Advertisement

ނެއްލައިދޫން އެދުނުގޮތަށް ކައުންސިލާ ހިރިނައިދޫ ހަވާލުކުރަން ރައީސް ވައުދުވެއްޖެ

4 ސެޕްޓެންބަރު 2023 - 16:23 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހު ނެއްލައިދުއަށް ވަޑައިގެންނެވުން; އެރަށް ކައިރީ އޮތް ހިރިނައިދޫ ކައުންސިލާ ހަވާލުކުރައްވަން ވައުދުވެވަޑައިގެންނެވި -- ފޮޓޯ: މިރާން/ އަދަދު


ނެއްލައިދޫން އެދުނުގޮތަށް ކައުންސިލާ ހިރިނައިދޫ ހަވާލުކުރަން ރައީސް ވައުދުވެއްޖެ

4 ސެޕްޓެންބަރު 2023 - 16:23 0

ހދ. ނެއްލައިދުއިން އެދުނު ގޮތަށް, އެރަށް ކައިރީ އޮންނަ ހިރިނައިދޫ, ކައުންސިލާ ހަވާލުކޮށް އިގްތިސޯދީ މަސައްކަތް ކުރެވޭ ތަނަކަށް ހަދައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނެއްލައިދުއަށް ވަޑައިގެން ރައީސް ވަނީ, މިހާރު ވަރުވާއަށް ލިޔެދީފައި އޮންްނަ ހިރިނައިދޫގައި ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭނެހެން ނެއްލައިދޫ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިރަށާ ކައިރީގައި މިއޮތް ހިރިނައިދޫއަކީ އިގްތިސޯދީ މަސައްކަތް ކުރެވޭ ތަނަކަށް ބަދަލުކުރާނަން. އެކަން ކުރުމަށްޓަކައި, މިވަގުތު މި ރަށް މިއޮތީ ވަރުވާއަށް ލިޔެދީފައި. އެކަން ބަދަލުކޮށް, ކައުންސިލާ ހަވާލުކޮށް, ލަނޑާ ފަދަ ތަކެތީގެ މަސައްކަތް ކުރެވޭ ތަނަކަށް ހަދައިދޭނަން." ރައީސް ވިދާޅުވި އެވެ.

ހިރިނައިދޫ, ނެއްލައިދޫގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް އެ ރަށު ކައުންސިލުން ހުށަހެޅީ މިދިޔަ އަހަރު ޖޫން މަހު ރައީސް އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައީސް ނެއްލައިދުއަށް ވަޑައިގަންނަވާތީ މަރުހަބާ ކިއުމަށް ނިކުމެ ތިބި މީހުން -- ފޮޓޯ: މިރާން/ އަދަދު


ނެއްލައިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް ގެންނަ އިގްތިސޯދީ ބޮޑު ބަދަލުގެ ބައެއްގެ ގޮތުގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

"ގައުމެއް ތަރައްގީ ވަނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވި, ކާގޯއާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދެވިގެން. ޓްރާންސްޕޮޓޭޝަން ހަމަޖެހިގެން." މިހާރު އާރްޓީއެލް މެދުވެރިކޮށް މީހުންނަށް ދަތުރުކުރެވޭއިރު, މުދާ ވެސް އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތް ހައްދަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރަައީސް ވިދާޅުވީ އަންނަ ދައުރުގެ އަމާޒަކީ, ރަށްރަށުގައި އުފައްދާ ތަކެތި ނޫނީ އެހެން ރަށަކަށް ގޮސް ގަނެގެން ގެންނަ ތަކެތި ފަސޭހަކަމާއެކީގައި ބޭނުންކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. އެގޮތުން ކާގޯ އާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކާގޯ އާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދެވިގެންދާނެ, ކުދި ދާގީނާގެ ލޮޖިސްޓިކްސް ވެސް. އާރްޓީއެލް މިހާރު މި ބޭނުންކުރާ ފެރީތަކުގައި އަޅުގަނޑުމެން އިމްޕްލިމެންޓް ކުރާނަން. އިތުރަށް ކާގޯ ފެރީ ވެސް މި ސަރަހައްދެއް ވެސް އަދި މުޅި ރާއްޖެއަށް އިމްޕްލިމެންޓްކޮށް އޭގެ ފަސޭހަ ފޯރުކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާރްޓީއެލްގައި މީހުން އުފުލާ ބީދާއިން, އެއް ރަށުން އަނެއް ރަށަށް މުދާ އުފުލޭނެ ނިޒާމެއް ވެސް މުޅި ރާއްޖެއަށް ތައާރަފު ކުރައްވާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ އާރްޓީއެލް ފެރީގައި ވެސް ކުދި ދާގީނާ އުފުލޭ ގޮތް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން, ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ގައުމީ އެއާލައިނަށް އިތުރަށް އިންވެސްޓް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.