Advertisement

ކިސްރާއަށްވުރެ އަދުލުވެރި އިސްލާމީ ވެރިން

8 ސެޕްޓެންބަރު 2023 - 06:09 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މިސްރުގައި ހުންނަ ޢަމްރޫ ބުނުލްޢާޞްގެ މިސްކިތް


ކިސްރާއަށްވުރެ އަދުލުވެރި އިސްލާމީ ވެރިން

8 ސެޕްޓެންބަރު 2023 - 06:09 0

އުމަރުގެފާނުގެ ހިލާފަތުގައި މުސްލިމުން މިސްރު ފަތަހަކުރި ވާހަކައާއި، މިސްރަކީ އޭރަށް ބަލާއިރު މުސްލިމުންގެ އަތުގައި އޮތް އެންމެ މުއްސަނދި ސަރަހައްދުކަމުގެ ވާހަކަ އިސްވެދިޔަ ސިލްސިލާ ލިޔުންތަކުގައި ބަޔާންކޮށްފައިވާނެ އެވެ. އަދި މިސްރުގެ ގަވަރުނަރު ޢަމްރޫ ބުނުލްޢާޞްގެ ކުޅަދާނަ ކަމާއި ހުޝިޔާރުކަމުގެ އިތުރުން، އެއީ އިސްލާމީ ވެރިކަމުގެ ތެރޭގައި ކޮންފަދަ މަތިވެރި ދައުރެއް އަދާކުރި ބޭކަލެއްކަން އެއް ލިޔުމަށްވުރެ ގިނަ ލިޔުމުގައި ތަފުސީލުކޮށްދެވިއްޖެ އެވެ. މިފަހަރުވެސް މި އެއްލަނީ އެހިސާބުން ސަފުހާއެކެވެ.

މިސްރުގައި މިހާރުވެސް ފެންނާންހުރި ޢަމްރޫ ބުނުލްޢާޞްގެ ނަންފުޅަށް ނިސްބަތްކުރެވިފައިވާ މިސްކިތަކީ އެކަލޭގެފާނުގެ ގަވަރުނަރުކަމުގައި ބިނާކުރެއްވި މިސްކިތެކެވެ. އެ މިސްކިތް ފުޅާކޮށް ބޮޑުކުރުމަށް ބެލިއިރު، ކައިރީގައި ހުރި މިސްރުގެ އާދައިގެ އަންހެނަކުގެ ގެ އެސަރަހައްދުގައި ހުންނާތީ، ޢަމްރޫ ބުނުލްޢާޞްގެ އަމުރުފުޅަށް އެ ގޯތި އަންހެން މީހާގެ އަތުން އަތުލައިފައި، މިސްކިތުގެ ގޯތި ތެރެއަށް އެބިން ލައްވައި ނުހަނު ބޮޑުކޮށް މިސްކިތް ފުޅާކޮށްލައިފި އެވެ.

މިއަންހެން މީހާއަކީ ކްރިސްޓިއަނެކެވެ. ޢަމްރޫ މިހެއްދެވި ގޮތާމެދު ހިތްހަމަ ނުޖެހިގެން މިއަންހެން މީހާ މިސްރުގައި ތިބި ކްރިސްޓިއަނުންގެ ބޮޑެތި ފާދިރީންގެ ގާތަށް ހިނގަން ފަށައިފިއެވެ. ލައްކަ މަޝްވަރާއާއި ސައްލާއަށްފަހު، ފާދިރީން އަންހެން މީހާއަށް ލަފާދިނީ، ޢަމްރޫގެ މި އަނިޔާވެރި އަމަލުގެ ޝަކުވާއާގެން މުސްލިމުންގެ ޚަލީފާ އުމަރުގެފާނަށް ދެންނެވުމަށް މަދީނާއަށް ދިއުމަށެވެ.

އަންހެން މީހާ އޭނާގެ ޚާދިމްކަލޭގެއާއެކު ލަސްތަކެއް ނުވެ މަދީނާއަށް ދަތުރުކޮށްފި އެވެ. އުމަރުގެފާނު ކޮބާތޯ އައްސަވަމުން މީހުން އިޝާރާތްކުރި ދިމަދިމާއަށް ލަނބަމުން ހޯދަމުން ދަނިކޮށް ފެނުނީ ގަހެއްގެ ދަށުގައި ހަށިފާރަވެރިއަކާ ވެސް ނުލައި، ބާ ފޭރާންކޮޅެއްގައި އޮށޯވެގެން އޮތް މީހެކެވެ. އާދޭހެވެ. އުމަރުގެފާނެވެ. އެކަމަނާ ހައިރާންވި އެވެ. ޝާމްކަރައިގެ ރަށްތަކާއި އިރާގާއި ފާރިސްކަރައިގެ ރަށްތަކާއި މިސްރާއި މި އެންމެހާ ތަނެއްގެ މައްޗަށް ބާރު ހިންގަވާ މައި ވެރި މީހާގެ ވެރިކަމުގެ އިއްޒަތާއި ހައިބަތެއް ނުފެނުނީމަ އެވެ. އެކަމަނާ އެހާ ހައިރާންވީ، އުމަރުގެފާނުގެ ކިބައިން މިސްރުގައި ޢަމްރޫ ބުނުލްޢާޞް ގަވަރުނަރެއްގެ ގޮތުގައި ފެންނަ ހައިބަތު ވެސް ފެންނާން ނެތަތީ އެވެ. ކޮންމެއަކަސް ލަސްތަކެއް ނުވެ ދެމެދުގައި ވާހަކަދެކެވި އެކަމަނާގެ ޝަކުވާ އުމަރުގެފާނަށް ދަންނަވައިފި އެވެ. އުމަރުގެފާނު ހަމައެކަނި ގަލަންކޮޅު ނަންގަވާފައި ފަތްކޮޅުގައި ލިޔުއްވިކަމަށްވަނީ، ދެތިން ލަފުޒުން ހިމެނޭ ޖުމުލައެކެވެ. ދެން އެސިޓީފުޅު ދެއްވާފައި އެސިޓީފުޅު ޢަމްރޫއަށް ގެންގޮސްދިނުމަށް އެ އަންހެން މީހާގެ އަތަށް ދެއްވި އެވެ.

