މަހިބަދޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޕީއެންސީއާއެކު ކޯލިޝަން ހަދަން އަންނަން ޖެހޭނީ ޝަރުތެއް ނެތި ކަމަށާއި، "ކޭކުން" ލިބޭ މިންވަރު އަހާކަށް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ހޯދުމަށްޓަކައި އދ. މަހިބަދޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ "މި ވަގުތު [ޕީއެންސީ] ފަޅިއަށް އަރަންވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެނެއް ނޫން" ކަމަށެވެ. އެއީ ގައުމީ ލަޝްކަރުގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"މި ގައުމީ މަސައްކަތުގައި ބައިވެރިވާން ޝަރުތެއް އޮވެގެން ނުވާނެ. މި މަސައްކަތަކީ އެންމެންގެ މަސައްކަތެއް. މިއީ މިއަދު ދިރިތިބި ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް، ވާޖިބެއް، ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހަދަން ބައިވެރިވާން ވާނީ، ކޭކު ބަހާހެން ބަހައިގެން ލިބޭ ބައި ހޯދައިގެނެއް ނޫން ކަމަށާއި އަންނަންވާނީ ސަރުކާރު ބަދަލުކުރަން ގައުމީ ރޫހާއި ގައުމީ ޖޯޝުގައި މުސްތަގުބަލަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ތިމަންނައަށް ލިބޭނީ ކިހާ ވަރެއްތޯ، ތިމަންނަގެ ޕާޓީއަށް ލިބޭނީ ކިހާވަރެއްތޯ، ތިމަންނަމެންނަށް އޮތީ ކޮން ވަޒީރު ކަމެއްތޯ އަހާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ލީޑަރަކު ވެސް އިސްކުރަންވީ ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި، އެމްއެންޕީން މުއިއްޒަށް ތާއިދު ކުރެއްވީ ޝަރުތެއް ނެތި އެވެ.
"އަޅުގަނޑު މިރޭ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމަށާއި އެ ޕާޓީއަށް އައްސަރި ބަހާއި ސާބަސް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް 45.1 ޕަސެންޓު ވޯޓު ލިބިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38.2 ޕަސެންޓު ވޯޓެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނީ 60 ޕަސެންޓު ވޯޓުން ކަމަށެވެ.
Comment