Advertisement

މޮރިޝަސް ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ބާ ކައުންސިލަށް ދީފި

3 ސެޕްޓެންބަރު 2023 - 12:55 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ސޯލިހު ޖަލްސާއެއްގައި: ވިދާޅުވީ ސިޓީއާ ގުޅުވައިގެން ވާހަަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މޮރިޝަސް ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ބާ ކައުންސިލަށް ދީފި

3 ސެޕްޓެންބަރު 2023 - 12:55 0

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ބޯޑަރު ބެހުމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީ ބާ ކައުންސިލާ ހިއްސާކޮށްފި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ހޮނިހިރު ދުވަހު ވިދާޅުވީ، ބާ ކައުންސިލުން އެ މައްސަލައިގައި ކުރާ ދިރާސާއަށް ބޭނުންވެގެން ސިޓީ ދޭން އެދުމުން އެކައުންސިލާ އެ ސިޓީ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"... އަދި ބާ ކައުންސިލުން މިހާރު އެކަމާ ގުޅިގެން އެ ހިނގާ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެބޭފުޅުން އެދިވަޑައިގެން އަޅުގަނޑުމެންވާނީ ހިއްސާ ވެސް ކޮށްފައި. އެހެންވީމާ އެ ބޭފުޅުންނަށް ސިޓީގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ ވަރަށް ސާފުކޮށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަމަ އެ މައުލޫގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ ސިޓީ ބޭނުންވި ނަމަވެސް އެ ސިޓީ ހިއްސާ ކުރައްވާނެ ކަމަށެވެ.

"އެހެން ހުންނަ ސިއްރު ހާމަ ކުރަން އެބަ އޮވޭ 241 ކޮމެޓީ ރައްޔިތުންގެ މަޖިލީހުގެ. އެބޭފުޅުން އެދިވަޑައިގެންފި ކަމަށްވަންޏާ އެ ސިޓީ އެތަނަށް ހާމަ ކުރުމަކީ އެއްވެސް މައްސަލައެއް ނޫން އަޅުގަނޑަކަށް. އަޅުގަނޑު މި ހުރީ އެކަން ކުރަން ތައްޔާރަށް. ފޮނުވިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ސިޓީ ސިއްރު ކުރައްވާފައި ބާއްވާ ހަމައެކަނި ސަބަބަކީ ދައުލަތުގެ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުގައި ހުރޭ އުސޫލުތަކެއް އެހެން ނޫންތޯ. އެއް ވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ ސިޓީތަކަކީ އާންމުކޮށްފައި ހުރި ސިޓީތަކެއް ނޫން. އެހެން ނޫން ހުންނާނެ ވަކި މުއްދަތެއް ވީމާ ސަރުކާރުގެ ލިޔެކިޔުންތައް ފެންނަ ގޮތަށް އާންމު ކުރަންޖެހޭ އުސޫލުތަކެއް،" ރައީސް ވިދާޅުވި އެވެ. "241 ކޮމެޓީން މިއަދު އެދިވަޑައިގަތަސް އަޅުގަނޑު އެ ސިޓީ ފޮނުވާނަން. އަޅުގަނޑު އަމިއްލައަށް ސިއްރުކޮށްގެން ގެންގުޅޭ ވަރުގެ އެއްޗެއް އެއަކު ނޯންނާނެ."

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭ އެއްވެސް ބާވަތެއްގެ ވާހަކައެއް އެ ސިޓީގައި ނޯންނާނެކަމުގެ ޔަގީންކަން ވެސް އެ އިންޓަވިއުގައި ރައީސް ދެއްވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެ ސިޓީއަކު ނޯންނާނެ، ވަރަށް ސާފުކޮށް މި ދަންނަވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާ ބުރޫއަރާ ކަހަލަ އެއްވެސް ވާހަކައެއް،" އެމަނިކުފާޏު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، އެ ސިޓީއާ ގުޅުވައިގެން ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ. އެފަދަ އުކުޅުތަކުގައި އާންމުން ނުޖެހުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"ތި ހުރިހާ ވާހަކައެއް، އަސްލު، މިނިވަންކަމާއި އިސްތިގުލާލާ، ދީނޭ ކިޔައިގެން ތި ދައްކަވާ ހުރިހާ ވާހަކައަކީ މި އިންތިހާބު ތެރޭގައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުންގެންދާ ވާހަކައެއް. އަޅުގަނޑު ދަންނަވާނީ އޭގައި ޖެހިވަޑައިނުގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.