Advertisement

ރިޔާސީ ބަހުސް އުސްއަލިތައް: ސާފުވި ސިޔާސަތުތަކާއި، އުނިވި މުހިންމު ކަންކަން

3 ސެޕްޓެންބަރު 2023 - 12:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާސީ ބަހުސް 2023 ގައި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ ބަހުސް އުސްއަލިތައް: ސާފުވި ސިޔާސަތުތަކާއި، އުނިވި މުހިންމު ކަންކަން

3 ސެޕްޓެންބަރު 2023 - 12:00 0

ރިޔާސީ އިންތިހާބު 2023 އަކީ އަށް ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބެކެވެ. މަލްޓި ޕާޓީ ޑިމޮކްރެސީ ރާއްޖެއަށް ތައާރަފުވި ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މި އަހަރެވެ. ވޯޓުލުމަށް ޓަކައި ކެންޑިޑޭޓުން އެއް ތަނަކުން ވަޒަންކުރުމަށް ލިބޭ ފުރުސަތަކީ ރިޔާސީ ބަހުސެވެ. އެންމެ ފަހަރުތަކަށް ވުރެ ކެންޑިޑޭޓުން ގިނަވީތީ ވެސް ގިނަ ބަޔަކު ތިބީ ބަހުސްގެ އިންތިޒާރުގަ އެވެ.

އިންތިހާބަށް ހަފުތާއެއްގެ މުއްދަތު އޮއްވައި ރޭ ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ގައުމުގައި ހުރި ބޮޑެތި ބައެއް މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ބޮޑު ދަރަނި އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނާއި، ހާރިޖީ ސިޔާސަތާއި، ގައުމީ ސަލަމާތުގެ ސިޔާސަތާއި ބޯހިޔާވަހިކަމާއި ވަޒީފާ އިތުރުކުރާނެ ގޮތާއި ޒުވާނުން ހުނަރުވެރި ކުރުމާއި ސިއްހީ ދާއިރާއާއި ސިޔާސީ ބަދަލު ހިފުމުގެ ރޫހާ ގުޅޭ ގޮތުން ސިޔާސަތުތައް ސާފުކުރެވުނެވެ.

އެކި ކެންޑިޑޭޓުންގެ ފަރާތުން، އެކި މައްސަލަތަކުގައި ތަފާތު އަދި ފާހަގަކޮށްލެވޭ ޖަވާބުތަކެއް އެރުވުނެވެ.

ބައެއް މައްސަލަތަކުގައި ބައެއް ކެންޑިޑޭޓުންގެ އެއް ގޮތް ސިޔާސަތުތަކެއް ހުއްޓެވެ. އަދި ބައެއް މައްސަލަތަކުގައި އަށް ކެންޑިޑޭޓުން ވެސް މުޅީން ތަފާތު ޕްލޭންތަކެއް ގެންގުޅޭ ކަން ވެސް ހާމަވި އެވެ. ވަކީން ޚާއްސަކޮށް އެންމެ ބޮޑު ބަހުސަކަށް އަބަދުވެސް އޮންނަ ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަވި އެވެ.

ފާހަގަކޮށްލެވޭ ޖަވާބުތައް

1. އުމަރު ނަސީރު

  • ދަރަނީގެ މައްސަލަ؛ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން ބޮޑުވެގެން، އެކަކަށް ވުރެ އަނެކަކު މާ މޮޅެތި ވައުދުތައް ވާން ވެގެން ދެން އެ ވައުދުތައް ފުއްދަން ހަދައިގެން މުޅި ގައުމު ދަރާ ވިކެނީ ހަމަ.
  • ބޯހިޔާވަހިކަމުގެ މައްސަލަ؛ މުޅީން ވެސް ސްވީޓްސް ޓޯކްސް، މިވެނި މުއްދަތެއްގައި މިވެނި ކަމެއް، ނޫން ނޫން، ދިގު މުއްދަތެއްގައި ނޫނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުވާނެ، މީގެ ކުރިން ވެސް ތަޖުރިބާކުރީ އެ ކަމެއް ނޫންތޯ، އަނެއްކާ ދަރާ ގޮތަށް ގައިމު ވެސް ކޮށްގެން ނުވާނެ.

2. ހަސަން ޒަމީލް

  • ވަޒީފާގެ މައްސަލަ؛ މީހުން މަސައްކަތްކުރާކަށް ނާންނާނެ އެ މީހުނަށް އެކަށީގެންވާ މުސާރައެއް ނުދެންޏާ، މީހުންނަށް އެބަ ލިބެން ޖެހޭ އެކަށީގެންވާ މުސާރައެއް، މީހުންނަށް އެބަ ދޭން ޖެހޭ އެންމެ ކުޑަވެގެން ވެސް 20،000 ރ. ގެ މުސާރައެއް.

