Advertisement

ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީގެ އަސްލު ސޯޝަލް މީޑިއާގައި; ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!

11 ސެޕްޓެންބަރު 2023 - 19:18 6

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީގެ އަސްލު ލީކުވެއްޖެ، ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!


ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީގެ އަސްލު ސޯޝަލް މީޑިއާގައި; ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!

11 ސެޕްޓެންބަރު 2023 - 19:18 6

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީގެ އަސްލު ސޯޝަލް މީޑިއާގައި ލީކުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީއަކީ އަސްލުކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ދައުލަތުގެ މިފަދަ ސިއްރެއް ލީކުވި ގޮތް ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލީކުވެފައިވާ ޑޮކިއުމެންޓުގައި ވާގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އެގޮތުން ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށެވެ.

އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށްވެސް އޯގަސްޓު 22، 2022 ގައި ފޮނުއްވާފައިވާ ސިޓީގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ސިޓީގައި ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތްކަމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމަށް އެއްވެސް އަސަރެއް ކުރާނެ ވާހަކައެއް ނެތް ކަމަށް، ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑު ރިސާޗު ކޮމިޓީން ވެސް ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.

ބާ ކައުންސިލުން މިހެން ބުނެފައިވަނީ އެ ފަރާތުގެ އެދުމަށް ރައީސް އޮފީހުން ރައީސްގެ ސިޓީ ދިރާސާ ކުރުމަށް، ސިޓީގެ އަސްލު ބާ ކައުންސިލަށް ދީފައިވަނިކޮށެވެ.

މައްސަލަ ދިރާސާ ކުރަން ސަބް ކޮމިޓީން ގެނައި ފައިލްގައި އެ ސިޓީގެ ލިޔުން އޮތް. އެ ލިޔުމާއި އަސްލު ސިޓީއާ އެއްގޮތްތޯ ބެލިން. އޮރިޖިނަލް ސިޓީ ވެސް[ރައީސް އޮފީހުން] ދެއްކި. އޭގައި ނެތް މައްސަލައަށް އަސަރެއް ކުރާނެ އެއްވެސް ވާހަކައެއް. އަދި ރާއްޖޭގެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާނެ ފަދަ ވާހަކައެއް ވެސް ނެތް،" ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީންއާ ހަވާލާ ދެއްވައި އެ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ވިދާޅުވި އެވެ.

ރައީސްގެ ސިޓީ ސޯޝަލް މީޑިއާގައި ލީކުވެފައިމިވަނީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، މްޕޭނުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދުނުދެވުން ކަމަށާއި، ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ބަދަލުވި ނިންމުން

އެ ސިޓީގައި ވާގޮތުން ރާއްޖެއިން ސްޓޭންޑު ބަދަލުކޮށްފައިވަނީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމާމެދު އޮތް މައްސަލާގަ އެވެ. ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެގައުމުން ކުރާ މަަސައްކަތުގައި މީގެ ކުރިން ރާއްޖޭން އެގައުމާ ދެކޮޅެވެ. އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވޯޓު ދިނީ ވެސް އެގައުމާ ދެކޮޅަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއް ކަަމަށް ކަނޑައަޅަން އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަަހަރު ނިންމީ އެގޮތަށް ފާސްކުރަން 116 ގައުމަކުން ވޯޓުދީގެންނެވެ. މޮރިޝަސްއާ ދެކޮޅަށް އެފަހަރު ވޯޓުދިނީ ރާއްޖޭގެ އިތުރުން އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ. އެފަހަރު 56 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

ރާއްޖޭން އެފަހަރު ވޯޓު ދިން ގޮތާ މެދު ބައެއް ގައުމުތަކުން ނުރުހުން ފާޅުކުރި އިރު އިދިކޮޅު ޕީޕީއެމުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. ޕީޕީއެމުން 24 މޭ 2019 ގައި ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ. ރާއްޖެ އިން ވޯޓު ދިން ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ބަޔާނުގައި އެކަން ކުށްވެރި ވެސް ކުރި އެވެ.

"މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިނުލައްވައި، ސާފުކޮށްދެއްވައި، މިކަމުގައި އަމަލުކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް،" ގޮވާލާ ކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ނަމަވެސް މި ސަރުކާރުން އެ ސްޓޭންޑު ބަދަލުކުރުމާއެކު އިދިކޮޅުގައި އޮތް ޕީޕީއެމުން ވަނީ އަނެއްކާވެސް އެކަމަށް ފާޑުކިޔާ ގިނަ ހަރަކާތްތަކެއް ބާއްވާފަ އެވެ. އަދި، މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ކަމެއްގެ ގޮތުގައިވެސް މިކަން ފާހަގަވި އެވެ.