Advertisement

ރިޔާސީ ކެމްޕެއިން: މީސް މީޑިޔާ އުސްއަލިތައް

8 ސެޕްޓެންބަރު 2023 - 10:36 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ރިޔާސީ ކެމްޕެއިން: މީސް މީޑިޔާ އުސްއަލިތައް

8 ސެޕްޓެންބަރު 2023 - 10:36 2

ދެހާސް ދޭވީސް ވަނަ އަހަރު މި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ގިނަ ގޮތްތަކަކުން ޚާއްޞަ އިންތިޚާބެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިޚާބެވެ. އިންތިޚާބެއްގައި ކެންޑިޑޭޓާއި އޭނާގެ ރަނިންގްމޭޓުގެ ގޮތުގައި ދެމަފިރިއަކު ވާދަކުރައްވާ ފުރަތަމަ އިންތިޚާބެވެ. ރަނިންގްމޭޓެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހުންނަވާ އިންތިޚާބެވެ. ލާސާނީ އިންތިޚާބެކެވެ. ދިވެހި ސިޔާސީ މައިދާނުން ސިންދަފާތު ދައްކުވައިދޭ އިންތިޚާބެކެވެ.

މިހުރިހާ ކަންކަމެއް ހުރި އިރުވެސް، އަޅުގަނޑުގެ ހިތަށް އެންމެ ފިނިކަން ގެނެސްދިން އެއްކަމަކީ، ކެމްޕެއިންގެ ފޯރި އެންމެ ގަދަވެގެން ދިޔަ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުން ޖެހިލުންވުމެއް ނެތި، މިނިވަންކަމާއެކު ޚިޔާލުފާޅުކުރަމުންދިޔަދިއުމެވެ. އަދި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުންވެސް ދެއްކި، މިނިވަން ޚިޔާލު ޙަޖަމުކުރަން އެނގޭކަމުގެ ހަރުދަނާ ސިފައެވެ.

އިންތިޚާބަށް ވަގުތު ކުޑަވެފައިވާއިރު، އަޅުގަނޑު މިއުޅެނީ ވަކި ފަރާތަކަށް ތާއީދު ހޯދާކަށް ނޫނެވެ. އެހެން ނަމަވެސް، 2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބާރު ދުވެލީގައި ފަށައިގަތް ފަހުން މިހާތަނާ ހަމައަށް، މީސް މީޑިޔާގެ ސަމާލުކަން އަތުލި ބައެއް ހާދިސާތަކާއި، އެ ކަންކަމާ ވިދިގެން މީސް މީޑިޔާއިން ފާހަގަކުރެވުނު، ޚާއްޞަކޮށް، ހެއްވާ މަޖާ، ކަންކަން ހަނދާންކޮށްލުމެވެ. ހަމައެކަނި، މިއަދުގެ ޕްރެޝަރ ކުޑަކޮށްލާ ހިނިތުންވެލުމަށެވެ.

"ކަޕްލް ގޯލްސް"

ކެންޑިޑޭޓް ނަންބަރު 2 ޙަސަން ޒަމީލްގެ ކެންޑިޑަސީ އިޢުލާންކުރައްވައި، ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް ޢަލީމްކަން އިޢުލާންކުރެއްވުމާއެކު، ދެމަފިރިން އިންތިޚާބަށް ކުރިމަތިލުމާ ގުޅޭ އެކި ސުވާލުތައް މީސްމީޑިޔާގައްޔާއި ގޭގޭ ފެންޑާމަތީ ކުރިމަތިކުރަން ފެށިއެވެ. ޒަމީލް ހޮވިވަޑައިގެންފި ޙާލަތެއްގައި ފަސްޓް ލޭޑީ އާއި ނާއިބު ރައީސަކީ އެކެއްތޯ، މިއީ ކުރެވެމުންދިޔަ އެއް ސުވާލެވެ.

އެއްބަޔަކު ބުނަމުންދިޔައީ މިއީ "ޙަޤީޤީ ކަޕްލް ގޯލްސް" ކަމަށެވެ. ކޮންމެއަކަސް މިހާ ހިސާބަށް ދިޔައިރު އެ ދެމަފިރިންނަކީ ދެމަފިރިންކަމުން އުފެދިގެންދިޔަ "އާ ކަޑަ" ފިލައިފިއެވެ. މިއަދު އެ ކެންޑިޑޭޓުންނަކީ ވެސް، ސީރިއަސް ކޮންޓެންޑަރުން ކަމުގައި ޤައުމު ބަލައިގަނެ، އެ އިޙުތިރާމު އަދާކުރަނީ އެއީ ޙަޤީޤަތުގައިވެސް މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ދެމަފިރިއަކަށް އެކުގައި ކުރިމަތިލެވިދާނޭކަން ބަލައިގަންނަ ޙާލުގައެވެ.