3. އިބްރާހިމް މުހައްމަދު ސޯލިހް

  • ޚާރިޖީ ސިޔާސަތު: ދިވެހީންނަށް އެންމެ ފައިދާވާ ގޮތަށް މިހާރު ވެސް ބައްޓަންކޮށްފައި އޮތީ، ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނީ އެހެން، ވަކި ގައުމަކަށް ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން.
  • ބޯހިޔާވަހިކަމުގެ މައްސަލަ؛ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައި އޮތީ މާލޭގެ ރައްޔިތުންނަށް، ގުޅީފަޅުންނާއި ގިރާވަރުފަޅުންނާއި ހުޅުމާލޭން މާލޭގެ ރައްޔިތުންނަށް ބިން ދިނުމާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު އެ ދައްކަނީ ވަރަށް އިހާނެތިކޮށް ދައްކާ ވާހަކައެއް
  • ޒުވާނުންގެ ސިޔާސަތު؛ ވެރިކަމާ ހަވާލުވެ ގައުމު ހިންގަން ވެސް މި ތިބީ ޒުވާން ޖީލު، އެހެންވެ ފްރީ ޑިގްރީ ޕްރޮގްރާމް ކުރިއަށް މި ގެންދަނީ، އެހެންވެ ސްކޮލަޝިޕް ސްކީމެއް ކުރިއަށް މި ގެންދަނީ، އެހެންވެ ތަމްރީންތަކުގެ ޓިވެޓު ސެންޓަރުތަކާއި ސްޕޯޓްސް ފެސިލިޓީތައް މި ގާއިމުކުރަނީ.

4. ޑރ. މުހައްމަދު މުއިއްޒު

  • ޚާރިޖީ ސިޔާސަތު؛ ދިވެހީންގެ ގޯތީގެ ވަށާފާރުގެ މަތިން ނާރާހާ ހިނދަކު، އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނާނެ ކޮންމެ ގައުމަކާ ވެސް، ޚާރިޖީ ގުޅުން އޮތުމުން އެ ތަންތަނުގައި ތިބޭ އަދި ދިރިއުޅޭ ދިވެހީންނަށް ފައިދާވާ ގޮތަށް ހަމަޖެހިގެން އައުމަކީ އެ ސިޔާސަތު.
  • ބޯހިޔާވަހިކަމުގެ މައްސަލަ: ސަރަހައްދުތަކުގެ ވާހަކަތައް މި އަންނަނީ ވެސް ކުރަން ޖެހޭ ވަރަށް ގެދޮރު ނުދޭތީ އެއްވެސް ސަރަހައްދަކުން، ބޭނުންވާ ވަރަށް ވުރެ މާ މަދު އަދަދެއް ދޭއިރު، މާލެއަށް ފުށިދިއްގަރުފަޅު، އަދި އުތުރާއި ދެކުނުގެ އާބަން ސެންޓަރުތަކުން އެ ނީޑަށް ފޯރުކޮށްދެވޭނެ.
  • ސިއްހީ ނިޒާމު؛ ރަނގަޅު ފެންވަރުގެ ބޭސް ޔަގީންކުރަން ރަނގަޅު ފެންވަރުގެ ޓެސްޓް ލެބޯރެޓަރީއެއް ފުރަތަމަ ކަމަކަށް ބޭނުން ވާނެ، ބޭނުން ވަނީ ރާއްޖޭގައި މި ފެންވަރުގެ ސިއްހީ ވަސީލަތްތައް ގާއިމުކޮށް ރާއްޖެއިން ފަރުވާ ލިބުން.

5. ގާސިމް އިބްރާހިމް

  • ޚާރިޖީ ސިޔާސަތު؛ އަޅުގަނޑަށް ވަރަށް ކަމުދޭ ރައީސް މައުމޫން ޚާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް، އެއްވެސް ގައުމަކާ ޖެހި ނުގަނެ ވަކި ބަޔަކަށް އިސްކަން ނުދީ ދިވެހީންނަށް އިސްކަން ދީގެން އޮތް ޚާރިޖީ ސިޔާސަތު.
  • ނެޝަނަލް ސެކިއުރިޓީ؛ އެއްވެސް ސިފައެއްގައި ބޭރު ގައުމުތަކުގެ ސިފައިން ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އެ ކަމަށް ލިބިގެން، ހަމައެކަނި 241 ކޮމިޓީއަކުންނެއް ނޫން، މުޅި ތަޅުމުގައި ބަހުސްކޮށް މަޖިލިހުން ފާސްކޮށްގެން، ނޫނީ ގާނޫނު އަސާސީއާ ޚިލާފު ބޮޑު ކުށެއް އެއީ.

6. އަހުމަދު ފާރިސް މައުމޫން

  • ދަރަނީގެ މައްސަލަ؛ ރިގްރެސިވް ޓެކްސްތައް ކުޑަކޮށް އަދި ޕްރޮގްރެސިވް ޓެކްސް އިތުރުކޮށް އެންމެ މުއްސަނދި މީހުންގެ އަތުން ބޮޑު އާމްދަނީއެއް ހޯދޭ ގޮތަށް ބަދަލު ކުރާނަން.
  • ޚާރިޖީ ސިޔާސަތު؛ ދާޚިލީ ވާދައިގެ ކުރިއެރުންތައް ހޯދަން ބޭރު ފަރާތްތަކުގެ އެހީ ހޯދާ، ރާއްޖެއަކީ ވަރަށް ސްޓްރެޓެޖިކް ތަނެއްގައި އޮތް ގައުމެއް، އަޅުގަނޑުމެންނަށް ދިވެހި ފައިދާވާ ގޮތެއް ނޫން ބޭރު ގައުމެއްގެ ދިދަ ހިފައިގެން ސިޔާސީ ޕާޓީތައް ތިބުމަކީ.
  • ނެޝަނަލް ސެކިއުރިޓީ؛ ބޭރުގެ ސިފައިން ތިބި ނަމަ ޔޫއެންގެ ސެކުއިރިޓީ ކައުންސިލަށް ރިޕޯޓްކުރަން ޖެހޭ، އެ ކަން ނުކޮށް އޮތް ނަމަ އެއީ އޭރުގެ ވެރީންގެ ފެއިލިއާއެއް، ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަންކަން ނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭ ވަރުގެ ކަމެއް ނޫން.
  • ބޯހިޔާވަހިކަމުގެ މައްސަލަ؛ ލީޑްކުރުމުގެ މާނައަކީ މަންޒިލް ދެއްކުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މީހުން ދިރިއުޅޭނެ ހާލަތު ދައްކަން ޖެހޭނީ، އެއީ ސަރުކާރެއްގެ ޒިންމާއެއް، ވަކި ރަށެއްގެ ބަޔަކު ވަކި ތަނެއްގައި އުޅުމުގެ ވިސްނުން ތަންކޮޅެއް ތަރައްގީކުރަން ޖެހޭ،