އަންހެން މީހާ ހިތަށް އެރި އެވެ. ގަހެއްގެ ދަށުގައި އޮތް އެއްވެސް ހައިބަތެއް ނެތް މިކަހަލަ ސަހަރާތެރޭ ބަދަތްވަކު ލިޔެފައިދޭ ޖުމުލައަކަށް، މަތިވެރި ގަވަރުނަރު ޢަމްރޫބުނުލްޢާޞް ބޯލަނބާނެ ގޮތެއް އޮންނާނެ ބާވަ އެވެ. މިހެން ހިތަށް އަރާފައި، މަދީނާއިން ނުކުމެވުމާއެކު މިސިޓީކޮޅު އެއްލާލައްވައިފި އެވެ. މިތަން ފެނިފައި، އެކަމަނާއަށް ނޭނގޭނެ ގޮތެއް ހޯދައިގެން އަންހެން މީހާގެ ޚާދިމްކަލޭގެ އެސިޓީ ނަގައި ރައްކާކޮށްފި އެވެ.

މިސްރަށް އެނބުރި ދެވުމާއެކު ފާދިރީންގެ ގާތަށް ގޮސް ވީނުވީ އަންގައިފި އެވެ. އަންހެން މީހާ އެސިޓީ އެއްލާލި ކަންމައްޗަށް ފާދިރީން ނުހަނު ބަސްބުނެ އަންހެން މީހާގެ އެ އަމަލަކީ ވަރަށް ދެރަ ކަމެއް ކަމުގައި ބަޔާންކޮށް އެންމެން މޮޅީގައި ތިއްބައި، ޚާދިމްކަލޭގެ ސިޓީގެ ހަބަރުދީފައި ސިޓީ އެމީހުންނަށް ދައްކައިފި އެވެ. އެޔާއެކު ފާދިރީން ލަފާދިނީ މުސްލިމުން މިސްކިތަށް ހުކުރު ނަމާދަށް އަރާ މީހުން ފުރިބާރުވީމާ، މިސްކިތުގެ ދޮރުމަތީގައި ހުރެފައި، ޢަމްރޫ މިސްކިތަށް ވަޑައިގަންނަވަން ފެއްޓެވުމުން ސިޓީ ދެއްވާފައި ހަރުއަޑުން އެ ވާހަކަތައް ބަޔާންކުރުމަށެވެ.

އަންހެން މީހާ ޖެހިގެން އައި ހުކުރު ދުވަހު މިސްކިތް ކައިރީގައި ތަންވަޅުގެ އިންތިޒާރުގައި ހުރެފައި، ޢަމްރޫ މިސްކިތުގެ ދޮރުކޮޅު މައްޗަށް ހަމަ އަރާވަޑައިގަތްތަނާ މިއޮތީ ކަލޭމެންގެ ޚަލީފާގެ އަރިހުން އައި ފަތްކޮޅެކޭ ބުނެ، އެސިޓީކޮޅު ދިއްކޮށްލައިފި އެވެ. ޢަމްރޫ އެ ބައްލަވާފައި، ނުހަނު ބޮޑަށް ކީރިތި ކުރައްވާފައި ވިދާޅުވި އެވެ. އަހަރެމެން ހުކުރު ނަމާދުކޮށްލާދެން ކަމަނާއަށް މަޑުކޮށްލެވޭނެތޯ އެވެ؟ ނުވަތަ އޭގެ ކުރިޔަށް މިސްކިތުން ކަމަނާގެ ގޯތީގެ ގޮތުގައި އޮތް ބައި ތަޅާލާފައި ދޭންވީތޯ އެވެ؟ މިކަމުގައި ބަހަކީ ކަމަނާގެ ބަހެވެ.

