3 ސެޕްޓެންބަރު 2023 - 19:17 0
ގައުމީ ބިިލިއާޑް ޗެމްޕިއަންކަން ހޯދި ކްލަބް އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
3 ސެޕްޓެންބަރު 2023 - 19:17 0
ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ކުލަބު އީގަލްސް އިން ހޯދައިފި އެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ހިންގާ މުބާރާތްތަކުގެ ތެރެއިން އަހަރުގެ އެންމެ ފަހު މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދީ ފައިނަލުގައި ފޯކައިދޫ ސްޕޯޓްސް ކުލަބު 3-2 އިން ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ލީގު ބުރުގެ ދެ ވަނަ ހޯދައި ފުރަތަމަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްގެންނެވެ. ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ސިފައިން އަތުން އީގަލްސް މޮޅުވީ 3-2 އިންނެވެ.
ފޯކައިދޫއަށް ބަލާއިރު އެޓީމަށް ލީގު ބުރުގައި ލިބުނީ ތިން ވަނަ އެވެ. ސެމީ ފައިނަލު ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް ބަލިކޮށް ފަހު ސެމީގައި ސިފައިން އަތުން މޮޅުވެ އެޓީމު ފައިނަލުން ފުރުސަތު ހޯދި އެވެ.
މިއަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ މަތީ ފަންތީގެ ބިދޭސީ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅުނު މުބާރާތެވެ. މިގޮތުން ފިލިޕީންސްގެ ފެންވަރު ރަނގަޅު ތިން ކުޅުންތެރިއަކު ޓީމް އިވެންޓުގައި ކުޅުނުއިރު، ޗެމްޕިއަންކަން ހޯދި އީގަލްސް ޓީމްގައި ހުރީ މިވަގުތު ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އުޅޭ ޔޫރޯ ޓުއާގެ ޗެމްޕިއަން ވިކްޓާ ޒިއެލިންސްކީ އެވެ.
ގައުމީ މުބާރާތުގެ އެހެން އިވެންޓުތަކަށް ބަލާއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒު މުހައްމަދު އެވެ. ދެވަނަ ހޯދީ މުހައްމަަދު ޝަރީފް (ކުޑަ ޝަރީ) އެވެ. ތިން ވަނަ ހޯދީ އިސްމާއިލް ޖީހާން އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދު އެވެ. ދީނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އާމިނަތު ހަލީމް ބަލިކޮށްގެންނެވެ. އަންހެން ބައިގެ ތިންވަނަ ހޯދީ އާމިނަތު ފަތީ އެވެ.
ދެވަނަ ޑިވިޝަން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ނަފީލް އެވެ. ދެވަނަ ހޯދީ މުހައްމަދު ސަމީރު އެވެ. ތިންވަނައަށް ދިޔައީ ސޮފްއާން ޝާކިރު އެވެ.
ޑަބަލްސް އިވެންޓަށް ބަލާއިރު ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިސްމާއިލް ސުވެއިދު އާއި އަބްދުﷲ އަފީފްގެ ޕެއާ އެވެ. ދެވަނަ ހޯދީ އަހުމަދު ނަފީލް އާއި މުހައްމަދު ސާހިލް ހަމީދުގެ ޕެއާ އެވެ. ތިންވަނައަށް ދިޔައީ އައްބާސް ސައީދު އާއި އިސްމާއިލް ޖީހާންގެ ޕެއާ އެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ފަތީ އާއި އައިޝަތު ޔަޝްފާގެ ޕެއާ އެވެ. ދެވަނަ ހޯދީ އާމިނަތު ހަލީމް އާއި ފަޒްނާ މޫސާގެ ޕެއާ އެވެ. ތިންވަނައަށް ދިޔައީ އައިޝަތު އަލީ އާއި އައިޝަތު ހިންދު ހުސައިންގެ ޕެއާ އެވެ.
މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒު އާއި ދީނާ އަހުމަދުގެ ޕެއާ އެވެ. ދެވަނަ ހޯދީ ކުޑަ ޝަރީ އާއި ފަގީހާ އިބްރާހިމްގެ ޕެއާ އެވެ. ތިންވަނަ ހޯދީ މުހައްމަދު ސާހިލް ހަމީދު އާއި ފަޒްނާ އަހުމަދުގެ ޕެއާ އެވެ.
Comment