7. އިލްޔާސް ލަބީބް

  • ޚާރިޖީ ސިޔާސަތު؛ ބޭރު ގައުމުތަކުގައި އެމްބަސީތައް މަދެއް ނޫން، އެއީކީ ރައީސުލްޖުމްހޫރިއްޔާ ވަޒީފާ ދޭހިތްވާ ބަޔަކު ބަހައްޓާ ތަންތަނެއް ނޫން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމްބަސީތަކުގައި ރަށްރަށުގެ ގެސްޓްހައުސްތައް ޕްރޮމޯޓްކުރުން ފުޅާކޮށް ހިންގާނަން.
  • ބޯހިޔާވަހިކަމުގެ މައްސަލަ؛ މާލޭގެ ރައްޔިތުންނަކަށް ނެތް އިތުރަށް އިންތިޒާރު ކުރެވޭކަށް، އަނެއްކާ އެ ތަނުގައި ތޮށިލައި ބިން ހަމަޖައްސައި ގޯތި ކަނޑައި ފެނާއި ނަރުދަމާ އަޅާ ނިމެންދެން އިތުރު 15-20 އަހަރު ތިބުން، އަޅަންވީ މާލޭގައި ހުރި ބިމުގައި ކޮންޑޯތައް.

8. މުހައްމަދު ނާޒިމް

  • ސިއްހީ ނިޒާމު؛ ދިވެހިންނަށް ހައްގުވާ މިންވަރަކީ ކައިރި ގައުމުތަކަށް ގޮސް ފަރުވާއާއި ބޭސް ލިބުމެއް ނޫން، ދިވެހިންނަށް ހައްގުވާ މިންވަރަކީ ދުނިޔޭގެ ޒަމާނީ ކޮލިޓީ ބޭސް ރާއްޖެއިން ލިބުން، ފަރުވާތައް ރާއްޖެއިން ލިބުން.

އެއްގޮތްވި އަދި ތަފާތުވި ސިޔާސަތުތައް

ދަރަނި މެނޭޖުކުރުން

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ދަރަނި 107 ބިލިއަން ރ. އަށް އަރާފައިވާއިރު އެ ދަރަނީގެ ބޮޑު ބައެއް ދައްކަން އޮތީ ކުރިއަށް އޮތް އަހަރުތަކުގަ އެވެ. އޭގެ ތެރެއިން 2026 ގައި އެކަނި އެއް ބިލިއަން ޑޮލަރު ނުވަތަ 15 ބިލިއަން ރ. ދައްކަން އެބަ އޮތެވެ.

އެ ކަން މެނޭޖު ކުރުމަށް ދައުލަތުގެ ރިކަރެންޓު ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އުމަރު ނަސީރާއި ހަސަން ޒަމީލާއި ޑރ. މުއިއްޒާއި ފާރިސް މައުމޫނާއި އިލްޔާސް ލަބީބް ގަބޫލުކުރައްވަ އެވެ.

އުމަރު ހުށަހެޅުއްވީ ސަރުކާރު 30 ޕަސެންޓް ކުޑަކޮށް ބައެއް ކެންޑިޑޭޓުން ހުށަހަޅާ ދެމެހެއްޓެނިވި ގޮތެއްގައި ނުހިންގޭނެ އުމްރާނީ މަޝްރޫއުތައް ނުހިންގުމަށެވެ. ހަސަން ޒަމީލު ވެސް ތާއީދުކުރެއްވީ އާބާދީ ކުދިކުދި ރަށްތަކުގައި ހިންގަން ސަރުކާރުން ރާވާފައިވާ ބޮޑެތި އަގުހުރި ޕްރޮޖެކްޓްތައް ހުއްޓާލުމެވެ.

މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ރިކަރެންޓު ހަރަދުތަކަކީ ޓެކްސް އާމްދަނީން އެކަނި މެނޭޖު ކުރެވެން ޖެހޭނެ ހަރަދުތަކަށް ވާން ޖެހެ އެވެ. އެހެންކަމުން އެ ފައިސާއިން އެ ހަރަދުތައް މެނޭޖުކޮށް، އެމްއެމްއޭއިން އިތުރަށް ފައިސާ ނުނަގާ ގޮތަށް ހެދުމުން ވެސް ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އުމަރު ފަދައިން އިލްޔާސް ވެސް ހުށަހެޅުއްވީ "އެފިޝެންޓް" ސަރުކާރެއް އެކުލަވާލުމަށެވެ. އިގުތިސޯދަށް ތަކާނެ ވަރަށް މަގާމުތައް ބެހެއްޓުމުން ރިކަރެންޓު ޚަރަދު ކުޑަކުރެވޭނެ އެވެ. އިލްޔާސްގެ އިތުރުން ފާރިސް، އަދި ގާސިމް ވެސް ފާހަގަ ކުރެއްވި ކަމަކީ ކޮރަޕްޝަން މަދު ކުރުމެވެ.

ރީފައިނޭންސްކޮށް އަދި ގްރާންޓުގެ އެހީގައި އަވަހަށް ދަރަނީގެ ބޮޑު ބައެއް ކަވަރު ކުރުމަށް ރައީސް ސޯލިހުގެ އިތުރުން ގާސިމާއި ފާރިސް ހުށަހެޅުއްވި އެވެ.

ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ރީފައިނޭންސްގެ އިތުރުން އިގުތިސޯދު ރަނގަޅުކޮށް އޭގެ ތެރެއިން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ސައިޒު 350 އާއި 400 މިލިއަން ޑޮލަރުގެ ދެމެދުގެ އަދަދަކަށް ބޮޑުކުރުމެވެ. ގާސިމް ވިދާޅުވަނީ ގްރާންޓް ނުވަތަ އެހީގެ ގޮތުގައި 600 މިލިއަން ޑޮލަރު ލިބުމުގެ ޕްލޭނެއް އޮތް ކަމަށެވެ. ފާރިސް ހުށަހެޅުއްވީ ދަރަނި ދައްކަން އޮތް ވަރަށް ރީފައިނޭންސްކޮށް އަވަހަށް ދެއްކުމެވެ.

ނަމަވެސް އިލްޔާސް ވިދާޅުވީ ދަރަނި ދެއްކުމަށް އެއަށް ވުރެ ބޮޑު ދަރަންޏެއް ދެއްކުމަކީ ދަރަނި މެނޭޖު ކުރުމަށް ރަނގަޅު ވިސްނުމެއް ނޫނެވެ. ދަރަނި ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް ފުރަތަމަ ވެސް ބައެއް ފިޔަވަޅު އަޅަން ޖެހޭ ކަމަަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެ ގޮތުން ދަރަނި ރީސްޓްރަކްޗާ ކުރަން މަޝްވަރާކޮށް، ދަރަނި ދެއްކުމަށް ލިބިދޭ ގްރޭސް ޕީރިއަޑް އިތުރުކުރުން އޭނާގެ ޕްލޭނުގައި އެބަ އޮތެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަށް އިގުތިސޯދު ރަނގަޅު ކުރުން މުހިންމު ކަމަށް ހުރިހާ ކެންޑިޑޭޓުން ވެސް އެއްބަސްވެ އެވެ. މަސްވެރިކަމާއި ޓުއަރިޒަމާއި، ގަނެވިއްކުމުގެ ވިޔަފާރިތައް މެދުވެރިކޮށް އެ ދާއިރާތައް ފުޅާކޮށްގެން ދަރަނި ދެއްކޭ ވަރަށް އިގުތިސޯދު ރަނގަޅު ކުރެވޭނެ ކަމަށް ގިނަ ކެންޑިޑޭޓުން ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރެއިން އުމަރާއި، ފާރިސް، އަދި ނާޒިމްގެ ބާރު އެޅުއްވީ އިގުތިސޯދު ޑައިވާސިފައި ކުރުމެވެ. އުމަރުގެ ވިސްނުމަކީ ރާއްޖޭގެ ލޮކޭޝަން ބޭނުންކޮށް ޓްރާންޝިޕްމަންޓް އިންޑަސްޓްރީ އުފައްދައި ފުޅާ ކުރުމެވެ. ފާރިސްގެ މެނިފެސްޓޯގައި އޮތީ ޑިޖިޓަލް ކްރިއޭޓިވް ސެކްޓަރު އުފެއްދުމެވެ. ނާޒިމް ވެސް ހުށަހެޅުއްވީ އެޑިއުކޭޝަނަލް ސެކްޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އިންޑަސްޓްރީއެކެވެ.

ދަރަނި ދެއްކުމަށް ޓެކްސް ބޭސް ނުވަތަ ބޮޑު ޓެކްސްއެއް ދެއްކޭ ވަރަށް ފަރުދުންގެ އާމްދަނީ އިތުރުކުރުމުގެ ވިސްނުމެއް އޮތް އިރު އާ ޓެކްސްއެއް ތައާރަފުކުރުމުގެ ވިސްނުން ގެންގުޅުއްވީ ޒަމީލު އެކަންޏެވެ. ޒަމީލު ވިދާޅުވީ އޭނާ ބޭނުންވަނީ ވެލްފެއާގެ ނަމުގައި އާ ޓެކްސްއެއް ހުށަހެޅުމަށެވެ.

