Advertisement

އެމްއެންޕީއާއެކު، ޕީޕީއެމް/ޕީއެންސީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

12 ސެޕްޓެންބަރު 2023 - 16:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އެމްއެންޕީގެ ލީޑާޝިޕާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ކޯލިޝަން އެގްރިމަންޓް ބަދަލުކުރައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއެންޕީއާއެކު، ޕީޕީއެމް/ޕީއެންސީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

12 ސެޕްޓެންބަރު 2023 - 16:49 0

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު، ފުރަތަމަ ބުރުގެ އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަރާތުގެ ލީޑާޝިޕްގެ މެދުގައި އެއްބަސްވުން ބަދަލުކޮށްފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ 1907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 0.8 ޕަސެންޓް ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް 101،635 ވޯޓެވެ. އެއީ 46 ޕަސެންޓް ވޯޓެވެ.

މީރުމާގައި މި ވަގުތު ކުރިއަށްދާ އިވެންޓުގައި އެމްއެންޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިވެންޓުގައި ބައިވެރިވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމްގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އަބްދުލްރަހީމާއި ނާޒިމެވެ.

ސަރުކާރުގެ ހިއްސާ އޮންނާނެ ގޮތާއި ވަޒީފާތަކާއި ސިޔާސީ މަގާމުތައް ދެވޭނެ ގޮތުގެ ޕޯޝަންތައް މީގެ ކުރީގެ ކޯލިޝަން އެއްބަސްވުންތަކުގައި ހިމެނިފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަބްދުލްރަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ނޯންނާނެ ކުންފުނިތަކުން ވަކި ވަރެއްގެ ވަޒީފާއެކޭ، އޭގައި އޮންނާނެ ހަމައެކަނި ވާހަކައަކީ ދެވަނަ ބުރު، އަޅުގަނޑުމެންގެ ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކޮށްދެއްވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ ކޯލިޝަން ހެދުމަށް އެއްބަސްވެގެން އައީ އެއްވެސް ޝަރުތެއް ކުރިމަތިިނުކޮށް ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރަން ނިންމީ މުއިއްޒުގެ މެނިފެސްޓޯއާއި ނާޒިމްގެ މެނިފެސްޓޯގެ ސިޔާސަތުތަކުގައި ދާދި އެއް ގޮތް ކަންކަން ހުރުމުން ކަމަށެވެ.

"އަޅުގަނޑަކީ ގައުމީ ވިސްނުމެއްގައި ހުރި މީހެއް، އަޅުގަނޑު މި އުޅެނީ އެ ވިސްނުމުގައި މި ސަރުކާރު ބަދަލުކުރަން ޖެހޭތީވެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީން މިއަދު ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ނާޒިމްގެ ސިޔާސީ ހަޔާތް ފެށިގެން އައީ އެ ޕާޓީންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.

ނަމަވެސް ނާޒިމް މިނިސްޓަރަކަށް ހުންނެވި އޭނާގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ކަމަށް ތުހުމަތުކޮށް އޭރު ހައްޔަރުކުރި އެވެ. އަދި ޓެރަރިޒަމްގެ ދައުވާކޮށް 11 އަހަރަށް ޖަލަށް ލާން ހުކުމްކުރި އެވެ. ނާޒިމްއާއި އޭނާގެ އާއިލާއިން އަދި އިދިކޮޅު ފަރާތްތަކުން ވެސް އޭރު ތުހުމަތުކުރީ ނާޒިމް ފްރޭމް ކުރީ ކަމަށެވެ.

ޖަލު ބަންދުން އޭނާ ވެސް ސަލާމަތްވީ 2018 ގައި ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވި ފަހުން، ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު ކޯޓުތަކުން ސިޔާސީ ލީޑަރުންނަށް ކުރި ހުކުމްތައް އޭރު ބާތިލް ކުރަމުން ދިޔަ ދިޔުމުގެ ތެރެއިންނެވެ.