Advertisement

ޓެކްސީ ކުރާ މީހުންނަށާއި ކުރަން ބޭނުންވާ މީހުންނަށް އެސްޑީއެފްސީގެ ޓެކްސީ ނަފާ ލޯނު ތައާރަފުކޮށްފި

4 ސެޕްޓެންބަރު 2023 - 21:23 0

އަމަން ހަލީމް

އަމަން ހަލީމް

ލޮނުޒިޔާރަތް ޕާކާ ދިމާލު މަގުމަތީގައި ކާރުތަކެއް: މީގެ ކުރިން ޓެކްސީ ގަންނަން ފައިނޭންސް ކުރަނީ ބޭންކުތަކުގެ ފެސިލިޓީން ނޫނީ އަމިއްލަ ޖީބުން --- ފޮޓޯ/އަބްދުﷲ އިޔާން


ޓެކްސީ ކުރާ މީހުންނަށާއި ކުރަން ބޭނުންވާ މީހުންނަށް އެސްޑީއެފްސީގެ ޓެކްސީ ނަފާ ލޯނު ތައާރަފުކޮށްފި

4 ސެޕްޓެންބަރު 2023 - 21:23 0

ޓެކްސީ ދުއްވަން ކާރު ގަންނަން ހާއްސަ 'ޓެކްސީ ނަފާ ލޯނު' އެސްޑީއެފްސީން މިއަދު ތައާރަފުކޮށްފި އެވެ.

އެސްޑީއެފްސީން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި މި ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެގޮތުން މިހާރު ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް މި ލޯނަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުނެފައި ވެ އެވެ.

ޓެކްސީ ނަފާ ލޯނު ދޫކުރަނީ:

  • ގިނަ ދުވަސްވެފައިވާ ކާރު ބަދަލުކުރަން
  • މިހާރު ވެސް ޓެކްސީ ކުރާ މީހުން ކާރު ގަންނަން
  • އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހުން ކާރު ގަންނަން

އެސްޑީއެފްސީން ދޫކުރާ އެހެން ލޯނުތަކެކޭ އެއް ފަދައިން މި ލޯނުތައް ވެސް ދޫކުރަނީ %6 - %8 އިންޓްރެސްޓް ރޭޓުގައި ގިނަ ވެގެން ފަސް އަަހަރުގެ ތެރޭގައި އަނބުރާ ދައްކާ ހަލާސްކުރާ ގޮތަށެވެ. ގްރޭސް މުއްދަތަކީ ހަ މަސް ދުވަހެވެ.

ޓެކްސީ އައު ކުރުމަށް ލޯނަށް އެދެވޭނީ ބޭނުންކުރާތާ 10 އަހަރު ވެފައި ހުންނަ ޓެކްސީތަކަށެވެ. އަދި އަމިއްލަ ޓެކްސީއެއް ނެތް ޑްރައިވަރުން، މަދުވެގެން ފާއިތުވެ ދިޔަ އެއް އަހަރު ޓެކްސީގެ ހިދުމަތްދިނުމުގައި މަސައްކަތް ކުރާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމުގައި އެސްޑީްއެފްސީން ބުނެ އެވެ.

މި ލޯނު ނެގުމަށްޓަކައި އެއްވެސް އިކުއިޓީއެއް ބޭނުމެއް ނުވާނެ އެވެ. އަދި ކޮލެޓްރަލްއެއް ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ. ނަމަވެސް، ލޯނު ފައިސާއަށް ގަންނަ ޓެކްސީ މޯގޭޖު (ރަހުނު) ކުރާނެ އެވެ.

ޓެކްސީ ޑްރައިވަރުންނަށް ކާރު ގަނެވޭނެ ފައިސާ ހަމަޖެހޭނެ މަގުފަހިކޮށްދިނުމަކީ އެ މީހުން ވަރަށް އެދެމުން އައި ކަމެކެވެ.