17 ސެޕްޓެންބަރު 2023 - 14:44 0
އާމިނަތު ނިއުޝާ
17 ސެޕްޓެންބަރު 2023 - 14:44 0
ރީ-ރަޖިސްޓްރޭޝަނަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ތުހުމަތުކުރަނީ އިންތިހާބުގައި ބަލިވާނެކަން ޔަގީންވާތީ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅުފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުގައި ކާމިޔާބު ނުވާނެކަން ޔަގީންވާތީ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް އެޕާޓީން ނުކުރާކަމަށް އެމްޑީޕީއިން ބުނެ އެވެ.
"..އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅުފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގަ އެވެ. އަދި މިފަދަ އެއްވެސް ކަމެއް މި ކެމްޕޭނުގެ ފަރާތުން ނުކުރާކަމާއި ނުވެސްކުރާނެކަމުގެ ކަށަވަރުކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް އަރުވަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެ އެވެ.
އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި، ރައީސް އިބުރާހީމް މުހައްމަދު ސާލިހަށް ތާއިދުކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ މީހަކު ވެސް އެމީހަކު ވޯޓުލާން ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ފޮށީގައިތޯ ޔަގީންކުރުމަށް އެމްޑީޕީން އެދެ އެވެ.
ދެ ދުވަހުގެ ތެރޭ އެހާ ގިނަ ބަޔަކު ރީ-ރެޖިސްޓަ ކުރުމުން ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ޕާޓީތަކާއި ބައިނަލްއަގުވާމީ މޮނިޓަރުން ސަމާލުކަން ދިނުމަށް އެދި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމުން އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ދަނީ ވަރަށް ފުރިހަމައަށް ކަމަށާއި ވެރިފިކޭޝަން ޕްރޮސެސްއަށް ފުރިހަމަ އިތުބާރު ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ގައި ބޭއްވިއިރު އެއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ މަދު މީހުން ވޯޓުލާން ނުކުތް ރިޔާސީ އިންތިހާބެވެ. އެ ބުރުގައި ވޯޓުލީ ވޯޓުލެވޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment