1 ސެޕްޓެންބަރު 2023 - 10:26 0
1 ސެޕްޓެންބަރު 2023 - 10:26 0
ޒިއުރިކް (ސެޕްޓެމްބަރު 1) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަށް ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިން ބޮޑު އަގުގައި ގެންދިއުމަކީ ޔޫރަޕްގެ ފުޓްބޯޅަ އަށް އޮތް "ބިރެއް ނޫން" ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.
ސައުދީގެ ސަރުކާރުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) މެދުވެރިކޮށް ދޭ މާލީ އެހީތެރިކަމުގެ އެހީގައި އެ ގައުމުގެ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުން ވަނީ ޔޫރަޕްގެ ކްލަބްތަކުގެ ކޮންޓްރެކްޓްގައި ތިބި ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން މިއީ ކަންބޮޑުވާން ޖެހޭނެ ކަމެއްގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
އެކަމަކު، ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ޔުއެފާގެ ރައީސް ޗެފެރިން ވިދާޅުވީ މީގެ ކަންބޮޑުވާން ޖެހޭ ކަމެއް އަދި ނެތް ކަމަށެވެ. އަދި ޗެފެރިން މިސާލު ޖެއްސެވީ ޗައިނާ އިން މީގެ އަހަރުތަކެއް ކުރިން ހަރަދުކޮށްގެން ކުރިއެރުމެއް ނުލިބުނު ކަމަށް ވިދާޅުވެ އެވެ.
"ޗައިނީސް ސުޕަ ލީގުން ވެސް އެ ގޯސް ހެދި މީގެ ކުރިން. އަހަރެމެންނަށް ނުފެނުނު އެ ގޮތަށް އެކަން ކޮށްގެން ލިބޭނެ ކުރިއެރުމެއް. އެ މީހުން އެ ގެންދަނީ ކެރިއަރުގެ ފަހުކޮޅަށް ގޮސްފައި ތިބި ކުޅުންތެރިންނަށް ބޮޑު މުސާރަ ދީގެން. އެ ގޮތަށް އެކަން ކުރި ޗައިނާ އިން އެކަމަކު އެ ފަހުން، ޗައިނާ ފުޓްބޯޅަ ކުރިއެއް ނާރާ، އެ މީހުން ވޯލްޑް ކަޕަކަށް ވެސް ކޮލިފައިނުވޭ،" ޗެފެރިން ވިދާޅުވި އެެވެ.
ޗެފެރިން ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވާނަމަ ހަރަދުކުރަން ޖެހޭނީ އިންފްރާސްޓްރަކްޗާ އާއި ކޯޗުން ޑިވެލޮޕްމަންޓަށް ވެސް ބޮޑު މަންފާއެއް ކުރާ ގޮތަށް ލީގު ވަރުގަދަ ކުރުމަށް ކަމަށެވެ.
މަޝްހޫރު ޒުވާން ކުޅުންތެރިންނަށް އަދިވެސް އެންމެ ބޮޑު ޕްލެޓްފޯމަކީ ޔޫރަޕްގެ ފުޓްބޯޅަކަން ފާހަގަކުރައްވައި، ޗެފެރިން ވިދާޅުވީ މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ފަދަ ކުޅުންތެރިން ސައުދީ ލީގަށް ދާން ނުވިސްނާނެ ކަމަށެވެ.
Comment