Advertisement

ރައީސްއަށް ތާއީދު ކުރަން ނިންމީ ތަފާތު ހިޔާލުތައް އެމަނިކުފާނު ބަލައިގަންނާތީ: ޔާސިރު

4 ސެޕްޓެންބަރު 2023 - 23:54 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު ޔާސިރު އަބްދުއްލަތީފު؛ ރައީސަށް ތާއީދުކުރެއްވި ސަބަބުތައް މިރޭ ކިޔައިދެއްވި - ފޮޓޯ: އެމްޑީޕީ ކެމްޕެއިން ޓީމު


ރައީސްއަށް ތާއީދު ކުރަން ނިންމީ ތަފާތު ހިޔާލުތައް އެމަނިކުފާނު ބަލައިގަންނާތީ: ޔާސިރު

4 ސެޕްޓެންބަރު 2023 - 23:54 0

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން އަލުން ނިންމެވުމުގައި އެންމެ އިސް ސިފައަކަށް ބެއްލެވި ކަމަކީ ތަފާތު ހިޔާލުގެ އެކި މީހުނާ އެކު މަސައްކަތް ކުރުމުގެ ގާބިލްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ހުރިހާ ކައުންސިލަރުން އެމްޑީޕީ ދޫކޮށް ދިޔަ އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅުނެވެ. ނަމަވެސް ދޮޅު މަސް ނުވަނީސް ޔާސިރާއި އާތިފާއި ހަތަރު ކައުންސިލަރަކު އަނބުރާ އެމްޑީޕީއަށް ސޮއިކުރެއްވި އެވެ.

މިރޭ ކުޅުދުއްފުށީގައި ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ އޭނާ އަނބުރާ އެމްޑީޕީއަށް ވަޑައިގަތީ ވެސް އޭނާ ގަބޫލުކުރައްވާ ހަމައާއި އުސޫލުތަކާ އެކު ކަމަށެވެ. އެއިން އެއްވެސް ކަމެއް ބަދަލުނުވާ ކަމަށާއި، އޭނާ ގަބޫލުކުރެއްވި އުސޫލުތައް އެއް ގޮތަކަށް ވެސް ބަލައިނުގަންނަ ވާދަވެރި ޕީޕީއެމާ ގުޅިގެން ހާސިލްކުރެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ ވެރިޔެއްގައި ހުރުމަށް އޭނާ ބައްލަވާ އެންމެ އިސް ސިފައަކީ ތަފާތު ހިޔާލުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުމެވެ.

"ހިޔާލު ތަފާތުވާ މީހުނާ އެކު މަސައްކަތް ކުރުމަކީ ވެރިޔެއްގެ ކިބައިގައި ހުންނަން އަޅުގަނޑު ބޭނުންވާ އެންމެ އިސް ސިފަ، ރައީސް ސޯލިހު ފިޔަވައި އެހެން އެއްވެސް ވެރިޔެއް ނެތް، އެއްވެސް އެހެން ކެންޑިޑޭޓެއް ނެތް މި ރިޔާސީ ރޭހަށް ނުކުމެ، މި ސިފަ އޮތް،" ޔާސިރު ވިދާޅުވި އެވެ.

އެންމެ ބޭނުންވި މިންވަރަށް މަސައްކަތްތައް ނުހިނގި ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާއި ކުރީގެ ސަރުކާރުތަކާ އަޅާ ކިޔާއިރު ގިނަ މަސައްކަތްތައް ކުރެވިފައި އޮތީ ވެސް މި ސަރުކާރުގައި ކަން ޔާސިރު ފާހަގަ ކުރެއްވި އެވެ.

"ހިސާބު އަކުރުން އަޅާ ކިޔާއިރު މި ސަރުކާރުން ހޯދުނު ކާމިޔާބުތަކަށް ވުރެ ގިނަ ސަރުކާރެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ މީގެ ކުރިން ކުޅުދުއްފުށި ފިޔަވައި އެ އަތޮޅުގެ އެހެން ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމުވެފައި ނެތުން ބަދަލުވަމުން ދިޔުމެވެ. މީގެ ކުރިން އުތުރުގެ ތިން އަތޮޅުގެ އެހެން ރަށްރަށުން، އެ ރަށްރަށުގައި ނެތް ހިދުމަތްތައް ހޯދަން ކުޅުދުއްފުއްޓަށް އައުމުގައި ހުރި ދަތިތައް ފިލައިގެން ދާނެ ގޮތަށް އާރުޓީއެލް ލޯންޗު ފެރީގެ ހިދުމަތް ތައާރަފުވުމަކީ ދެން ފާހަގަ ކުރެއްވި ކަންތަކެވެ.

އުތުރުގައި ވަޒީފާގެ ފުރުސަތުތަކާއި ޓުއަރިޒަމްގެ ވިޔަފާރި ފެށުމަށް އެންމެ މުހިންމު މަސައްކަތަކަށް އޮތް، ބޭރު ގައުމުތަކުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސޭ ވަރަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށިގެން ދިޔުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޔާސިރު ގަބޫލުކުރައްވަ އެވެ. އެ މަޝްރޫއު ނިންމުމަށް ޓަކައި މި ސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ.