Advertisement

ޑިމޮކްރެެޓުން ވަކި ބަޔަކާ ވާހަކަނުދައްކަން ނިންމައިފައެއް ނެތް: އިލްޔާސް

10 ސެޕްޓެންބަރު 2023 - 12:01 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބް އަދި އެޕާޓީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ޑިމޮކްރެެޓުން ވަކި ބަޔަކާ ވާހަކަނުދައްކަން ނިންމައިފައެއް ނެތް: އިލްޔާސް

10 ސެޕްޓެންބަރު 2023 - 12:01 0

ވަކި ސިޔާސީ ޕާޓީއަކާ މަޝްވަރާނުކުރަން ނިންމާފައި ނުވާ ކަމަށް، ރިޔާސީ އިންތިހާބުގައި ތިން ވަނަ ހޯދި ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބު މައިޒާންދޮށުގޭގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ނިންމުންތައް ނިންމާނީ އެޕާޓީގެ އެތެރޭގެ މަޝްވަރާއިން ކަމަށެވެ. ވަކި ސިޔާސީ ޕާޓީއަކާ ވާހަކަ ދައްކަން ނުވަތަ ނުދައްކަން ވެސް ޑިމޮކްރެޓުން އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފައެއް ނެތް، ވަކި ބަޔަކާ ވާހަކަ ދައްކަން ވެސް ނުދައްކަން ވެސް ނިންމާފައެއް ނެތް. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް، ސިޔާސީ ޕާޓީން ސިޔާސީ ޕާޓީތަކާ ސިޔާސީ ކަންކަމުގައި މަޝްވަރާކުރާނެ، ކުރަން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓުން އެ މަޝްވަރާތައް ހުރިހާ ސިޔާސީ މީހުންނާ ވެސް ކުރާނެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވޯޓުގެ އަދަދު މަދުވުމަކީ ކާމިޔާބީއެއް ކަަމަށް ދެކަވަޑަައިގަންނަވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސް އަކީ އަދި ވަރަށް ޒުވާން ޕާޓީއެއް ކަމަށާއި ފުރަތަމަ އިންތިހާބުގެ ވޯޓަކީ ކާމިޔާބީއެއް ނުވަތަ ނާކާމިޔާބީއެއްގެ ގޮތުގައި ވެސް ސިފަނުކުރައްްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ސިޔާސީ ޕާޓީއެއް ހަދައިގެން އަންނަ ފުރަތަމަ އިންތިހާބުގައި ލިބޭ ވޯޓަކޫީ އެއީ ބަލިވީތޯ މޮޅުވީތޯ،" އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން ތާއީދުކުރާނީ ކޮން ބޭފުޅަކަށްތޯ ސުވާލުކުރުމުން، އިލްޔާސް ވިދާޅުވީ މިއަދު އޮތް ނަތީޖާ އައިސްފި ނަމަ ކަންތައްކުރާނެ ގޮތަކާ މެދު ކެމްޕެއިން ތެރޭގައި ވެސް މީހުން ސުވާލުކުރި ކަމަށެވެ. "ކަންތައް ،ކުރަންވީ ކޮން ގޮތަކަށްތޯ" އެޕާޓީން އޭރުގައި ސަޕޯޓަަރުންނާ ސުވާލުކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް ސަޕޯޓަރުން ދިން ޖަވާބެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.

އިލްޔާސްއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.