Advertisement

އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމުން ތާރީހީ މެޑަލް ހޯދައިފި!

2 ސެޕްޓެންބަރު 2023 - 08:36 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ އަންހެން ރިލޭ ޓީމުގެ އެތުލީޓުން މެޑަލްއާ އެކު. (ކ.ވ) އަހްނާ، އަލްހާ، ރޫޔާ އަދި ހިމްނާ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމުން ތާރީހީ މެޑަލް ހޯދައިފި!

2 ސެޕްޓެންބަރު 2023 - 08:36 0

މަޑަގަސްކަރާގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ޓީމް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި އަންހެން ރިލޭ ޓީމުން ހޯދި ފުރަތަމަ މެޑަލް ރާއްޖެ އަށް ހޯދައިދިނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިން އެވެ.

ހަތަރެއް ގުނަ 100 މީޓަރު ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 47.03 ސިކުންތުން ދުވެގެންނެވެ. އެއް ވަނަ ހޯދީ 44.82 ސިކުންތުން ދުވެގެން މަޑަގަސްކަރަ އެވެ. ދެ ވަނަ ހޯދީ 46.56 ސިކުންތުން ދުވެގެން މޮރީޝަސް އެވެ. ރާއްޖޭން ތިން ވަނަ ހޯދީ ރީޔޫނިއަން އާއި ސީޝެލްސް ފަހަތަށް ޖައްސާލުމަށްފަހުގަ އެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވިއިރު އަންހެން ރިލޭ ޓީމުން މެޑަލް ހޯދުމަކީ އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް އަމާޒެވެ. އެ ގޮތުން ގައުމީ ރިލޭ ޓީމުން އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްކުރި އެވެ.

މިދިޔަ އަހަރެއްހާ ދުވަހު ރިލޭ ޓީމުން ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދި އެވެ. މި ގޮތުން މިދިޔަ އަހަރުގެ ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ރިލޭ ޓީމުން ގައުމީ ރެކޯޑު އާކުރި އެވެ. އޭގެ ހަ ދުވަސް ފަހުން އަނެއްކާވެސް އެ ރެކޯޑު އާކުރި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ރިލޭ ޓީމުން ރޭސް ނިންމައި ގައުމީ ރެކޯޑު އާކުރީ 48.21 ސިކުންތުންނެވެ.

ގައުމީ އަންހެން ރިލޭ ޓީމުން އިއްޔެ ބޭއްވި އިވެންޓަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން ގައުމީ ދިދަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އިއްޔެ ކުރިއަށްދިޔަ އެތުލެޓިކްސްގެ އެހެން އިވެންޓުތަކަށް ބަލާއިރު 200 މީޓަރު ދުވުމުގެ އަންހެން އަދި ފިރިހެން ފައިނަލުގައި ރާއްޖޭގެ ދުވުންތެރިން ވާދަކުރި އެވެ. އެ ގޮތުން ފިރިހެން ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ހަސަން ސާއިދު ރޭސް ނިންމީ 21.58 ސިކުންތުންނެވެ. އޭނާ އަށް ލިބުނީ ރޭހުން ފަސް ވަނަ އެވެ. މި ރޭހުގައި ވާދަކުރި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު މިންހާލް ޝާމިން ދިޔައީ އަށް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 22.55 ސިކުންތުންނެވެ.

އޭގެ އިތުރުން، 200 މީޓަރު ދުވުމުގެ އަންހެން ފައިނަލުގައި ރާއްޖޭގެ އާމިނަތު ލަޔާނާ މުހައްމަދު ވެސް ވާދަކުރި އެވެ. ލަޔާނާ ރޭސް ނިންމީ 26.30 ސިކުންތުންނެވެ.

މިއަހަރުގެ އައިއޯއައިޖީ އަށް ބަލާލާއިރު އެތުލެޓިކްސްގެ މިކްސް ރިލޭ ޓީމުންވެސް މެޑަލް ހޯދި އެވެ. ސާއިދު، ހިމްނާ، ޒިވާ މޫސާ ޝަފީއު އަދި ހުސައިން ރިޒާ ހިމެނޭ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދި އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޕެރަ ދެ އެތުލީޓުންކަމަށްވާ އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް ވަނީ ދެ އެތުލީޓުން ވެސް ދުވި އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.