2 ސެޕްޓެންބަރު 2023 - 13:32 0
މުހައްމަދު އުޝާމް
މިދިޔަ މާޗު މަހު ރައީސް ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސް އެޅި މަންޒަރު - ފޮޓޯ: ޝަހީދު ޕީޕީއެމް
2 ސެޕްޓެންބަރު 2023 - 13:32 0
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރައްވަަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން، އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަކީ ނަފުސާނީ ބައްޔެއް ކަމަށްވާ، ސްކިޒޮފްރޭނިއާ ފަރުވާ ހޯދަމުންދާ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ. އަދި އެއީ ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ފަރުވާދީ ބަލަހައްޓަމުން އަންނަ ޕޭޝަންޓެއް ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މީހާއަކީ އެ މިނިސްޓްރީގެ މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާ ދެމުންދާ މީހެއް ނޫން ކަމަށެވެ.
ސްކިޒޮފްރޭނިއާއަކީ ވުޖޫދުގައި ނެތް ކަންކަމަކީ ހަގީގަތް ކަމަށް ބަލި މީހާއަށް ގަބޫލު ކުރެވޭ ނަފުސާނީ ބައްޔެކެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓާ ހަވާލާދީ، ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި މަޑުކުރަން ފުލުހުން އެންގުމުން ވެސް ކިޔަމަން ނުވެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ކޯޓުގައި އޭނާ އެއްބަސްވެފައިވެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް މަސްތުގެ ހާލަތުގައި ހުރެގެން ދެ ފަހަރު ހައްޔަރުކޮށްފައިވާ ކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
މި ހާދިސާ ހިނގި ތާރީހު ކޯޓު އަމުރުގައި ބަޔާންކޮށްފައި ނުވުމުން "އަދަދު" ނޫހުން އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ ހާދިސާ ވެސް ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އިއްޔެގެ ވަގުތެއްގައި މިފަދަ ކަމެއް ހިނގިއިރު ރޭ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިނުގެ ބޮޑު ޖަލްސާއެއް ވެސް މާލޭގައި އޮތެވެ.
މީގެ ކުރިން މާޗު 2، ގައި ވެސް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް މަގުމަތީގައި މުޒާހަރާކުރަމުން ދަނިކޮށް މުޒާހަރާ އޮތް ސަރަހައްދުން ރައީސް ސޯލިހު މޮޓޯކޭޑަށް ހުރަސް އަޅައިގެން އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.
މާޗް 20، ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅީ އެމަނިކުފާނުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށް ފަހު މާލެ ވަޑައިގެންނެވި ވަގުތެވެ. މޮޓޯކޭޑު ތާާށިވެ 15 ވަރަކަށް މިނެޓު އެ ސަރަހައްދުގައި އޮތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment