5 ސެޕްޓެންބަރު 2023 - 22:07 0
މުހައްމަދު ޖަމްޝަތު ވަހީދު
5 ސެޕްޓެންބަރު 2023 - 22:07 0
ޕީޕީއެމް އަކީ މާޒީ ކަމަށާއި ދިވެހި ރައްޔިތުން މިފަހަރު ވޯޓުދޭންވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ފާރިސް މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގެ ތެރެއިން "އަދަދު" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ފާރިސް އަކީ އަމާނާތްތެރި އަދި ތައުލީމީ ގާބިލުކަން ހުރި ކެންޑިޑޭޓެއް ކަމަށާއި އޭނާއަކީ ރައީސްކަމުގެ ވާޖިބުތައް އަދާކުރެވޭވަރުގެ ގާބިލުކަންހުރި މީހެއް ކަމަށެވެ. އެހެންވެ އެމަނިކުފާނު އެދިލައްވަނީ ރައްޔިތުން ފާރިސް އަށް ވޯޓުދެއްވަން ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ހިނގައި ދިޔަ ދެބަސްވުންތަކާއެކު ކެންޑިޑޭޓެއް ނުނެރެން ނިންމި ނިންމުމާ ގުޅޭ ގޮތުން ސުވާލުކުރުމުން މައުމޫން ވިދާޅުވީ އެއީ މާޒީ ކަމަށާއި އެ ޕާޓީ ތެރޭގައި ހިނގާ އެއްވެސް ކަމެއް އެމަނިކުފާނު ބައްލަވައި ނޫޅުއްވާ ކަމަށެވެ.
"އަޅުގަނޑު ޕީޕީއެމްއާ ނުބެހެމޭ. އެމީހުން ކުރާކަމެއް ނޭނގޭ. އެއީ މާޒީ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ވެރިކަމުގައި އެމަނިކުފާނަށާއި ފާރިސްވެސް ސިޔާސީ ބަންދެއްގައި ޖަލުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހިވަޑައިގެންނެވި އިރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމާދޭތެރޭ ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ އެހުމުން ވިދާޅުވީ އެދުވަސްތައް މާޒީވެ ގޮސްފި ކަމަށާއި ޕީޕީއެމް އަށް ވެރިކަން ލިބިއްޖެނަމަ ވާނޭގޮތް ދަންނަވަން އެނގިނުލައްވާ ކަމަށެވެ.
"ދިޔަ ދުވަސްތައް ދިޔައީ ދެއްތޯ. ކުރިއަށް އޮތް ތަނުގައި އެމީހުން އައިސް ދެން އެހެން ހަދާނެޔެކޭ ދަންނަވާކަށް ނޭނގޭ. ވިއްޔާ ވީ، ނުވިއްޔާ ނުވީދޯ. ކަމެއްވީމަ އެނގޭނީ އެކަމާ ދޭތެރެ އެއްޗެއް ބުނަން. ކުރިއަށްވާނެގޮތް ބުނާކަށް ނޭނގޭނެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން އާއި ބޮޑުބޭބެ ވިދާޅުވާ، ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާހެން އޭރުގެ ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލައްވައި އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ އެ އަމަލުތައް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ހުރިހާ ޕާޓީއަކުންނާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކުށްވެރި ކުރި އެވެ.
Comment