އިންޑިއާ ސަރުކާރުން ހަދިޔާކޮށްގެން ރާއްޖޭގައި އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރަން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން އިއްޔެ މަޝްވަރާކުރި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފު ކަމެކެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެ ގައުމަށް ވަޑައިގެން އިއްޔެ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.
އިންޑިއާއިން އިއްޔެ ވަނީ ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރު ނުވަތަ 62 މިލިއަން ރުފިޔާގެ ސާމާނު ވެސް ހަދިޔާކޮށްފަ އެވެ. އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި ހަދިޔާ ކުރީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ނިންމެވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވާ ސިފައިން ފޮނުވާލުމަށްފަހު އުޅަނދުތައް ބެހެއްޓުމަށެވެ. އެ ތަކެތި މިހާރު ދުއްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އެ ގައުމުގެ ކުންފުންޏެއްގެ މުވައްޒަފުން ކަމަށްވެ އެވެ. ސަރުކާރުން ބުނަނީ އެއީ މަދަނީ ބައެއް ކަމަށެވެ.
އެ މަދަނީން ތިބެނީ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ގެނައި އިންޑިއާގެ ސިފައިން ބޭތިއްބުމަށް ކުރިން ވެސް ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ. ލ. ކައްދޫ އާއި ސ. ގަމުގައި އިންޑިއާގެ މީހުން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ، 2025، ގައި ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އަދި ހދ. ހަނިމާދޫގައި މީހުން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ، 2026، ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
Comment