އާ ޒުވާން އިސްވާރުންގެ ހަރުދަނާ ވާހަކަތއް

މި އިންތިޚާބަކީ އާ ޒުވާން އިސްވާރުން، ސިޔާސީ ބޮޑެތި ޕޯޑިއަމްތަކުން ފެނިގެންދިޔަ އިންތިޚާބެކެވެ. މިގޮތުން މީސް މީޑިޔާގެ ސަމާލުކަމަށް އައި އެއް ތަޤުރީރަކީ ދަ ޑިމޮކްރެޓްސްގެ ޒުވާން އެކްޓިވިސްޓް ޙަމްދާ މުޙައްމަދު ދިން ޖަޒުބާތީ ތަޤުރީރެވެ. އެ ތަޤުރީރުގައި ދެއްކީ އަދުގެ ޒުވާނުންގެ ޙާލަތުގެ ވާހަކަ އެވެ. އަދުގެ ޒުވާނުންނާމެދު މީހުންގެ ހިތްތަކުގައި އުފެދިފައިވާ ތަޢައްޞަބާއި ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ޙަޤީޤަތްތަކުގެ ވާހަކައެވެ.

ވަކި ޕާޓީއެއް އިސްތިސްނާނުކޮށް، މީސް މީޑިޔާގައްޔާއި މެއިންސްޓްރީމް މީޑިޔާގައިވެސް ހަމްދާގެ މި ވާހަކަތަކަށް ސަމާލުކަން ލިބުނެވެ. މި ތަޤުރީރާއެކު ޙަމްދާ ވެފައިމިވަނީ، ދިވެހި ސިޔާސީ މައިދާނުގައި ވިދާލި އާ ތަރިއަކަށެވެ.

ގެވެހި، ހިތްތިރި ކެންޑިޑޭޓުން

ރިޔާސީ އިންތިޚާބު ނޫނަސް، ކޮންމެ އިންތިޚާބީ މޫސުމެއްގައިވެސް ކެންޑިޑޭޓުންގެ ހިތްތިރިކަމާއި މަޑުމައިތިރިކަން ދެއްކުމަށް، ހަވާސާކުރެވިފައިވާ އާބާދީތަކާއެކު ބައްދަލުވުންތައް ބާއްވައި، ކުޑަކުދިން އުރާ، ގޭގޭ ބަދިގެއަށް ވަދެ އަތްގާތްކޮށްދީ، ކަންމަތީ ފިހާރައިން ވިޔަފާރިކޮށް، ކަންމަތީ ސައި ހޮޓަލުން ސައިބޮއި އުޅުމަކީ، "ރަން ތިރީސް" އަހަރަށް ފަހު ގެންގުޅޭ އުކުޅެކެވެ. ތެދުތެދަށް ދަންނަވާނަމަ، ގެންގުޅެ ބާވެފައިވާ އުކުޅެކެވެ. 2023ގެ ރިޔާސީ ކެމްޕެއިންތަކުންވެސް މި މަންޒަރުތައް އިންތިހާއަށް ފެނުނެވެ. ރޯ ނުކޮށް ހުރި އުނދުނެއް ކައިރީ މަސްރޮށި ފުށުންޖަހާ ކެންޑިޑޭޓުންނާއި، ރޯނުވަށާ ލީޑަރުންނާއި، ބަނބުކެޔޮ ތެއްލައި، ރިހާކުރު ކައްކާ ކެންޑިޑޭޓުންނާއި، ތިމާ ގައިގައި ނެތް ޒުވާންކަމާއި "ކޫލް"ކަން ދައްކަން "ޒުވާން" ގޮތްގޮތަށް އުޅޭ ކެންޑިޑޭޓުންނެވެ.

މި ފަހަރު މީސް މީޑިޔާއިން ފެންނަނީ ރައްޔިތުން މިކަން ބަލައިނުގަންނަ ކަމުގެ ނިޝާންތަކެވެ. މި ކަންކަމަށް ފާޑުކިޔަން ހަދާފައިވާ ސަމާސާ ވީޑިއޯތައްވެސް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ސަމާސާ ވީޑިއޯތަކާއި މީމްތަކުންވެސް މިދޭ މެސެޖު ވަރަށް ސާފެވެ. އެ އުކުޅުތައް މިހާރު ބާވެއްޖެއެވެ. އެހެންނަމަވެސް ޕީ.އާރް ނަޒަރަކުން ބަލާނަމަ، މި ސަމާސާތަކާއި ފާޑުކިޔުންތައް އަމާޒުވުމުން، އެ ކެންޑިޑޭޓުންނައް ލިބޭ އެކްސްޕޯޝަރ ހައްތަވާ ވަނީ އިތުރެވެ.

