Advertisement

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ފާރިސް ވެސް މަޝްވަރާކޮށްފި

14 ސެޕްޓެންބަރު 2023 - 09:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފާރިސްގެ ޓީމާއި އެމްޑީޕީއިން ރޭ ބޭއްވި ކޯލިޝަން މަޝްވަރާތަކުގެ ތެރެއިން - ފޮޓޯ: ފާރިސް / ޓުވިޓާ


އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ފާރިސް ވެސް މަޝްވަރާކޮށްފި

14 ސެޕްޓެންބަރު 2023 - 09:43 0

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ފާރިސް މައުމޫނުގެ ޓީމުން ވެރިކަން ކުރާ އެމްޑީޕީ އާއެކުވެސް މަޝްވަރާކޮށްފި އެވެ.

އިންތިހާބުގެ ފުފުރަތަމަ ބުރުގައި ފާރިސް އަށް ލިބުނީ 2،979 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 1.3 އިންސައްތަ އެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ފާރިސް ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ގައުމީ ސަލާމަތާއި، އިގުތިސާދީ، އިޖުތިމާއި އަދި ސިޔާސީ ދާއިރާގެ ސިޔާސަތުތަކާއި އިސްލާހުތަކާ ބެހޭގޮތުން ކަމަށެވެ.

ފާރިސްގެ ޓީމު ލީޑުކުރެއްވީ، މިހާރު އުވާލުމަށް ނިންމާފައިވާ އެމްއާރުއެމް ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ އައިމިނަތު ނާދިރާ އެވެ. އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ސިޔާސަތުތަކަކީ ރާއްޖޭގެ މިނިވަންކަމާއި ޑިމޮކްރެސީ ވަރުގަދަ ކުރުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ގާއިމުކުރުމަށާއި ގައުމީ ސަލާމަތް ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް" ފާރިސް ލިޔުއްވާފައިވެ އެވެ.

ނަމަވެސް، އެމްޑީޕީ އަދި ފާރިސްގެ ފަރާތުންވެސް އިތުރު ތަފުސީލެއް ދީފައެއްނުވެ އެވެ. ކޯލިޝަން ހެދުމުގެ މަސައްކަތުގެ ތެރެއިން އެމްޑީޕީއިން މިހާރު މިވަނީ ޖޭޕީ އާއެކު ބައްދަލުކޮށް، ޑިމޮކްރެޓްސްއާއެކު ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާފަ އެވެ. އެ ދެ ޕާޓީންވެސް އަދި ގޮތެއް ނުނިންމަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު އަދި އެމްޑީޕީއަށް ލިބުނީ 39 އިންސައްތަ ވޯޓެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު 45 އިންސައްތަ ވޯޓެވެ.

ފާރިސްގެ ޓީމުން އިއްޔެ ޕީޕީއެމް އާއެކުވެސް ވަނީ ބައްދަލުކޮށްފަ އެވެ. ޕީޕީއެމުން މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ޕާޓީން ޖޭޕީ އާއެކު ބައްދަލުކޮށް، ޑިމޮކްރެޓްސްއާއެކު ނުރަސްމީ ބައްދަލުވުންތަކެއްވެސް ވަނީ ބާއްވާފަ އެވެ.