އުމަރުގެފާނުގެ ފަތްކޮޅުގައި ލިޔުއްވާފައިވަނީ، "ތިބާއަށްވުރެ ފާރިސީންގެ ކިސްރާ އަދުލުވެރީ ހެއްޔެވެ؟" މި ޖުމުލައިން އުމަރުގެފާނު އިޝާރާތް ކުރެއްވީ، ފާރިސްގެ ކިސްރާގެ ދަރުބާރަށް އުމަރުގެފާނާއި ޢަމްރޫ ބުނުލްޢާޞްއާ ދެކަލުން މާ އިހުޒަމާނެއްގައި ކުރި ޒިޔާރަތެއްގައި ފެނުނު މަންޒަރަކަށެވެ. ދެކަލުންނަށް ފެނިވަޑައިގަންނަވަނީ، ގަނޑުވަރުކޮޅުގެ ވަކި ސަރަހައްދަކުން އަންހެނަކު އޭނާ ހުއިހައްޕާ ބަކަރިތަކާއެކު ހުރަސްކުރާ މަންޒަރެވެ. އޭނާ އެތަކެތި ހުއިހައްޕަން ހެނދުނު ގޮސްފައި ހަވީރު އެނބުރި އާދެއެވެ. އޭނާ ގަނޑުވަރުގެ އެ ދިމާ ހުރަސްކުރަންވީމާ ގަނޑުވަރުގެ ފާރަވެރިން، އެތަނުގައި އަޅާފައިވާ ދޫލަ ނަގައި، އޭނާ ހުރަސްކުރުމުން ދޫލަ އަލުން ތިރިކުރަނީ އެވެ. މިކަމާ މީގެ ދެކަލުން ގަނޑުވަރުގެ މީހުންނާ ސުވާލުކުރުމުން އެބައިމީހުން އޮޅުން ފިލުވައިދިނެވެ. ކިސްރާގެ ގަނޑުވަރު ފުޅާކުރާން ވެގެން، މި އަންހެން މީހާގެ ގޯތި ނެގުމަށް ކިސްރާ އުޅުމުން، އަންހެން މީހާ އެކަމަށް އިންކާރުކުރީ އެވެ. ގޯތި ގަދަކަމުން އެމީހާގެ އަތުން ނަގާވަރަށް ވުރެ ކިސްރާގެ އަދުލުވެރިކަން ބޮޑެވެ. ދަރުބާރު ފުޅާކުރައްވާފައި އޮތްގޮތުން، އަންހެން މީހާއަށް އޭނާގެ ބަކަރިތައް ހުއިހައްޕަން ދެވޭނީ ގަނޑުވަރުން ބައެއް ހުރަސްކޮށްފައެވެ. ކިސްރާގެ އަދުލުވެރިކަމާއި ހެޔޮވެރިކަމުގައި ނިކަމެތި އެ އަންހެން މީހާގެ ހައްގު އެގޮތުގެ މަތީން ލިބިދީފައިވަނީ އެވެ.

އުމަރުގެފާނުގެ ދެންނެވުނު ޖުމުލައާއެކު، ޢަމްރޫއަށް އެހާދިސާ ހަނދާންވެއްޖެ އެވެ. އުމަރުގެފާނު އިޝާރާތް ކުރެއްވީ އެކަމަށް ކަންވެސް ހަނދާންވެއްޖެ އެވެ. އޭގެ އިތުރުން، އުމަރުގެފާނު ކުރެއްވީ ސުވާލެއް ނަމަވެސް، އަދި ބަޔާންކުރެއްވީ ހައިރާންވުމުގެ ޖުމުލައެއް ނަމަވެސް، މީގައި މިވަނީ އަންހެން މީހާއަށް އިންސާފުވެރިވުމަށް އަންގަވާފައިވާ ހަލީފާގެ އަމުރުފުޅުކަން ވެސް ޢަމްރޫއަށް އޮޅިވަޑައެއް ނުގަންނަވަ އެވެ. އެހެންވެގެންތާއޭ އެ ވިދާޅުވީ، ހުކުރުކޮށް ނިމޭންދެން މަޑުކުރަން ބޭނުންނޫންނަމަ، ވަގުތުން ވަގުތަށް ކަމަނާ އެދޭނަމަ، މިސްކިތުގެ އެބައި ތަޅުއްވާފައި ދެއްވާހުށީމެވެ.

ބުނެވޭ ގޮތުގައި، އެކަމަނާގެ ގޯތި އެކަމަނާ ފަހުން ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި މުސްލިމުން ގެނައި ވެރިކަމުގެ ހަގީގީ އަދުލުވެރިކަން ފެނި އެކަމަނާ އިސްލާމްވީ އެވެ. ވެރިކަމުގެ ހައިބަތާއި ޝާނާއި ޝައުކަތު ވަނީ އަދުލުވެރިކަމުގައެވެ. އެއީ ޒަމާނެކެވެ. ފާރިސީންނަށްވުރެ މުސްލިމުން ގަދަވެ ތަހުޒީބުވީ ސަބަބެއް އޮވެގެންނެވެ. ފާރިސީންނަށްވުރެ އަދުލުވެރިކަމާއި އޯގާތެރިކަމުގެ ވެރިކަމެއް ދުނިޔެއަށް ގެނެސްދީގެންނެވެ.