Advertisement

ވިލާ ފައުންޑޭޝަނުން ތަރުޖަމާކުރި ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ލޯންޗުކޮށްފި

7 ސެޕްޓެންބަރު 2023 - 22:52 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ލޯންޗުކުރަނީ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ވިލާ ފައުންޑޭޝަނުން ތަރުޖަމާކުރި ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ލޯންޗުކޮށްފި

7 ސެޕްޓެންބަރު 2023 - 22:52 1

ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކުރި މަޝްހޫރު ތަފްސީރު ފޮތް، އައްތަފްސީރުލް ވާޟިޙުލް މުޔައްސަރުގެ ވެބް ވާޝަން ލޯންޗުކޮށްފި އެވެ.

ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ނަމުގައި މިރޭ ނެރުނު ފޮތަކީ ދިވެހި ބަހުން ނެރުނު ފުރަތަމަ ގުރުއާނުގެ ތަފްސީލީ ތަފްސީރެވެ.

ވިލާ ކޮލެޖުގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ލޯންޗުކޮށްދެއްވީ ވިލާ ފައުންޑޭޝަނުގެ ޗެއާމަން، ގާސިމް އިބްރާހިމް އެވެ. އެ ފޮތަކީ ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމުގެ މަތިން ނޮވެމްބަރު 2، 2016 ގައި ތަރުޖަމާ ކުރަން ފެށި ފޮތެކެވެ.

ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ބުރަ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީން 1987 ވަނަ އަހަރު ދަސްވެނިވި، އައްޝައިޚް މުހައްމަދު އަބްދުﷲ އެވެ. ފޮތް ޕްރޫފް ރީޑިންގެ މަސައްކަތް ކުރެއްވީ އަބްދުﷲ އަބްދުލް މުހުސިންއާއި އިޔާޒް ނަސީމް އެވެ. އެފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެ އެވެ. އެއީ ދޮޅު އިންޗީގެ ބޯމިނުގެ 15 ފޮތެވެ.

އެ ފޮތް ލޯންޗު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހަމައެކަނި ވެބް ވާޝަނެއްގެ ގޮތުގައި މިރޭ ފޮތް އިފުތިތާހު ކުރި ނަމަވެސް ވަރަށް އަވަހަށް އެ ފޮތުގެ އައިފޯން އަދި ގޫގުލް އެޕްލިކޭޝަން ވެސް ލޯންޗު ކުރައްވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ފޮތް ޗާޕު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެބް ވާޝަނެއްގެ ގޮތުގައި އެ ފޮތް ފުރަތަމަ ނެރުމަށް ނިންމެވީ ޗާޕު ކުރާއިރު، އެއްވެސް ކުށެއް އޭގައި ނުބޭއްވުމުގެ މާތް އަޒުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެއީ ވެބް ވާޝަން ލޯންޗު ކުރުމުން އޭގައި އެއްވެސް މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން ފާހަގަ ކުރުމަށްފަހު އެކަން ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ ލޯންޗު ކުރި ތަފްސީރު ފޮތުގެ ޑިޒައިން ދިވެހި އިސްލާމީ ގޮތަކަށް ކޮށްދެއްވާފައި ވަނީ މަޝްހޫރު ގުރެފިކް ޑިޒައިނަރު، ހުސައިން ނިޔާޒް އެވެ.