއްލުމެއް ލިބިފައި ވަނީ ގޭތެރޭގައި ހުންނަ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް. އަދި ނޭނގޭ ބުނާކަށް ކިހާ ވަރެއްގެ ގެއްލުމެއް ކަމަށް ލިބުނީ،" ވަފިއްޔާ ވިދާޅުވި އެވެ.

ވިއްސާރަައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން ގިނަ ގޭގެއަށް ކަރަންޓު ވެސް މިހާރު ނުލިބެ އެވެ. އަދި ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. މިހާރު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ދަނީ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އާންމުންނާއި ސްކައުޓުން ވެސް އަންނަނީ އެހީތެރިވަމުންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ކުރެންދޫގައި ފެންބޮޑުވެފައި ވާތީ އެރަށުން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.