Advertisement

ވަކި ކޮޅަކަށް އެރުމުގެ ކުރިން، ޝަރުތުތަކަށް އެއްބަސްވުމަށް ދެ ޕާޓީއަށް ސުންގަޑި ދިނުމުގެ ގަރާރު ޑިމޮކްރެޓުން ފާސްކޮށްފި

18 ސެޕްޓެންބަރު 2023 - 22:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަށް "ކިންގްމޭކާ" ޑިމޮކްރެޓްސްއިން ހުށަހަޅާ ހުށަހެޅުންތަކަށް ސުންގަޑި ދޭން މެންބަރުން ވޯޓު ދެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވަކި ކޮޅަކަށް އެރުމުގެ ކުރިން، ޝަރުތުތަކަށް އެއްބަސްވުމަށް ދެ ޕާޓީއަށް ސުންގަޑި ދިނުމުގެ ގަރާރު ޑިމޮކްރެޓުން ފާސްކޮށްފި

18 ސެޕްޓެންބަރު 2023 - 22:55 0

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑި ދިނުމަށް "ކިންގް މޭކާ" ގެ ހައިސިއްޔަތު ހޯދި ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން މިރޭ ނިންމައިފި އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި އެ ބައްދަލުވުން ފެށުމާ ހަމައަށް ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް ދެ ޕާޓީން ތެރެއިން ޕާޓީއަކާ އެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އެމްޑީޕީއަށް ހުށަހެޅީ ސެޕްޓެމްބަރު 28 ގައި ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވެ ސޮއިކުރުމަށެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހުށަހެޅީ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓުގެ އިތުރުން ޑިމޮކްރެޓްސްއަށް ހިއްސާއެއް ލިބޭ ގޮތަށް ސަރުކާރު އުފެއްދުމަށް އެއްބަސްވެ ސޮއިކުރުމަށެވެ.

މިރޭގެ ބައްދަލުވުމަށް އިންޓެރިމް ކައުންސިލްގެ މެންބަރު އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ހުށަހެޅުއްވީ ދެ ޕާޓީއަށް ވެސް ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއްދީ، އެ ދުވަހާ ހަމައަށް އެއްބަސްނުވެއްޖެނަމަ ވަކިކޮޅަކަށް ނޭރުމަށެވެ.

ޝިފާޒުގެ ގަރާރަށް ކައުންސިލުގައި ދޮޅުގަޑިއިރުގެ ވަގުތަކަށް މެންބަރުން ބަހުސް ކުރުމަށް ފަހު، ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ކައުންސިލްގެ އެއްވެސް މެންބަރަކު ވޯޓެއް ދިން ކަމަކަށް ރިޔާސަތަކުން އިއުލާނެއް ނުކުރެ އެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލަށް މިފަދަ ގަރާރެއް ހުށަހެޅިގެން ދިޔަ އިރު މި ބައްދަލުވުމުގެ ކުރިއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިމޮކްރެޓްސްގެ ލީޑަރު މުހައްމަދު ނަޝީދު ވަނީ ފޯނުން ވާހަކަ ދައްކަވައިފަ އެވެ.

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނިޒާމީ ވޯޓަށް އެމްޑީޕީން އެއްބަސްވި ނަމަވެސް، އެ ވޯޓު ނެގުމަށް އެމަނިކުފާނު ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު އެވެ.

"އަޅުގަނޑު ދެންނެވިން އެއީ [އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ] އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭރު އެ ޕާޓީގެ ރައީސަކަށް ވެސް ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ނަޝީދުގެ ވަފާތެރިން އިސްވެ، އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ.

އެހާތަނަށް އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޭގެ ފަހުން އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ފުރަތަމަ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. ރިޔާސީ ކެންޑިޑޭޓު އިލްޔާސަށް 15,839 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ ބުރު ކާމިޔާބު ކުރުމުގައި ޑިމޮކްރެޓްސްގެ ތާއީދު މުހިންމު ވެގެން އުޅެނީ މިހެންވެ އެވެ.