13 ސެޕްޓެންބަރު 2023 - 10:56 0
އައްޒާމް އަލިފުޅު
ރާއްޖޭގައި ބޭއްވި އެފްއައިވީބީ ބީޗް ޓުއާގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
13 ސެޕްޓެންބަރު 2023 - 10:56 0
ބަންގްލަދޭޝްގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.
ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގެ ހެނދުނު ދަންފަޅީގައި ކުޅުނު މެޗުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ނުކުތީ ބޫޓާންގެ ސޯނަމް އާއި ރާމްގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ 21-05، 21-08 އިންނެވެ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ގްރޫޕްގައި ކުޅޭ ދެ ވަަަނަ މެޗުގައި މިއަދު މެންދުރު ފަހު ކުޅޭނީ ބަންގްލަދޭޝްގެ މަންސޫރު އާއި ޝާޖަހާންގެ ޕެއާއާ ދެކޮޅަށެެވެ. އެ އަށް ފަހު ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާއާ އެވެ.
މިއަދު މެންދުރު ފަހު ބަންގްލަދޭޝްގެ މަންސޫރު އާއި ޝާޖަހާންގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވެއްޖެނަމަ ކުއާޓާގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.
މި ފަހަރު ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ. މަންކޭ އާއި ރިޝްވާން ވަނީ ކުރިން ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކާވާ ބީޗް މުބާރާތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ރަން މެޑަލް ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ އެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އިން ފައިނަލުގައި ވަނީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނަރުގެ ޕެއާ ބަލިކޮށްފަ އެވެ.
Comment