Advertisement

ގުރުއާން ތަފްސީރުގެ މަސައްކަތް ކުރީ އިންސާނިއްޔަތަށްޓަކައި: ގާސިމް

8 ސެޕްޓެންބަރު 2023 - 08:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިރޭގެ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގުރުއާން ތަފްސީރުގެ މަސައްކަތް ކުރީ އިންސާނިއްޔަތަށްޓަކައި: ގާސިމް

8 ސެޕްޓެންބަރު 2023 - 08:33 0

ދިވެހިބަހުން ނެރުނު ގުރުއާނުގެ ފުރަތަމަ ތަފްސީލީ ތަފްސީރުގެ މަސައްކަތަކީ އިންސާނިއްޔަތަށްޓަކައި ކުރެއްވި މަސައްކަތެއް ކަމަށް ވިލާ ފައުންޑޭޝަނުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކުރި މަޝްހޫރު ތަފްސީރު ފޮތް، އައްތަފްސީރުލް ވާޟިޙުލް މުޔައްސަރުގެ ވެބް ވާޝަން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ގުރުއާނުގެ ތަފްސީރު ފޮތެއް ނެރުނީ އިންސާނިއްޔަތަށްޓަކައި ކަމަށާއި މިދުވަސްވަރު އެފޮތް ނެރުމަށް މެދުވެރިވީ ބައިވަރު ސަބަބުތަކާ ލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ދުނިޔޭގައި ތިބިއިރު، ކުރެވުނު ހެޔޮ މަސައްކަތްތައް ކުރުމަށްޓަކައި، މި މަތިވެރި މަސައްކަތް އިންސާނިއްޔަތަށްޓަކައި، ﷲގެ ވަހީބަސްފުޅުގައި ވާފަދައިން ކުރެވޭތޯ ބެލުމުގެ މަގުސަދުގައި އަޅުގަނޑު މިކަން މި ކުރަނީ، އެއްވެސް އެހެން ނިޔަތެއް މީގައި ނެތް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް މީހަކަށް މަރުވާނެ ވަގުތެއް ނުވަތަ ދުވަހެއް ނޭނގޭނެ ކަމަށާއި ފޮތުގެ މަސައްކަތް އަވަސް ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭ ކަމަށެވެ. އަދި ދުނިޔޭގައި ހުއްޓައި ފޮތުގެ މަސައްކަތް ނިމުން އެއީ ވަރަށް ބޮޑަށް އެދިގެން ހުރި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ވަސިއްޔަތެއްގެ ގޮތުގައި އަޅުގަނޑުގެ [ދޮށީ ފިރިހެން] ދަރިފުޅަށް އަޅުގަނޑު ދެންނެވިން ބައްޕަ ނެތަސް މިކަން ކޮށް ނިންމައިދެއްޗޭ،" ގާސިމް ވިދާޅުވި އެވެ.

މިރޭ ލޯންޗު ކުރި ފޮތަކީ ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމުގެ މަތީން ނޮވެމްބަރު 2، 2016 ގައި ތަރުޖަމާ ކުރަން ފެށި ފޮތެކެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ބުރަ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީން 1987 ވަނަ އަހަރު ދަސްވެނިވި، އައްޝައިޚް މުހައްމަދު އަބްދުﷲ އެވެ. ފޮތް ޕްރޫފް ރީޑިންގެ މަސައްކަތް ކުރެއްވީ އަބްދުﷲ އަބްދުލް މުހުސިންއާއި އިޔާޒް ނަސީމް އެވެ. އެފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެ އެވެ. އެއީ ދޮޅު އިންޗީގެ ބޯމިނުގެ 15 ފޮތެވެ.

އެ ފޮތުގެ ވެބް ވާޝަން ލޯންޗު ކުރުން ރިޔާސީ ކެންޕޭނު ދުވަސްވަރާ ދިމާވުން އެއީ އިއްތިފާގެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ވެބް ވާޝަނެއްގެ ގޮތުގައި އެފޮތް ލޯންޗު ކުރުމުގެ މަސައްކަތް ކުރީ ފޮތް ޗާޕު ކުރާއިރު، އޭގައި ކުށެއް ނެތްކަން ކަށަވަރު ކުރުމަށްކަމަށެވެ.

"ވެބް ވާޝަން ނެރުނީ ފޮތް ޗާޕު ކުރުމުގެ ކުރިން އިތުރު ކުށެއް އޮތްތޯ ކަށަވަރު ކުރުމާއި އެކު ދަރިވަރުންނާ އެކު އިލްމު އުނގެނޭ އެކި އުމުރުގެ ބޭފުޅުން އިންޓަނެޓުން މި ތަފްސީރު ބައްލަވައިލެއްވުމާއި ކުށެއް ވާނަމަ އަންގަވައިލަދެއްވުމަށް އެ ފުރުސަތު ހޯދުމުގެ ބޭނުމުގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެ ފޮތުގެ އައިފޯން އަދި ގޫގުލް އެޕްލިކޭޝަން ވެސް ލޯންޗު ކުރައްވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ފޮތް ޗާޕު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.