Advertisement

ޕީއެންސީގެ ކެމްޕެއިނު މެނޭޖަރަކަށް އަބްދުއްރަހީމްގެ ބަދަލުގައި ފަލާހު ހަމަޖައްސައިފި

30 ނޮވެންބަރު 2025 - 12:12 0

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް މުއިއްޒު ފޯމު ހުށަހެޅުއްވި ދުވަހު އަބްދުއްރަހީމްއާއެކު: ޕީއެންސީގެ ރިޔާސީ އަދި މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ލީޑު ކުރެއްވީ އަބްދުއްރަހީމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޕީއެންސީގެ ކެމްޕެއިނު މެނޭޖަރަކަށް އަބްދުއްރަހީމްގެ ބަދަލުގައި ފަލާހު ހަމަޖައްސައިފި

30 ނޮވެންބަރު 2025 - 12:12 0

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް އަބްދުއްރަހީމް އަބްދުﷲ ގެ ބަދަލުގައި ވެރިކަން ހިންގާ ޕީއެންސީ އިން އިބްރާހިމް ފަލާހު ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ކެމްޕެއިނު ލީޑު ކުރަން، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު ހަމަޖެއްސިއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް ހުންނެވީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމެވެ.

ރިޔާސީ އިންތިހާބުގެ އިތުރުން، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި މާލޭގެ މޭޔަރަކު ހޮވަން ބޭއްވި އިންތިހާބުގައި ވެސް ޕީއެންސީގެ ކެމްޕެއިނު ލީޑު ކުރެއްވީ އަބްދުއްރަހީމެވެ.

ޖެނުއަރީ، 2024، ގައި މާލޭގެ މޭޔަރު ހޮވަން ބޭއްވި އިންތިހާބު ޕީއެންސީއަށް ނާކާމިޔާބުވި ނަމަވެސް އެ ޕާޓީ އިން ވަނީ އޭޕްރީލް، 2024، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފަ އެވެ.

މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީ އިން ވަނީ 75 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އިން މަޖިލީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ނޮވެމްބަރު، 2023، ގައި އަބްދުއްރަހީމް އޮތީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީ އިން ކުރި ކެމްޕެއިނަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ކެމްޕެއިން ކުރަން ލިބުނު 53 ދުވަހުގެ ތެރޭގައި މުއިއްޒު ވަނީ މީހުން ދިރިއުޅޭ 153 ރަށަށް ވަޑައިގެންފަ އެވެ. އަދި މުއިއްޒު ވަޑައިނުގަންނަވާ ގިނަ ރަށްތަކަށް ރަނިން މޭޓު ހުސެއިން މުހައްމަދު ލަތީފު ވަޑައިގެންނެވި އެވެ.

"މިއަދުގެ ދަތުރުގައި ހަތް ވަނަ ރަށަށް މި އާދެވުނީ. އަބްދުއްރަހީމް އެބަ ވިދާޅުވޭ އަދި ދެ ރަށަކަށް އިރުއޮއްސުމުގެ ކުރިން އަރަންޖެހެޔޭ. އަޅުގަނޑަކަށް ނޭނގެ އެކަން ކުރާނެ ގޮތެއް،" ސެޕްޓެމްބަރު 14، ގައި އދ. މަންދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވެ އެވެ.