1 ސެޕްޓެންބަރު 2023 - 22:40 0
މުހައްމަދު ޝަހްޒާން
ތެޔޮ ރައްކާކުރާ ފޮނަދޫ
1 ސެޕްޓެންބަރު 2023 - 22:40 0
މާލޭގެ އުތުރުން ދޫނިދޫއާ ދެމެދުގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރި އާއި ޓޫރިޒަމް ސެންޓަރެއްގެ ގޮތަކަށް ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.
މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ބޮޑު ޖަލްސާގައި އިއުލާނުކުރި "އުފާވެރި މާލެ" މެނިފެސްޓޯގައި ވަނީ ފުނަދޫއާއި މާލެއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި އެރަށުގައި ކޮންވެންޝަން ސެންޓަރަކާއި ޝޮޕިން މޯލްތަކުގެ އިތުރުން ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ހިމަނައިފަ އެވެ. އެ މެނިފެސްޓޯގައި ވާގޮތުން އެ ސިޓީ ހޮޓާ ތަރައްގީ ކުރާނީ މުނިފޫހި ފިލުވުމަށް ހާއްސަ ވަސީލަތްތައް ހިމެނޭ ގޮތަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ވެސް މިހާރު ބޭރު ގައުމަކުން ހަމަޖެހިފައިވާ ކަމަށެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ކިޔައިއުޅޭ މާކުންބެ ވާހަކައާ ގުޅިފައި އޮތް ފުނަދޫއަކީ މިހާރު އެސްޓީއޯއިން ތެޔޮ ރައްކާ ކުރުމަށް ބޭނުން ކުރަމުން އަންނަ ރަށެކެވެ. އެ ރަށަކީ މީގެ ކުރިން އެއްވެސް އިރެއްގައި މީހުން ދިރިއުޅުނު ރަށެއް ނޫނެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ފުނަދޫ ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅެފައިވެ އެވެ.
ފުނަދޫގެ އިތުރުން އެ މެނިފެސްޓޯގައި ވަނީ ކ. އާރަށް ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ސަފާރީ މެރީނާ އަދި ހާބަރެއް ގާއިމު ކުރުމަށް ވެސް ހިމަނައިފަ އެވެ. އެ ފަޅުގައި ގާއިމު ކުރުމަށް ނިންމާފައިވާ ސަފާރީ މެރީނާއަކީ މީގެ ކުރިން ހުޅުމާލޭގައި ގާއިމު ކުރުމަށް ނިންމާފައި އޮތް ތަނެކެވެ. އެހެންނަމަވެސް އެ މެރީނާ ދިޔަނެރު ފަޅުގައި ގާއިމު ކުރުމަށް މެނިފެސްޓޯގައި ހިމާފައި މިވަނީ ހުޅުމާލެ ފޭސް ދޭކުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އެ ބިން އިތުރަށް ހިއްކަން ނިންމުމާ ގުޅިގެންނެވެ
މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް ސޯލިހު ވާހަކަ ދައްކަވަނީ: ފުނަދޫ ތަރައްގީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިރޭ އިއުލާނު ކުރި މެނިފެސްޓޯގައި ވަނީ މާލޭގައި ހުރި ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރުމާއި ގުޅީފަޅާއި ގިރާވަރު ފަޅުގައި ހިއްކާ ބިމުގައި ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ އިތުރުން އެތަނަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތްތައްތަކާއި މީހުން ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ހިމަނައިފަ އެވެ.
އޭގެ އިތުރުން މާލެ ކޮމާޝަލް ހާބަރާއި އަތޮޅު ތެރެއަށް މުދާ އުފުލުމަށް މުދާ އަރުވައި ބޭލުމުގެ ހަރަކާތްތައް ގުޅީފަޅަށް ބަދަލު ކުރުން ހިމެނެ އެވެ. އެއާއެކު ޒަމާނީ ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓަކާއި މަލްޓި ސްޓޯރީ ޕާކިން ފެސިލިޓީއާއި ތަފާތު އެކި މުނިފޫހިފުލުވުމުގެ ވަސީލަތްތައް ގުޅީފަޅުގައި ތަރައްގީ ކުރާނެ އެވެ. އަދި އެތަނުގައި ކްރޫސް ޓާމިނަލަކާއި ފެރީ ޓާމިނަލަކާއި ޝޮޕިން މޯލެއްގެ އިތުރުން ހިތްފަސޭހަ، ހިނގާބިނގާވެ އުޅެވޭނެ ޖާގަ ހިމެނޭހެން އެ ސަރަހައްދު ތަރައްގީ ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނައިފައިވެ އެވެ.
Comment