Advertisement

ރަނިންމޭޓަކަށް އަސްލަމް ހިޔާރު ކުރެއްވި ސަބަބުތައް ރައީސް ވިދާޅުވެއްޖެ

6 ސެޕްޓެންބަރު 2023 - 16:18 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓު އަސްލަމް; އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބު ވިދާޅުވެދެއްވި -- ފޮޓޯ: އިޔާން/ އަދަދު


ރަނިންމޭޓަކަށް އަސްލަމް ހިޔާރު ކުރެއްވި ސަބަބުތައް ރައީސް ވިދާޅުވެއްޖެ

6 ސެޕްޓެންބަރު 2023 - 16:18 0

ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު, ރަނިންމޭޓު ކަމަށް, އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިހުތިޔާރު ކުރެއްވި ސަބަބުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެެއްޖެ އެވެ.

'އަދަދު' ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ރައީސް ވިދާޅުވީ އަސްލަމަކީ މިވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ ކަމަށެވެ. އަދި ބޮޑު ތާއިދެއް އޮތުމާއި އަސްލަމާއި ރައީސްއަކީ އެއް ކަހަލަ މިޒާޖެއް ހުންނަ ބޭފުޅަކަން ވުން ކަމަށް ފާހަގަކުރެއްވި އެވެ.

އަސްލަމަކީ މިވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ އެކްސްޕީރިއެންސް ހުރި އެއް ބޭފުޅާ. ވޯޓާ ބޭސްއެއް އެބައޮތް. ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެއްވޭނެ ބޭފުޅެއް. ގާތްގަނޑަކަށް އަޅުގަނޑު ކަހަލަ އެޓިޓިއުޑްއެއް އަސްލަމްގެ ހުންނަނީ.

އެމަނިކުފާނާ އެއްގޮތް ސިފަތަކެއް އަސްލަމްގެ ހުންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަސްލަމަކީ ކޯފާ އިސް ނުކުރައްވައި, ކަންކަމުގައި މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރައީސް ވިދާޅުވި ގޮތުގައި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަމަށް ވަޑައިގެން ނިންމެވި ނިންމުންތަކުންނެވެ.

ރައީސް ވިދާޅުވީ އަސްލަމް ގާތުގައި ކަމެއް ކުރައްވަން އެދިވަޑައިގެންފިނަމަ, ނިންމުންތައް ނިންމަވަނީ ޕީޖީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު, ވަރަށް ބޮޑަށް ބައްލަވާފައި ކަމަށެވެ. ހީ ނުކުރާފަދަ ނިންމުންތައް ރަނގަޅަށް ނިންމަވާފައި ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަސްލަމް ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތް ބަލައިގަންނަވާ ކަމަށެވެ.

ރަނިންމޭޓު އަސްލަމް, ރައީސް ސޯލިހާއެކު; އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބު ހާމަކުރެއްވި -- ފޮޓޯ: އިޔާން / އަދަދު


ރައީސް ސޯލިހުގެ ރަނިންމޭޓު ހޮއްވެވުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިންމަވަން ޖެހިވަޑައިގެންނެވި އުނދަގޫ ނިންމެވުމެކެވެ. އަދި ރަނިންމޭޓުކަމަށް އަސްލަމް އިހްތިޔާރު ކުރެއްވީ އެކަމަށް, މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނިކޮށެވެ.

ފައިސަލްގެ ބަދަލުގައި އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބަކަށް ރައީސް ހާމަކުރެއްވީ, އެމްޑީޕީގެ ކެންޑިޑޭޓަކާއި ރަނިންމޭޓަކު ވެރިކަން ހޯދަން މަސައްކަތް ކުރަން ޖެހުމެވެ.

މިއުޅެނީ ވެރިކަމަށް އަންނަން. އަޅުގަނޑު ބެލި އިރުގައި އެމްޑީޕީގެ ޕެއާއެއް ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަންޖެހޭ. މިހާތަނަށް އަބަދުވެސް ރަނިންމޭޓެއް ހޯދަން މި ޖެހުނީ ކޮންމެވެސް އެހެން ޕާޓީއެއްގެ ތެރެއިން.

ރައީސްގެ ވާހަކަފުޅުގައި މިހާރު ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލްއަކީ ވަރަަށް ރަނގަޅަށް މަސައްކަތް ކުރައްވާ, ހިންގުންތެރި އަދި އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.