މީދޫގެ ކެމްޕޭން ޓީމުތަކާއި ބައްދަލުކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ލާމަރުކަޒު ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވެސް ލާމަރުކަޒުކޮށް ރަށްރަށަށް ދޫކޮށްލަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ރައީސް މިވަގުތު ގެންދަވަނީ އެ ސިޓީގައި ގުދުރަތީ ގޮތުން ވަކިން އޮންނަ މީދޫގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސް ވަނީ މި ރަށުން ވެސް ހިދުމަތްތައް ފުރިހަމަ ގޮތުގައި ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވި މި ސަރުކާރުން ލާމަރުކަޒު ކުރުމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުންދާ ކަމަށާއި އެކަމަށް އެހީވުމުގެ ގޮތުން ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދޫކުރި ކަމަށެވެ. އަދި, އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީން ޕްރައިމަރީގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެދީފައި ވަނީ މި ރަށުން ކަމަށާއި އަންނަ ހޮނިހިރު ދުވަހު ވެސް އެ ނަތީޖާ ތަކުރާރު ކުރުމަށް ރައީސް ވަނީ އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
"ސިޓީ ކައުންސިލްތަކުން ވެސް މަރުކަޒީ ބާރުތައް ދޫކޮށްލަން ޖެހޭ. ހާއްސަކޮށް އައްޑޫ ސިޓީގައި ވަކިން އޮތް ދެ ރަށަށް މިއަށް ވުރެ ލާމަރުކަޒީ ކުރަން ޖެހޭ," މި ރަށުގެ ގޮނޑުދޮށުގައި ހުރި ގަސްތަކެއްގެ ހިޔަލުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން ބޮޑެވެ. އެކަމަށް މަގަުފަހި ކުރުމަށް ސިޓީ ކައުންސިލްތަކުން ވެސް ރަށްރަށް ބާރުތައް ދޫކުރަން ޖެހޭ ކަމަށް ރައީސް އެދިވަޑައިގަތެވެ.
"މީދޫ އާއި ހުޅުދޫގައި އެޑްމިނިސްޓްރޭޓިވް, ސިއްހީ, ތައުލީމީ ކަންކަން ފެށެން ޖެހޭ. އެ ހިދުމަތްތައް ފަސޭޭހައިން ލިބެން ޖެހޭ ގޮތް ހަދަން ޖެހޭ. މިފަދަ ބާރުތައް ކައުންސިލުތަކުން ވެސް ރަށްރަށާ ހަމައަށް ދޫކޮށްލުން އެއީ އެއްވެސް މައްސަލައެއް ނޫން," ރައީސް ވިދާޅުވި އެވެ.
މި ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމިއްލައަށް މަޝްރޫއުތައް ހިންގުމާއި މާލީ މިނިވަންކަން ވަނީ ކޮންމެވެސް ސިފައެއްގައި ފޯރުކޮށްދީފަ އެވެ. އަދިވެސް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment