Advertisement

ޖީއެމްއާރު ބޭރުކޮށްލި ގޮތަށް އިންޑިއާގެ ކުންފުނިތައް ބޭރު ކުރާނެކަމުގެ އިންޒާރެއް މުއިއްޒު ދެއްވައިފި

4 ސެޕްޓެންބަރު 2023 - 23:02 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް


ޖީއެމްއާރު ބޭރުކޮށްލި ގޮތަށް އިންޑިއާގެ ކުންފުނިތައް ބޭރު ކުރާނެކަމުގެ އިންޒާރެއް މުއިއްޒު ދެއްވައިފި

4 ސެޕްޓެންބަރު 2023 - 23:02 2

މިހާރު ރާއްޖޭގައި އިންޑިއާގެ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވައި، ޖީއެމްއާރު ބޭރު ކުރި ގޮތަށް އެ ކުންފުނިތައް ބޭރުކުރާނެ ކަމުގެ އިންޒާރެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

މިރޭ އދ. މަހިބަދޫއަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންޑިއާގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ކަމުގެ ކަންބޮޑުވުން އެބަހުރި ކަމަށާއި އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ އޭނާގެ ވެރިކަމުގައި އެ މަޝްރޫއުތަކުގެ އެގްރީމެންޓުތައް ބަލައި، ބާތިލުކުރަންޖެހޭ އެގްރީމެންޓުތައް ބާތިލްކޮށް ކުންފުނިތައް ގައުމުން ބޭރުކުރާނެ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ދެއްކީ ތިލަމާލެ ބުރިޖާއި އުތުރު ތިލަފަޅު މަޝްރޫއު އާއި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު އާއި އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކެވެ.

"މީގެއިން މަޝްރޫއެއް ބަލާއިރުގަ، މިސާލަކަށް އުތުރު ތިލަފަޅު މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ވިޔަސް، އެއީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ބާތިލްކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އެ މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކުގެ އަތުން އަތުލި ނަމަވެސް އަލުން އެވޯޑުކޮށް "މިހާރަށްވުރެ ބާރަށް ކުރިއަށް" ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާލާނެ ކަމަށް އެމްޑީޕީގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރި އަބްދުالله ޝާހިދު ވިދާޅުވިތާ 24 ގަޑިއިރު ނުވަނީހެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީކީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން. އަޅުގަނޑުމެންނަށް އެކަމުގެ މައުލޫމާތުތައް ލިބެމުން ދަނީ."

ރިޔާސީ ކެމްޕޭނުގައި ހދ.މަކުނުދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން، އެ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން އައުމުން އޭގެ ހިއްސާ މަކުނުދުއަށް ވެސް ކުރާނެ ކަމަށެވެ.

މުއިއްޒު މިރޭ މިސާލު ޖެއްސެވި ޖީއެމްއާރު ހާދިސާއަށްފަހު ދިވެހި ދައުލަތުން އެ އެއްބަސްވުން އުވާލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކުރި އެވެ. އެ ބަދަލު ޖީއެމްއާރަށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގަ އެވެ.

މި ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން އުވާލުން ސިފަކޮށްފައިވަނީ ރާއްޖޭގެ އިގުތިސޯދަށް ދިން އެންމެ ބޮޑު ގެއްލުން ކަމުގަ އެވެ.