ޚާރިޖީ ސިޔާސަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެނިގެން ދިޔަ ކަމަކީ، އަބަދުވެސް ރާއްޖޭން ގާތް ގުޅުމެއް ބާއްވަމުން ދިޔަ އަވައްޓެރި އިންޑިއާއާ ގުޅުން ހީނަރުވެ އިންޑިއާއާ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ތަނެވެ. އޭރު އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގީ ޗައިނާއިން ދިން ލޯނުތައް މެދުވެރިކޮށެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ކުރިން އޮތް ޗައިނާގެ ގުޅުން އެ ވަރަށް ނެތް ނަމަވެސް ކޮންމެ ވެސް ވަރަކަށް ހިފަހައްޓައި އިންޑިއާއާ އެކު ބޭއްވި މާ ގާތް ގުޅުމެކެވެ. ބޮޑެތި މަޝްރޫއުތަކުގެ އިތުރަށް ރަށްރަށުގެ ކުދިކުދި މަޝްރޫއުތައް ވެސް ހިންގަނީ އިންޑިއާގެ ލޯނު ނޫނީ އެހީ މެދުވެރިކޮށެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސިޔާސަތު ދިފާއުކުރައްވައިފަ އެވެ. އެ ސިޔާސަތުގެ ސަބަބުން ޗައިނާއާ ވެސް ގުޅުން ގޯސްނުވާ ކަމަށް ވިދާޅުވި އެވެ. އައްޑޫގެ ޓުއަރިޒަމް ޕްރޮޖެކްޓް މިސާލެއްގެ ގޮތުގައި ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޗައިނާއިން މިހާރު ވެސް ގިނަ އެހީ ލިބޭ ކަމަށާއި ގުޅުން ގޯސްނުވާ ކަމަށެވެ.

މި މައްސަލާގައި މުއިއްޒު ވަނީ ޔާމީނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދިފާއު ކުރައްވައިފަ އެވެ. މުއިއްޒު ވިދާޅުވީ އޭރު ވެސް ވިސްނުމަކީ ދިވެހީންގެ އަމިއްލަވަންތަކަމަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާ މެދު ގުޅުން ބޭއްވުމެވެ. އަދި އޭރު ވެސް އަރަބި ގައުމުތަކާއެކު ބޭއްވި ގުޅުންތަކުގެ ސަބަބުން، އެ ގައުމުތަކުން ރާއްޖެއަށް ފައިދާ ލިބި އެ ތަންތަނުގައި އުޅޭ ދިވެހީންނަށް ވެސް ފައިދާ ލިބިފައިވާ ކަމަށެވެ.

ރައީސް ސޯލިހާއި މުއިއްޒު ވެސް ވިދާޅުވީ އެ ސިޔާސަތުތަކުގައި އިސްކުރީ ދިވެހިންގެ މަސްލަހަތު ކަމަށެވެ. އެހެން ކެންޑިޑޭޓުން ވެސް ވިދާޅުވީ އެ ބަޔަކު އިސްކުރާނީ ދިވެހީންގެ މަސްލަހަތު އިސްވާނެ ޚާރިޖީ ސިޔާސަތެވެ. ނަމަވެސް އެހެން ކެންޑިޑޭޓުން ވަނީ ރައީސް ސޯލިހާއި ރައީސް ޔާމީނުގެ ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.

ގައުމީ ސަލާމަތް;

ރައީސް ސޯލިހާއި ޒަމީލް ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ނެޝަނަލް ސެކިއުރިޓީގެ އެންމެ ބޮޑު އެއް މައްސަލައަކަށްވީ އިންޑިއާއިން ދިވެހި ސަރުކާރަށް ދިން ހެލިކޮޕްޓަރުތައް ދުއްވަން ސިފައިން ތިބުމެވެ.

ބައެއް ކެންޑިޑޭޓުންނަށް އެ ކަން މައްސަލައަކަށް ވީ މަރުހަލާތައް ގެންދިޔަ ގޮތެވެ. ގާސިމް ފާހަގަ ކުރައްވާ ކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާ ހިއްސާކޮށް ރުހުން ހޯދުމުގެ މަރުހަލާ ވެސް ނުގެންދިޔުމެވެ. އިލްޔާސްގެ ކަންބޮޑުވުން އޮތް ކަމަކީ އެ މައުލޫމާތުތައް ހާމަނުކުރާތީ އެވެ. މައުލޫމާތުތައް ނުދީ ހިފަހައްޓަނީ އޭގައި ގައުމީ ސަލާމަތާ ގުޅުން ހުރި ގޯސްތަކެއް ހިމެނޭތީ ކަމަށް ދެކުމުގެ ފުރުސަތު އޮތުމެވެ.

އުމަރާއި މުއިއްޒާއި ފާރިސް އަދި ނާޒިމަށް ސިފައިން ތިބުން މުޅީން ގޯހެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އެ ސިފައިން ފޭބުމަށް އަންގަވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ފާރިސް އިތުރަށް ފާހަގަ ކުރެއްވި އެހެން ނުކުތާއަކީ ސިފައިން ނުފާބާނަމަ އދ. ގެ ސަލާމަތީ ކަންކަމުގެ ކައުންސިލް ނުވަތަ ސެކުރިޓީ ކައުންސިލަށް ވެސް އެ މައްސަލަ ހުށަހަޅައިގެން ގެންދިޔުމެވެ.

އިޔްލާސް އަދި ގާސިމް ވެސް ވަނީ ރާއްޖޭގެ ގައުމީ ބާރުތަކަށް ބާރު ފޯރުވޭ ގޮތަށް އެހެން ގައުމެއްގެ ބަޔަކު ގާއިމުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ބޯހިޔާވަހިކަމުުގެ މައްސަލަ؛

ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ބަހުސް ބޮޑުވީ ވެސް މި މައުޟޫއަށެވެ. އެކި ކެންޑިޑޭޓުންގެ އެއް ސިޔާސަތާއި ދެން އެ ކަމުގައި ގެންގުޅޭ ސިޔާސަތާ އަޅާ ކިޔައި އެކި ސުވާލު އުފައްދައި، ބަހުގެ ހަމަލާތައް ރައްދު ކުރެވިގެން ދިޔަ އެވެ.

އެ ބަހުސް ފެއްޓީ ކެންޑިޑޭޓު ނަންބަރު ތަރުތީބުގެ އިދިކޮޅުންނެވެ. ފުރަތަމަ ނާޒިމެވެ. ދެން އިލްޔާސެވެ. ފާރިސް، ގާސިމް، މުއިއްޒަށް ފަހު ރައީސް ސޯލިހެވެ. ރައީސްގެ ވާހަކާގައި މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ގުޅީފަޅުން ގޯތި ނުދިން ވާހަކައަށް އަލިއަޅުވައިލުމުން މުއިއްޒަށް އެއަށް ރައްދު ދެއްވަން ބޭނުންވި އެވެ. އެ ކަމަށް އޭނައަށް 30 ސުކުންތު ދޭން މޮޑެރޭޓަރު ފުރުސަތު ދިނެވެ.

ރައީސް ހިއްސާކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން އަމަލީ ގޮތުން މިހާރު ވެސް ގެންގުޅޭ ސިޔާސަތެވެ. އެމަނިކުފާނު ވިދާޅުވީ ގެދޮރުގެ މައްސަލަ އެންމެ ބޮޑަށް އޮތީ މާލެ ސަރަހައްދަށް ކަމަށެވެ. އެ ކަން ހައްލު ކުރުމުގެ ގޮތުން މިހާރު ވެސް މާލެ ކައިރީ އޮތް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި، މާލެ މީހުނަށް ބިން ދީފައިވެ އެވެ. އެއިން ބޮޑު ހައްލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ފަޅުތައް ހިއްކައިގެން މާލެ މީހުނަށް ބިން ދޫކުރުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުނަކީ މާލެ މީހުންނަށް ވަރަށް އިހާނެތިކޮށް ދެކޭ މީހުންގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. ރައީސް އެހެން ވިދާޅުވި އިރު، ވާދަވެރި ބައެއް ކެންޑިޑޭޓުން ދައުލަތުގެ ޚަރަދުން ހިއްކާ ބިންތައް ވަކި ބަޔަކަށް ދޭން ދެކޮޅެވެ.

މި ވާހަކަތަކާ އެކު ގިރާވަރުފަޅާއި ގުޅީފަޅު ހިއްކައި ނިމޭނެ ވަގުތަކާ ގުޅޭ ގޮތުން މޮޑެރޭޓަރު ސުވާލުކޮށް ރައީސް ތާރީޚުތަކެއް ދެއްވަމުން ގެންދެވި އެވެ. ބަހުސް ބޮޑުވީ ފާރިސް މައުމޫން ކުރެއްވި ސުވާލަކާ އެކު އެވެ. ފާރިސްގެ ސުވާލަކީ ވިސްނުމުގައި އޮތީ މާލެ ކައިރީ އޮތްހާ ފަޅެއް ހިއްކައި މާލެ ސަރަހައްދު ބޮޑުކޮށް، މާލެ ސަރަހައްދަށް ރާއްޖޭގެ މުޅި އާބާދީ އެއްފަސްކުރުން ހެއްޔެވެ.

މީގެ ރައްދުގައި ރައީސް ސޯލިހު ވިދާޅުވީ އެ ބިންތައް ދެނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އެހެންކަމުން މާލެ ތޮއްޖެހުމުގެ މައްސަލަ ދިމާނުވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ފާރިސް ވިދާޅުވީ މާލެ ސަރަހައްދަށް އިތުރަށް ބޮޑެތި އިންވެސްޓްތައް ކުރުމުގެ ބަދަލުގައި މިހާރު ވެސް ބިން ހުރި އެހެން ސަރަހައްދުތަކަށް އެހެން އިންވެސްޓްމަންޓްތައް ބަދަލުކުރުމަށެވެ. ނާޒިމް ވެސް ވިދާޅުވީ އުތުރާއި ދެކުނުގައި އާބަން ސެންޓާއެއް އުފައްދާނެ ކަމަށެވެ. އަދި ގާސިމް ވެސް ވަނީ އޭނާގެ މެނިފެސްޓޯގައި ހަތް ސަރަހައްދެއް ތަރައްގީކޮށް، އެ ސަރަހައްދުތަކުން ބިމާއި ގެދޮރު ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެކި ބޭފުޅުން ގެންގުޅުއްވަނީ އެކި ސިޔާސަތެވެ. ރައީސް ސޯލިހާއި މުއިއްޒުގެ ވިސްނުން ބޮޑަށް ހާމަކުރެއްވީ ސޯޝަލް ހައުސިންގެ ޔުނިޓް އިތުރުކުރުމަށެވެ.

