14 ސެޕްޓެންބަރު 2023 - 13:24 0
އިސްމާއީލް އަޒްމީން
14 ސެޕްޓެންބަރު 2023 - 13:24 0
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އެއް ވަނަ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ޖާގަ ހޯދައިފި އެވެ.
ބަންގްލަދޭޝްގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖޭގެ އެޑަމާ ލައްވާލީ ބަންގްލަދޭޝް، ބޫޓާން އަދި އިންޑިއާގެ ޕެއާތަކާ އެއް ގްރޫޕެއްގަ އެވެ.
މިގޮތުން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައިވަނީ ބޫޓާންގެ ސޯނަމް އަދި ރާމްގެ ޕެއާ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 21-05 އަދި 21-08 އިންނެވެ.
ދެ ވަނަ މެޗުގައި ނުކުތީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ ވަރުގަދަ ޕެއާއެއް ކަމަށްވާ މަންސޫރު އަދި ޝާޖަހާންއާ ދެކޮޅަށެވެ. މި މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 21-13 އަދި 21-19 އިންނެވެ.
ގްރޫޕުގެ ފަހު މެޗުގައި މިއަދު ހެނދުނު އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ ބަލިކުރީވެސް ދެ ސެޓުންނެވެ. އެއީ 21-18 އަދި 21-15 އިންނެވެ. ތިން މެޗުން ވެސް މޮޅުވެ ކުޑަކާއްޓޭ އާއި އެޑަމް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަައިގެ ގޮތުގަ އެވެ.
މި ފަހަރު ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ. މަންކޭ އާއި ރިޝްވާން ވަނީ ކުރިން ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކާވާ ބީޗް މުބާރާތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ރަން މެޑަލް ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ އެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ފައިނަލުގައި ވަނީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނަރުގެ ޕެއާ ބަލިކޮށްފަ އެވެ.
Comment