Advertisement

ކާވާ މުބާރާތުން މި ފަހަރު އެޑަމް އާއި ކުޑަކާއްޓެ އަށް ރިހި މެޑަލް

15 ސެޕްޓެންބަރު 2023 - 19:24 0


ކާވާ މުބާރާތުން މި ފަހަރު އެޑަމް އާއި ކުޑަކާއްޓެ އަށް ރިހި މެޑަލް

15 ސެޕްޓެންބަރު 2023 - 19:24 0

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާ އިން ރާއްޖޭގެ އެއް ވަނަ ބީޗްވޮލީބޯޅަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރިހި މެޑަލް ހޯދައިފި އެެވެ.

މިދިޔަ އަހަރުގެ ކާވާ ބީޗް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ، މިދިޔަ އަހަރުގެ މުބާރާތާއި މި ފަހަރުގެ މުބާރާތުގައި ޖުމްލަ އެކު ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ މިއަދުގެ ފައިނަލް މެޗުން އެކަންޏެވެ. މިދިޔަ އަހަރުގެ ފައިނަލާ އެކު، ޖުމްލަ ފަސް މެޗުން މޮޅުވި އެވެ. މި ފަހަރުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުން މޮޅުވި އެވެ.

މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުގައި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 21-14 އިންނެވެ. މި ޕެއާ އަތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޑަމް އާއި ކުޑަކާއްޓެ މޮޅުވި އެވެ. އެއީ، 21-18، 21-15 އިންނެވެ. އެކަމަކު، ފައިނަލުގައި ނާކާމިޔާބުވީ އެވެ.


ފައިނަލް މެޗާ ބެހޭގޮތުން ކުޑަކާއްޓެ ބުނީ ހެނދުނު ކުޅެން ޖެހުނު ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ އެއް ވަނަ ޕެއާ، ހޮރޮޝިޓް އާއި އަހުމަދުގެ ޕެއާއާ ދެކޮޅަށް ދިޔައީ ވަރަށް ވަރުގަދަ އަށް ކަމަށެވެ. އެެހެންވެ، ފައިނަލުގައި ވަރުބަލިކަމުގެ އަސަރު ތަންކޮޅެއް ބޮޑަށް ކުރި ކަމަށް ކުޑަކާއްޓެ ވަނީ ބުނެފަ އެވެ.

ސެމީ ފައިނަލުގައި ހޮރޮޝިޓް އާއި އަހުމަދުގެ ޕެއާ އަތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅުވީ 21-19، 27-25 އިންނެވެ.

ކާވާ ބީޗްވޮލީބޯޅަ މުބާރާތަށް ފަހު، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަށް ދެން އޮތީ މި މަހު ޗައިނާގެ ހަންގްޒޫގައި ފަށާ އޭޝިއަން ގޭމްސް އެވެ.

ބީޗްވޮލީބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރީ ކުރިން އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އަދި އެސިސްޓަންޓް ކޯޗަކީ މުހައްމަަދު ރިޝްވާން އެވެ. މަންކޭ އާއި ރިޝްވާން ވަނީ މީގެ ކުރިން ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު މަސައްކަތްކުރި ދެ ކޯޗެކެެވެ.