އިލްޔާސްގެ ވިސްނުން އޮތް އަނެއް ކަމަކީ އެ ކަން ކުރާއިރު މާލޭގެ ތޮއްޖެހުން ހައްލުކުރަން ތޮއްޖެހިފައިވާ ކޮށިތަކުން މީހުން ހުސްކޮށް ވަކިން ޚާއްސަ ސްކީމެއް ގެންގުޅުމެވެ. އިލްޔާސާއި ފާރިސް ވެސް ވަނީ ހައުސިން ސަބްސިޑީގެ ވާހަކަ ދައްކަވައިފަ އެވެ.

ތުހުމަތުތަކާއި، ދިން ރައްދުތައް

ކެންޑިޑޭޓުންނަށް އެކި ކެންޑިޑޭޓުން ތުހުމަތު ކުރަން ފެށީ ނެޝަނަލް ސެކިއުރިޓީގެ މައުޟޫއާ ހިސާބުންނެވެ. މި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ފާޑުކިޔުމަކީ އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ އުޅަނދުތައް ދުއްވަން އިންޑިއާގެ މިލިޓަރީގެ މަސައްކަތްކުރާ މީހުން ތިބުމެވެ.

ސަރުކާރުން ބުނާ ގޮތުގައި އެއީ އިންސާނީ ހިދުމަތްތައް ދިނުމަށް ތިބި ހިއުމާނިޓޭރިއަން ޓެކްނީޝިއަނުންނެވެ.

ނެޝަނަލް ސެކިއުރިޓީއާ ގުޅުން ހުރި އެންމެ ބޮޑު މައްސަލަ ގޮތުގައި ވާދަވެރި ކެންޑިޑޭޓުން ސިފަކުރީ މި ކަމެވެ. އިންޑިއާ ސިފައިން ތިބި ކަމުގެ ތުހުމަތަށް ރައީސް ސޯލިހު ޖަވާބު ދެއްވައި އެ ކަން ދޮގު ކުރައްވަން ޖެހިވަޑައިގަތް އިރު ވާދަވެރި ކެންޑިޑޭޓުންނަކީ ކުރީގެ ސަރުކާރުތަކުގެ ބައިވެރިންނެވެ.

އިންޑިއާގެ ހެލިކޮޕްޓަރެއް އެންމެ ފުރަތަމަ ރާއްޖެ ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރެވެ. ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް އިން އިލްޔާސް ވާދަކުރައްވަ އެވެ.

އިތުރު ހެލިކޮޕްޓަރެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންނެވިއިރު އެމަނިކުފާނު ލީޑްކުރައްވާ ޕީޕީއެމް/ޕީއެންސީން މުއިއްޒު ވާދަކުރައްވަ އެވެ. އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް، އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވަ އެވެ.

ރައީސް ސޯލިހު ދެއްވި ޖަވާބަކީ އެއްވެސް އިރެއްގައި ރާއްޖޭގައި މިލިޓަރީ ބޭނުމެއްގައި ބޭރު ގައުމެއްގެ ސިފައިން ބޭސްވެގެން ނުތިބޭ ކަމަށެވެ. އެކި ތަމްރީނުތަކަށް ބޭރުގެ ސިފައިން އައިސް އުޅޭ ކަމަށާއި، އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ޗައިނާއާއި އިނގިރޭސިވިލާތާއި އެހެން ގައުމުތައް ވެސް ހިމެނެ އެވެ.

އެ ވަގުތު އުމަރު ނަސީރު ވަނީ އިންޑިއާއިން ރައީސްގެ ކެމްޕެއިނަށް ފަންޑުދޭ ކަމަށް ތުހުމަތު ކުރެއްވި އެވެ. އޭގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން ފައިސާގެ އެހީ ކެމްޕެއިނަށް ހޯއްދަވާފައި ނުވާނެ ކަމަށެވެ.

އިލްޔާސްއަށް ނަޝީދުގެ ސަރުކާރާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އަސްކަރީ ގުޅުންތައް ދޭދޭ ގައުމުތަކާ މެދު ބާއްވާން ޖެހޭ ކަމަށެވެ. މި ސަރުކާރުގެ މައްސަލައަކީ އެ ކަންކަން ސިއްރު ކުރާތީ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ހެލިކޮޕްޓަރުގެ އެއްބަސްވުމުގައި ނާޒިމް ސޮއިކުރެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އޭރުގެ ހާލަތާއި މިއަދުގެ ހާލަތު ތަފާތު ކަމަށެވެ. އޭރު އެގްރިމަންޓްގައި އޮތީ ވެސް ދިވެހިން ތަމްރީނުކޮށް ސިފައިން ދިޔުމަށެވެ. އަދި މިހާރު އެއާޕޯޓްތައް ގިނަވުމުން، ހެލިކޮޕްޓަރުތަކުގެ ބޭނުމެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ މައުޟޫއާ ގުޅޭ ގޮތުން ސުވާލުކުރުމާ އެކު ވެސް ގިނަ ތުހުމަތުތަކެއް އަންނަން ފެށި އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން ޖަލަށްލި އެވެ. އޭގެ ދިފާއުގައި މުއިއްޒު ވާހަކަ ދައްކަވަން ޖެހުނެވެ. މުއިއްޒު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ސިޔާސީ ބޭފުޅަކަށް ވެސް ތަހުގީގު ހިނގުމާއި ޝަރީއަތް ހިންގަވާފައިވަނީ މިނިވަންކަމާއެކު އެ އޮންނަ އުސޫލުގެ ތެރެއިން، ތަހުގީގީ އިދާރާތަކާއި ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އެހެން ލީޑަރުންނަށް ވާދަކުރަން ފުރުސަތު ލިބުނު ނަމަވެސް، ޔާމީނަށް ފުރުސަތެއް ނުލިބެ އެވެ. ޔާމީނުގެ ވެރިކަމުގައި ހިންގެވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ތަންފީޒު ކުރައްވަމުން ގެންދަވާތީ އެވެ. ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ އެއްވެސް ނުފޫޒެއް އެއްވެސް ޝަރީއަތަކަށް ނުފޯރުވާ ކަމަށެވެ.

