Advertisement

ޕީއެސްޖީން ރާމޯސް މަޑުކުރުވަން ބޭނުންވި

7 ސެޕްޓެންބަރު 2023 - 12:26 0


ޕީއެސްޖީން ރާމޯސް މަޑުކުރުވަން ބޭނުންވި

7 ސެޕްޓެންބަރު 2023 - 12:26 0

ސެވިލް (ސެޕްޓެމްބަރު 7) - ފްރާންސްގެ ޕީއެސްޖީން އޭނާ އެ ޓީމުގައި މަޑުކުރުވަން ބޭނުންވި ކަމަށް ދާދި ފަހުން ސެވިއްޔާ އަށް ސޮއިކުރި ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް ބުނެފި އެވެ.

ރާމޯސް، އޭނާގެ ކެރިއަރު ފެށި ކްލަބް، ސެވިއްޔާ އަށް ބަދަލުމިވެފައިވަނީ 18 އަހަރު ފަހުންނެވެ. މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ރާމޯސް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް އެ އެއްބަސްވުން ހަމަވިއިރު، ޕީއެސްޖީން ރާމޯސް ދޫކޮށްލަން ޖެހުނީ ހިލޭ ޓްރާންސްފާއެއްގަ އެެވެ.

ސެވިއްޔާ ކުޅުންތެރިއެއްގެ ގޮތުގައި ރާމޯސް ތައާރަފްކުރަން ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ޕީއެސްޖީން އޮފާއެއް ލިބުނު ކަމަށެވެ.

"އަހަރެންގެ ކޮންމެ ނިންމުމެއް ވެސް ވަރަށް ބޮޑަށް އެކި ކަންކަމާ ގުޅިފައިވޭ. އަހަރެން މި ޓީމަށް (ސެވިއްޔާ) އަށް އަލުން އަންނަން ނިންމީ މި ކްލަބްގައި އޮތް ޕްރޮޖެކްޓް ވަރަށް ބޮޑަށް ކަމުދާތީ، އަހަންނަށް އޮތް ޕެރިހުގައި (ޕީއެސްޖީގައި) މަޑުކުރެވެން. އެކަމަކު އެ ޕްރޮޖެކްޓް މި އޮތީ ނިމިފައި،" ރާމޯސް ބުންޏެވެ.

އުމުރުން ހަ އަހަރުގައި ސެވިއްޔާ އަށް ކުޅެން ފެށި ރާމޯސް އެ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ފަހު، ރެއާލަށް ބަދަލުވީ 2005 ވަނަ އަހަރު އެވެ. އަލުން ސެވިއްޔާއާ ގުޅުމަށް ފަހު، ރާމޯސް ބުނީ އެ ޓީމަކީ އަބަދުވެސް އޭނާ އަށް ހާއްސަ ކްލަބެއް ކަމަށެވެ.

"އަހަންނަށް އަބަދު ވެސް ސެވިއްޔާ ހާއްސަވާނެ،" ކަރުނަ ފޮހެމުން ރާމޯސް ބުންޏެވެ.

ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރާމޯސް ބުނީ އަބަދުވެސް ދެކެން ބޭނުންވި އެއް ދުވަހަކީ ސެވިއްޔާއާ އެކު، ޓްރޮފީއެއް އުފުލާލެވޭ ދުވަހެއް ކަމަށެވެ. އަދި ސެވިއްޔާގައި ކުރިއަށް އޮތް ސީޒަނުގައި ޓްރޮފީއެއް ހޯދަން ބޭނުންވާ ކަމަށް ރާމޯސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.