Advertisement

ޖަރުމަނުން ފްރާންސް ބަލިކޮށްފި، އިންގްލެންޑަށް މޮޅެއް

13 ސެޕްޓެންބަރު 2023 - 10:28 0


ޖަރުމަނުން ފްރާންސް ބަލިކޮށްފި، އިންގްލެންޑަށް މޮޅެއް

13 ސެޕްޓެންބަރު 2023 - 10:28 0

ގްލާސްގޯ، ސްކޮޓްލެންޑް (ސެޕްޓެމްބަރު 13) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޖަރުމަނުން 2-1 އިން ފްރާންސް ބަލިކުރިއިރު، އިންގްލެންޑުން ސްކޮޓްލެންޑްގެ މައްޗަށް 3-1 އިން ކުރިހޯދައިފި އެވެ.

ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެ ޓީމަށް އިރުޝާުދުދިނީ މިހާރު ސްޕޯޓިން ޑިރެކްޓަރެއްގެ ޒިންމާއާ ހަވާލުވެހުރި، ރޫޑީ ވޮލާ އެވެ. ވޮލާ އަކީ ކުރިން ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ފޯވާޑެކެވެ.

ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޖަރުމަނުން ލީޑުނެގި އެެވެ. މި ލަނޑު ޖެހީ ބެންޖަމިން ހެންރިޗްސް ދިން ބޯޅައަކުން ތޯމަސް މުލާ އެެވެ. މެޗުގެ ބޮޑުބައި ޖަރުމަނު އެއް ގޯލުގެ ލީޑެއްގައި އޮތްއިރު، އެ ޓީމުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. ކައި ހަވާޓްޒް ދިން ބޯޅައަކަށް އަރައި، ޖަރުމަނުގެ މި ގޯލު ޖެހީ ލެރޯއި ސާނޭ އެވެ.

ސާނޭ ގޯލު ޖެހިތާ ދޮޅު މިނިޓެއްހާއިރު ފަހުން ފްރާންސް އިން ލަނޑެއް ޖެހި އެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން އެންޓޮއިން ގްރީޒްމަން ޖެހި ގޯލެކެވެ. މިއީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ފަހުން، ފްރާންސް މެޗަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގައި ތިން މިނިޓް ތެރޭ ފިލް ފޯޑެން އާއި ޖޫޑް ބެލިންހަމް ޖެހި ގޯލުތަކުން އިންގްލެންޑުން ވަނީ ސްކޮޓްލެންޑް ކޮޅަށް ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލުން ސްކޮޓްލެންޑަށް އުންމީދެއް ލިބިގެންދިޔަ އެވެ. އެހެން ނަމަވެސް އިނގިރޭސި ކެޕްޓަން، ހެރީ ކޭން ވަނީ ގޯލެއް ޖަހައި އިންގްލެންޑަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.

ސްކޮޓްލެންޑުން 1999 ވަނަ އަހަރުގެ ފަހުން އިންގްލެންޑްގެ އަތުން މޮޅެއް ހޯދަން ކުރަމުން އަންނަ އިންތިޒާރު ދިގުލައިދިޔައީ އެވެ.

ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ޖަޕާނުން ވަނީ 4-2 އިން ތުރުކީ ބަލިކޮށް، ޖެހިޖެހިގެން ހަތަރު ވަަނަ މޮޅު ހޯދައިފަ އެވެ. ސައުދީ އަރަބިއްޔާ އަތުން ދެކުނު ކޮރެއާ ވަނީ 1-0 އިން މޮޅުވެފަ އެވެ.