އުނިވި ބޮޑެތި މައްސަލަތަކާއި ދާއިރާތައް

- ޖުޑިޝަރީ އާއި އިންސާނީ ހައްގުތައް

- މަސްތުވާތަކެއްޗާއި ކުށުގެ ވެށި

- ލާމަރުކަޒީ ނިޒާމާއި ގައުމީ ތަރައްގީގެ ޕްލޭން

- މޫސުމީ ބަދަލުތަކާއި ތިމާވެށި

- ކޮރަޕްޝަން

- ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑު

ބަހުސްގެ މޮޑެރޭޝަނާއި އިންތިޒާމުތަކާ މެދު ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ބަހުސަކަށް ތިން ގަޑިއިރެއްހާ އިރު ވަގުތު ހޭދަވެގެން ދިޔައިރު ހުރިހާ މައުޟޫއަކަށް އަލި އަޅުވައިލުމަކީ ވެސް ދަތި ކަމެކެވެ.

އެހެން ނަމަވެސް އެއް މައުޟޫއުގެ ތެރެއިން އެހެން މައުޟޫއުގެ ބަހުސް އުފެދި ދިޔަ ތަން ފެނުނެވެ. މި ގޮތުން ސިޔާސީ މީހުން ޖަލަށްލުމުގެ ސަގާފަތުގެ ވާހަކައިގެ ތެރެއިން ޖުޑިޝަރީއާއި، އިންސާނީ ހައްގުތަކާއި، މަސްތުވަތާކެއްޗާއި ކުށުގެ ވެށި އިޖުތިމާއީ މައުޟޫއުތަކަށް އަލި އަޅުވާލައި ވާހަކަ ދައްކަން ފެށި އެވެ.

ސިޔާސީ މީހުންގެ ސުވާލުން ފާރިސް މައުމޫން ދިން ޖަވާބަކީ ވެސް މި ތަނުގައި ދައްކަންވީ އާންމު ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށެވެ. އަދި އިލްޔާސް ވެސް ވަނީ ސިޔާސީ މީހެއްގެ ފަހަތުން ނޫޅޭނެ ކަން ފާހަގަކޮށް އުޅެންވީ ޖުޑިޝަރީއާއި މަރުތައް ފަދަ މައްސަލަތަކުގެ ތަހުގީގުގެ ވާހަކަ ދެއްކެވުމަށް ކަމަށް ވިދާޅުވެފަ އެވެ. ބައެއް އެހެން ކެންޑިޑޭޓުން ވެސް އެ ސުވާލަށް ނުރުހުން ފާޅުކުރި އެވެ.

ގެދޮރުގެ މައުޟޫއުގެ ތެރެއިން ލާމަރުކަޒީ ނިޒާމާއި ސަރަހައްދީ ތަރައްގީގެ ވިސްނުން ހިއްސާކުރަން ފެށި އެވެ. އެއީ ވެސް ބޯހިޔާވަހިކަމުގެ މައި ސިޔާސަތު ފާހަގަކުރުމަށް ފަހުގަ އެވެ. ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލުތަކާއި ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި އަލިއަޅުވާލާފައިވާ ދާއިރާތަކެވެ.

ދަރަނި ރީސްޓްރަކްޗާގެ މައުޟޫއުގެ ތެރެއިން، ވަނީ ކޮރަޕްޝަންގެ ވާހަކަ ދެއްކެވީ އިލްޔާސް، ފާރިސް، އަދި ގާސިމެވެ. އޭގެ ފަހުން އެންމެ ފަހު ސުވާލަށް އައި ސިއްހީ ނިޒާމުގެ ވާހަކަ ދައްކަވަމުން ޒަމީލް ވަނީ ގިނަ މައްސަލަތައް ގުޅިލައިމެހޭ މައިގަނޑު މައްސަލައިގެ ގޮތުގައި ކޮރަޕްޝަން ފާހަގަ ކޮށްފަ އެވެ.

ބައެއް ދާއިރާތަކުން ސުވާލު އަމާޒުވި ގޮތުން ބައެއް ކެންޑިޑޭޓުން ވެސް އެ ކަން ފާހަގަ ކުރި އެވެ. އެ ގޮތުން ސިއްހީ ނިޒާމުގެ ސުވާލު އަމާޒުވި އިރު ހަމައެކަނި ކޮލިޓީ ބޭސް އެތެރެކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބައެއް ކެންޑިޑޭޓުން ވަނީ އެ ސެކްޓާއަކީ މުހިންމު ސެކްޓާއެއްކަން ފާހަގަކޮށްފަ އެވެ.