Advertisement

އައްޑޫން ރައީސް އަށް ހޫނު މަރުހަބާއެއް، ސަޕޯޓަރުން ބުނަނީ މިއީ އިންތިހާބުގެ ބޮޑު މަންޒަރުކަމަށް

6 ސެޕްޓެންބަރު 2023 - 20:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގައި : އެމަނިކުފާނަށް މަރުހަބާ ކިޔަން އައްޑޫ އެއާޕޯޓުގައި ރެކޯޑު އަދަދަކަށް މީހުން އެއްވި - ފޮޓޯ: މިރާން ނާޝިމް / އަދަދު


އައްޑޫން ރައީސް އަށް ހޫނު މަރުހަބާއެއް، ސަޕޯޓަރުން ބުނަނީ މިއީ އިންތިހާބުގެ ބޮޑު މަންޒަރުކަމަށް

6 ސެޕްޓެންބަރު 2023 - 20:47 0

މިއަދު އިރުއޮއްސެމުން ދިޔަ ވަގުތު ޖައްވަން ވެރިވި ރަން ރީނދޫކުލައާއެކު އައްޑޫގައި ފަވާލާފައި އޮތީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ސިޓީގެ ތާއިދު ރަންރީނދުލުގެ އެމްޑީޕީއަށް އޮތް ކަމުގެ ސަފެވެ.

އިންތިހާބަށް ދެ ދުވަހަށް ވެފައިވާއިރު މިއަދު ހަވީރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބައެއް ނުކުތެވެ. އެއީ މި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފެށުނު ފަހުން އައްޑޫން ފެނުނު އެންމެ ހޫނު މަރުހަބާ އެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގަން އިންޓަނޭޝަލް އެއާޕޯޓުގައި ދަމާލާފައިވާ ސަފުގެ ދިގުމިނުންވެސް ދައްކުވައިދިނީ އެ މަނިކުފާނަށް އޮތް ލޯތްބާއި ތާއީދެވެ. އެ ސަފުގައި ތިބި އައްޑޫގެ ކުދި ބޮޑު އެންމެންނާ ސަލާންކުރެއްވުމަށް ރައީސް ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ހޭދަ ކުރެއްވި އެވެ.

"އައްޑޫ ރައްޔިތުން ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ބޭނުންވާ ސަބަބުތައް އެބަ ފެނޭ، އެބަ އަތްލެވޭ، އައްޑޫގެ ރައްޔިތުން އެދުނު ހުރިހާ ކަމެއް މިދަނީ ވަމުން، ނިމެމުން، އެހެންވީމަ އައްޑޫ ސިޓީ ރައްޔިތުން އެކަންކަން ފުރިހަމަ ކުރަން ވަރަށް ބޮޑަށް ބޭނުންވާތީ ރައީސަށް ދެވަނަ ދައުރެއް ދޭން ބޭނުންވަނީ،" ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި މީހުންގެ ސަފުގައި ހުންނެވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ.

އައްޑޫ، ގަން އެއާޕޯޓުގައި ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ދަމާލި ދޮޅު މޭލުގެ ސަފު - ފޮޓޯ: މިރާން ނާޝިމް / އަދަދު


އައްޑޫއަށް ނިސްބަތްވާ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އެއާޕޯޓުން ފެނިގެންދަނީ ހޮނިހިރު ދުވަހުގެ އިންތިހާބު ބޮޑުތަކުން ރައީސް ސޯލިހު ކާމިޔާބު ކުރައްވާ މަންޒަރު ކަމަށެވެ.

"ވަރަށް ފުރިހަމައަށް އެބަ ފެނޭ ބޮޑު މަންޒަރު، ހޮނިހިރު ދުވަހު މި ބޭއްވޭ އިންތިހާބުގެ ނަތީޖާވެސް، އައްޑޫގެ ނަތީޖާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބު ކުރެވޭ މަންޒަރު މި ފެންނަނީ" މިނިސްޓަރު ޝައުނާ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް، އެއާޕޯޓު ސަރަހައްދުގައި ދާއިރާގެ މެންބަރުންނާއެކު ފޯރި ނަންގަވަމުން ގެންދެވި އެވެ. ވިދާޅުވީ މިއީ ތާރީހީ ރެއެއް ކަމަށެވެ.

"އައްޑޫގެ ތާރީހުގައިވެސް އެންމެ ގިނައިން ސިޔާސީ ހަރަކާތެއްގައި ރައީސަކު ނުވަތަ ޕާޓީގެ ރައީސަކުވިޔަސް ރިސީވްކުރަން، މިހާ ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައެއް ނުވޭ، މިއީ ހަމަ ރެކޯޑެއް، ރެކޯޑު އަދަދެއް،"

ރައީސް އައްޑޫގައި، އެ ސިޓީއިން ސަރުކާރުގެ މަޝްރޫއުތައް ބަލައިގަނެ ބޮޑު ތަރުހީބެއް - ފޮޓޯ: މިރާން ނާޝިމް / އަދަދު


އައްޑޫގެ މުޅި ޗާޓު ބަދަލުކޮށްލާ ބިޔަ ޕްރޮޖެކްޓާ އަދި އެހެން އެއްވެސް ސަރުކާރެއްގައި ކޮށް ނުދޭހާ ގިނަ ޕްރޮޖެކްޓުތައް މި ސަރުކާރުން އެ ސިޓީގައި ހިނަގަމުންދާތީ އެ ސިޓީގެ ރައްޔިތުން ސިފަކުރަނީ ރައީސް ސޯލިހަކީ އައްޑޫ ދަރިޔެއްގެ ގޮތުގައި އެވެ.

"އައްޑޫން މިހާ ގިނަ ރައްޔިތުން ނުކުތް ސަބަބަކީ، ރައީސް ސޯލިހު އައްޑޫގެ ދަރިޔެއްގެ ގޮތުގައި ދެކޭތީ. އައްޑޫގެ ތާރީހުގައިވެސް މީގެ ކުރިން ނުގެނެވޭހާ ތަރައްގީ އެމަނިކުފާނުގެ ވެރިކަމުގައި މި ސިޓީ އަށް ގެނެސްފި،" މެމްބަރު ނިހާދު ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި އައްޑޫ ފުރިހަމަ ސިޓީއެއްގެ ގޮތަށް ބަދަލުކޮށްލުމުގެ ވިސްނުން ގެންގުޅުއްވަނީ ރައީސް ސޯލިހެވެ.