ހިސާބު ސަރ އާއި ހިސާބު މިސް

މީ އަދި މާ ވައިގައި ހިފި ވާހަކައެކެވެ. މީގެ ތާރީޚުން ފަށަމާ ހިނގާށެވެ. އަހަރަކީ 2018 ވަނަ އަހަރެވެ. އޭރު ވެރިކަން ކުރި ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަން ހުންނެވީ އެ ކޯލިޝަންގެ އިސް ލީޑަރެއްކަމަށްވާ ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ. އެބޭފުޅާގެ ވާހަކައިގައި ހިސާބެއް ތަފްޞީލު ކޮށްދެއްވަމުން ނުބައި ޖަވާބެއް ވިދާޅުވެވެއެވެ. އެ ހިސާބުން ޢަބްދުއްރަހީމަށް ހިސާބު ޓީޗަރޭ ކިޔައި ނަން ހަރުކޮށްލީ މީސް މީޑިޔާއިންނެވެ.

މި ފަހަރު ހަމައެކަނި ހިސާބު ސަރ އެއް ނޫނެވެ. ހިސާބު މިސްވެސް މެއެވެ. ވީ ގޮތަކީ ސިޔާސީ ދެ ޕޯޑިއަމެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމަށް އޮޅިވަޑައިގެން ދެއްކެވި ވާހަކައަކާއި، އެމްޑީޕީގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކައެއްގައި އެރި އޮޅުންތަކެއްގައި އެއްގޮތް ކަންތައްތަކެއް ފެނުމެވެ. އެމްޑީޕީގެ ސަޕޯޓަރުންނަށް މާރިޔާ ގޮވާލެއްވީ މި މަހު ތިންވަނަ ދުވަހު ނިކުމެ ކެންޑިޑޭޓް ނަންބަރު ތިނަކަށް ވޯޓު ލުމަށެވެ. ޢަބްދުއްރަހީމް އިދިކޮޅު ސަޕޯޓަރުންނަށް އިލްތިމާސްކުރެއްވީ، މި މަހު ހަތަރު ވަނަ ދުވަހު ނިކުމެ ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ވޯޓު ލުމަށެވެ. އެހާ ހިސާބުން ޢަބްދުއްރަޙީމް ހިސާބު ސަރ އަށް އަދި މާރިޔާ ހިސާބު މިސްއަށް ވެ ނިމިއްޖެއެވެ.

ރިޔާސީ ބަހުސްގެ ރޭ ދެބޭފުޅުން ޖެހިޖެހިގެން ދެ ގޮނޑީގައި ތިއްބެވުމުންވެސް، އެ ސަމާސާ މީސް މީޑިޔާގައި ދައުރުވިއެވެ. ޚުދު މާރިޔާ އަމިއްލަފުޅަށް ވެސް އެ ފޮޓޯ ޝެއަރކުރައްވައި، ހިސާބު ހޯމްވަރކް ހަދަނީކަމަށް ޓްވީޓުކުރައްވާފައިވެއެވެ.

ކޮންމެއަކަސް އެ ދެ ބޭފުޅުން ފެންނަ ކޮންމެ ތަނަކުން ހިސާބު ސަރ އާއި ހިސާބު މިސްގެ ވާހަކަ ދެކެވެނީ ސަމާސާ ގޮތެއްގައެވެ.

ދެ ކެންޑިޑޭޓުންނަށްވެސް "ނެއްލައި-ދޫ އޮޅުން"

ދެ ކެންޑިޑޭޓުންނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ކެންޑިޑޭޓް ނަންބަރު 5 ޤާސިމް އިބްރާހީމެވެ. ރަށަކީ އެއް ރަށެކެވެ. ހދ ނެއްލައިދޫއެވެ. ފުރަތަމަ އެ ރަށަށް ވަޑައިގެންނެވީ ގާސިމް އިބްރާހީމެވެ. ރަށުގެ ނަން ހަނދުމަފުޅު ނުވުމުން ކައިރީ ހުންނެވި ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ މަންޒަރު ފެންނަ ވީޑިއޯ ވަރަށް ބޮޑަށް ދައުރުވިއެވެ. އޭގެ ފަހުން ރައީސް ޞާލިޙު ނެއްލައިދުވަށް ވަޑައިގެން އެ ރަށުގެ ނަން ވިދާޅުވާން މަސައްކަތްކުރައްވަނިކޮށް ދޫ އޮޅުމުން، ވަރަށް ބޮޑަށް ހިނިފުޅުވަޑުވައެވެ. އެ މަންޒަރު މީސްމީޑިޔާގައި ދައުރުވާނޭ މިންވަރު އަންދާޒާ ކުރެވުމުން ކަންނޭނގެއެވެ.

ބައެއް މީހުން ކޮމެންޓުކޮށްފައިވަނީ މިކަން މިހެން ތަކުރާރުވަނީނަމަ، ނެއްލައިދޫގެ ނަން ބަދަލުކުރަންވީ ކަމުގައެވެ. ކޮންމެއަކަސް މި ހާދިސާ ވެސް ވެފައިވަނީ ރިޔާސީ ކެމްޕެއިނުގެ އެންމެ ދައުރުވި އެއް ހާދިސާއަށެވެ.

ކެންޑިޑޭޓުންގެ ބަހުސް

މި އަރިމަތި ސުރުޚީގެ ދަށުން ވާހަކަ ދައްކާ ހުސްނުވާނެއެވެ. ފައްޓާނީ ކިހާ ހިސާބަކުންހެއްޔެވެ. އެންމެ ރަނގަޅުވާނީ އަޅުގަނޑުގެ ކޮމެންޓްރީވެސް "ހާމަނައިޒް"ކޮށްލިއްޔާ ތޯއްޗެކެވެ. މީމްސް ހުސްނުވެއެވެ. ޢުމަރު ނަސީރު އެހެން ކެންޑިޑޭޓުންނަށް ބައްލަވަން ހިނިފުޅުވަޑުވައިގެން އެ ހުންނަ ގޮތެވެ. ޑރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޞޯލިޙާ ދެބޭފުޅުން ދެ ބޭފުޅުންނައް ބައްލަވާލައްވާ ގޮތެވެ

ޒަމީލްގެ ރުންކުރު ސާދާ ޖަވާބުތަކެވެ. އިލްޔާސް ލަބީބުގެ ވާހަކަދެއްކުވުމުގެ ޓޯންއެވެ. ނާޒިމްގެ މިލިޓަރީ ޕޮސްޗަރއެވެ. ފާރިސްގެ މަޤުބޫލު ޖަވާބުތަކެވެ. ހިސާބު ސަރ އާއި ހިސާބު މިސް މީމްސްތަކެވެ. ފާރިސް ވާހަކަދެއްކެވި ވަގުތު ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމްގެ މޫނުފުޅުން ފެނުނު ފަޚުރުވެރިކަމުގެ ކުލަވަރެވެ. މިހެން ގޮސް ހުސްނުކޮށެވެ. ބަހުސަށްފަހު މީސް މީޑިޔާގައި ފާރިސްއަށް ލިބުނު މަޤުބޫލުކަމާ ވިދިގެން ފާރިސް އާ ވައްތަރު ބޭފުޅެއް "އުފާފާޅުކޮށް ނަށާތަން" ފެންނަ މީމްއެވެ

ރިޔާސީ ބަހުސްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކޮންމެއަކަސް މިއަދު އަޅުގަނޑުމެން ގުނަމުން މިދަނީ، ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ވަގުތުތަކެވެ. ކުރިއަށް އޮތް ފަސް ދައުރަށް ވެރިއަކު އިންތިޚާބު ކުރުމުގެ މަސްއޫލިއްޔަތު، މާދަމާ، ވަކިވަކި ފަރުދުން އަދާކުރަމުންދާނެއެވެ. މިއަދާ ޖެހެންދެން އަޅުގަނޑުމެން މި ތިބީ ކުޅި ބަލާށެވެ. އަޅާ ކިޔާށެވެ. މާދަމާ އަކީ އަޅުގަނޑުމެންގެ ނިންމުން ހާމަކުރާ ދުވަހެވެ. ކެމްޕެއިންގެ ތެރެއިން މި ފެނުނު ތަހައްމަލުކުރުމުގެ ޘަޤާފަތް ވޯޓު ލުމާއި، ވޯޓު ގުނުމުގެ މަރުޙަލާއިން ދައްކަން އަތުކުރި އޮޅާލަމާހެއްޔެވެ. އަޅުގަނޑުމެން ދިވެހިންނަކީ މިއަދު ޑިމޮކްރަސީއަށް ފަރިތަ، މިނިވަންކަމަށް ކުފޫހަމަވާ، ޒިންމާދާރު ރައްޔިތުންކަމުގައި ދައްކަމާ ހިންގަވާށެވެ.