Advertisement

ކާށިދޫ، ގާފަރު އަދި ދިއްފުށްޓަށް ރައީސްގެ ގިނަ ވައުދުތަކެއް

8 ސެޕްޓެންބަރު 2023 - 16:25 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. ދިއްފުށްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. ފޮޓޯ:އެމްޑީޕީ


ކާށިދޫ، ގާފަރު އަދި ދިއްފުށްޓަށް ރައީސްގެ ގިނަ ވައުދުތަކެއް

8 ސެޕްޓެންބަރު 2023 - 16:25 0

މާލެ އަތޮޅު ދިއްފުށްޓާއި މި އަތޮޅުގައި އެކަހެރިކޮށް އޮތް ދެރަށް ކަމަށްވާ ކާށިދޫ އާއި ގާފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ހޯއްދަވަން ކުރައްވާ އެންމެ ފަހު ދަތުރުފުޅުގައި ދިއްފުށްޓަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ފުރަތަމަ ދެއްވީ އެމަނިކުފާނު ދެވަނަ ދައުތަކަށް އިންތިހާބުކޮށްފި ނަަމަ އެެރަށުގައި ކުރިއަށް ގެންދަވާނެ މަޝްރޫއު ތަކެވެ. އެއަށް ފަހު ކާށިދޫ އާއި ގާފަރުގައި ކުރިއަށް ގެންދަނާނެ މަޝްރޫއުތަކުގެ ލިސްޓެއް ވެސް ވިދާޅުވި އެވެ.

ދިއްފުށީގައި ހިންގަވާނެ ކަމަށް ވިދާޅުވި މަޝްރޫއުތައް

  • ބިން ހިންކުން
  • ހިއްކާފައި އޮތް ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓް ދިނުން
  • މަގުތަކުގައި ތާރު އެޅުން
  • ފުލުހުންގެ މަރުކަޒެއް އެޅުން
  • ކުނި މެނޭޖްކުރާ މަރުކަޒެއް އެޅުން
  • ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުން
  • ވޮލީކޯޓެއް އެޅުން
  • ކައިރީގައި ޕިކްނިކް އައިލެންޑެއް

ކާށިދޫގައި ހިންގަވާނެކަމަށް ވިދާޅުވި މަޝްރޫއުތައް

  • އެގްރޯ ސެންޓަރެއް ގާއިމްކުރުން
  • ބޮޑެތި މަގުތަކުގައި ތާރުއެޅުން
  • ފަޅުތެރޭގައި ރިސޯޓެއް ހެދުން
  • އިޖުތިމާއީ މަރުކަޒު ގާއިމްކުރުން

ގާފަރުގައި ހިންގަވާނެ ކަމަށް ވިދާޅުވި މަޝްރޫއުތައް

  • ފްލެޓް ނުވަތަ ރޯހައުސް އެޅުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • މަސްވެރިންނަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  • ފަޅުތެރޭގައި ރިސޯޓެއް ހެދުން (އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ހެދުން)
  • ފަޅު ތެރޭގައި ޕިކްނިކް އައިލެންޑެއް ހެދުން
  • ވޮލީ ކޯޓް އަޅައިދިނުން
  • ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުން

ތިން ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް އިލްތިމާސްކުރެއްވީ މާދަމާ އޮންނަ އިންތިހާބުގައި ބައިވެރިވެ، ވޯޓު ލުމުގެ ހައްގު ލިބިގަތުމަށެވެ.

"މާދަމާ ހެނދުނު އަށެއް ޖަހާއިރު ވޯޓު ފޮށިތައް ހުޅުވާނެ. ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައި އޮތް އެންމެ މުހިއްމު ހައްގަކީ ވޯޓުލުމުގެ ހައްގު، އެއީ ވަރަށް ބޮޑު ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

މާދަމާ ބާއްވާ އިންތިހާބުގައި ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ.