Advertisement

ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް: ފައްޔާޒު

18 ސެޕްޓެންބަރު 2023 - 15:44 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް ބޭފުޅުންނާއި ޗެއާޕާސަން ފައްޔާޒު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް: ފައްޔާޒު

18 ސެޕްޓެންބަރު 2023 - 15:44 1

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓަށް ފަހު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ މެދު އެމްޑީޕީގެ މައްސަލައެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓު ލުމުގެ ޝަރުތު އެމްޑީޕީއާ ވެސް ޑިމޮކްރެޓްސް ހިއްސާކޮށްފައިވަނިކޮށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު "އަދަދު" ނޫހަށް ވިދާޅުވީ އެ މުއްދަތުގައި ވޯޓު ނެގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ނިޒާމީ ވޯޓު ނެގުމުގައި އެ ޕާޓީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ބޭފުޅުންނަށް މިހާރު އެ ޖަވާބު ދީފައިވާނެ [އަނގަ ބަހުން]،" ފައްޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޑިމޮކްރެޓްސްއަށް 15،839 ވޯޓު ލިބިވަޑައިގަތް އިރު ދެ ވަނަ ބުރުގައި ބަޔަކާ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ޝަރުތަކީ ނިޒާމީ ވޯޓެވެ.

ޑިމޮކްރެޓްސްއަކީ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން އެމްޑީޕީން ވަކިކުރަން އުޅޭ ކަން އެނގުމުން ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަޝީދު ވެސް މި ފަހުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ނުތިބެވޭނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ކޮންމެ ވެސް އެއް ގޮތެއް ޑިމޮކްރެޓްސް އިން ނިންމަން ޖެހޭ ކަމަށެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ގޮތެއް ނިންމުމަށް މިރޭ 9:00 ޖަހާއިރު އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވެ އެވެ. އެ ބައްދަލުވުމުގެ ކުރިއަށް އެމްޑީޕީއާ އެކު އެ ޕާޓީގެ ގިނަ މަޝްވަރާތަކެއް ދަނީ ހިނގަމުންނެވެ.